ސިއްހަތު

ސްވައިން ފުލޫ: އަލާމާތްތަކާއި ފެތުރޭ ގޮތްތައް

Mar 14, 2017
3

އެޗް1އެން1 ނުވަތަ އެޗް5އެން1 ވައިރަހުން ޖެހޭ ސްވައިން ފުލޫ އަކީ އޫރުގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އެބަލި ޖެހުމުން ކެއްސުމާއި ކާހިތްނުވުމާއި ނޭފަތް ބެދުން ފަދަ ކަންތައްތައް ކުރިމަތިވެ އެވެ. އަދި މީގެ އިތުރުން ވެސް ގިނަ އަލާމާތްތަކެއް މި ބަލީގެ ސަބަބުން ފެނެ އެވެ. އެ ބައްޔަކީ އޫރުގެ ގައިން އިންސާނުންގެ ގަޔަށް ވެސް އަރާ ބައްޔެކެވެ. އެބަލީގެ ވައިރަހަކީ ބަދަލުވަމުންދާ ވައިރަހަކަށް ވާތީ އިންސާނުންގެ މެދުގައި މިވައިރަސް ބާރަށް ފެތުރޭ ގޮތްވެ އެވެ.

ބާރަށް ފެތުރޭ ރޯގާއެއް ގޮތަށް ދުނިޔޭގައި އެންމެ ފުރަތަމަ ސްވައިން ފްލޫ ފެތުރުނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އެބަލި ފެތުރުނީ އެޗް1އެެން1 ވައިރަހުންނެވެ. އެ ފަހަރު ބަލި އެންމެ ފުރަތަމަ ފެނުނީ މެކްސިކޯއިންނެވެ. ބަލީގެ އަލާމާތްތައް އާއްމުކޮށް ފެންނަން ފަށަނީ ބަލިޖެހޭތާ އެއްދުވަހާއި ހަތަރުދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ. ބަލިޖެހިފައިވާ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް ބަލި އަރަނީ އަލާމާތްތައް ފެންނަން ފެށުމުގެ އެއް ދުވަސް ކުރިންފެށިގެންނާއި އަލަމާތްތައް ފެންނަން ފަށާތާ ހަތް ދުވަސް ފަހުންނެވެ. ބައެއް މީހުންގެ ގައިން އެއަށް ވުރެ ދިގު މުއްދަތެއް ވަންދެން ވެސް އެހެން މީހުންގެ ގަޔަށް ބަލި އަރާގޮތް މެދުވެރިއެވެ.

ބަލި ޖެހޭ މީހަކު ރަނގަޅުވާން ހޭދަވާ މުއްދަތަކީ އާއްމުގޮތެއްގައި ހަފުތާއެކެވެ. ނަމަވެސް ސީރިއަސް ހާލަތަކަށް ގޮސްފި ނަމަ 10 ދުވަސް ވެސް ވެދާނެއެވެ.

ބަލި ފެތުރެނީ ކިހިނެތް؟

ސްވައިން ފްލޫ ގައިން ގަޔަށް އަރަނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާ ހަދާ އިރު ބޭރުވާ (ވައިރަސް އެކުލެވޭ) ކުޅު ތިއްކެއް އެހެން މީހެއްގެ އެތެރެހަށްޓަށް ދިއުމުންނެވެ. ބަލިޖެހިފައިވާ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް ބަލި އަރަނީ އަލާމާތްތައް ފެންނަން ފެށުމުގެ އެއް ދުވަސް ކުރިންނާއި އަލާމާތްތައް ފެންނަން ފަށާތާ ހަތް ދުވަސް ފަހުންނެވެ. ނަމަވެސް ދިފާއީ ނިޒާމު ބަލިކަށި ކުޑަކުދިންނާއި އުމުރުން ދުވަސްވެފައިވާ މީހުންގެ ގައިން އެއަށް ވުރެ ގިނަ ދުވަސް ވަންދެން ވެސް ބަލި ފެތުރެއެވެ. އެގޮތުން އެފަދަ މީހުންގެ ގައިން ބައެއް ފަހަރު 10 ނުވަތަ 14 ދުވަސް ވަންދެން ވެސް ބަލި ފެތުރެއެވެ.

ފަރުވާ ކުރާނީ ކިހިނެތް؟

ސްވައިން ފުލޫ ޖެހުމުން ފަރުވާ ކުރާނީ އެބަލީގެ އަލާމާތްތަކަށެވެ. މިސާލަކަށް ބަލީގެ ސަބަބުން ހުން އަންނަ ނަމަ ހުން ތިރުކުރަން ދޭ ބޭސްތައް ދީގެން ހުން ތިރިކުރާނީއެވެ. އެގޮތުން ހުން ދިރިކުރުމަށް ޑޮކްޓަރުންގެ އިރުޝާދާ އެކު ޕެރެސެޓްމޯލް ބޭނުން ކުރުން ހިމެނެ އެވެ. އަދި ގިނައިން ދިޔާ އެއްޗިހި ބުޔުމާއި ލޮނުޕެކެޓް ފަދަ ދިޔާތަކެތި ބޭނުން ކުރަން ޖެހެ އެވެ. އަދި ކެއްސާ ނަމަ އެކަމަށް ފަރުވާ ކުރާނީއެވެ. އެގޮތުން އެބަލި ޖެހޭ މީހުންނަށް ފަރުވާ ކުރާނީ އާއްމު ބަލިތަކުގެ ޑޮކްޓަރުންނާއި ކުއްލި ހާލަތުގައި ފަރުވާދޭ ތަންތަނުގެ ސިއްހީ އެހީތެރިންނެވެ. ސްޕެޝަލިސްޓުންގެ އެހީތެރިކަން ހޯދާނީ ބަލި ބޮޑުވެ، އެކަމުގެ ސަބަބުން އިތުރު އެހެން މައްސަލަތައް ކުރިމަތިވެއްޖެ ހާލަތެއްގައެވެ.

ބަލިން ރައްކާތެރި ވާނީ ކިހިނެތް؟

ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިވާން ޖެހޭ ފަދަ ހާލަތްތައް ވީވަރަކުން މަދުކުރުމެވެ. އަދި އެބަލިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިން ޖެހުމަކީ ވެސް ދިފާއީ ފިޔަޅަކަށް ވާނެއެވެ. އެހެން ނަމަވެސް އޭގެ ކުރިން ކިބިހި އަޅާއިރު އާއި ކެއްސާ އިރު އަގަ މަތި ޓިޝޫފަދަ އެއްޗަކުން ނިވާ ކުރުމާއި ގިނައިން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރުން ހިމެނެ އެވެ.