ރާއްޖެ ކުޅިވަރު

އުމޭރު އާއި އަސައްކޮ މާޒިޔާ މޮޅު ކޮށްދީފި

Mar 14, 2017

މުހައްމަދު އުމޭރު އާއި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ކާމިޔާބު ކުރި ދެ ލަނޑުން ބަންގުލަދޭޝްގެ ޑާކާ އަބްހާނީ ލިމިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މާޒިޔާއިން އޭއެފްސީ ކަޕްގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޑާކާގެ ބަންގްބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު، ގައި މާޒިޔާގެ ފުރަތަމަ ލަނޑު އުމޭރު ކާމިޔާބު ކުރީ، މެޗު ފެށިގެން ފަސް ވަނަ މިނެޓް ތެރޭގަ އެވެ.

ކުރީގެ ގައުމީ ކޯޗް، ޑްރެގޯ މަމިޗް ކޯޗް ކޮށްދޭ އަބްހާނީއާ ދެކޮޅަށް މާޒިޔާގެ ދެ ވަނަ ލަނޑު އަސައްކޮ ކާމިޔާބު ކުރީ 87 ވަނަ މިނެޓް ގައެވެ.

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި މޯހަން ބަގާން، ބައްދަލު ކުރި މެޗް ބެންގަލޫރު އެފްސީ ކާމިޔާބު ކުރީ، 2-1 ންނެވެ.

މެޗުގެ ފުރަތަމަ ލީޑް ނެގީ މޯހަންބަގާއިން އިންނެވެ. މެޗުގެ 36 ވަނަ މިނެޓްގައި، އެޓީމަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ޖަޕާންގެ ކަޓްސްމީ އެވެ.

ނަމަވެސް 51 ވަނަ މިނެޓްގައި ސަންދޭޝް ޖިންގަން ވަނީ، ބެންގަލޫރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ހަ މިނެޓް ފަހުން، ބެންގަލޫރުގެ ކެޕްޓަން ސްނިލް ޗެތުރީ ވަނީ އެޓީމު މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.