ހަބަރު

ތަހުގީގަށް ސާމްޕަލްތައް ނެގުމަށް ފަހު އައްޔަ ވަޅުލައިފި

ރޭގެ ވަގުތެއްގައި ހެންވޭރު ގެއެއްގައި މަރުވެފައިވަނިކޮށް ފެނިފައިވާ ކުރީ ގެ ފިލްމީ ތަރި އަލީ އަހުމަދު (ހަތަރު އުދަރެސް އައްޔަ) ގެ ހަށިގަނޑު ވަޅުލައިފި އެވެ.

ފުލުހުން ބުނީ ރޭ މަރުވެފައި އޮއްވާ ފެނުނު އެ މީހާގެ ހަށިގަނޑު ވަޅުލީ ތަހުގީގަށް ބޭނުންވާ އެންމެހާ ސާމްޕަލްސްތަކެއް އޭނާގެ ހަށިގަނޑުން ނެގުމައްފަހުގައި ކަމަށެވެ. އައްޔަ ވަޅުލީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މަރުވި ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޔަ މަރުވެފައި އޮއްވާ ފެނުނީ، އޭނާގެ ހަބަރެއް ނުވެގެން ހ. ގާޑަންބިއުޓީ ގައި އޭނާ އުޅެމުންދާ ކޮޓަރި ހުޅުވައިގެން ބެލުމުންނެވެ. އައްޔަ މަރުވެފައި އޮއްވާ ފެނުނު އިރު، ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން އޭނާގެ މައްޗަށް ދައުލަތުން ވަނީ ބޮޑު ދައުވާއެއް އުފުލައިފަ އެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެ މައްސަލައިގައި އޭނާ ހުރީ ފުލުހުންގެ ބަންދުގަ އެވެ. އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.