ލައިފްސްޓައިލް

ގިނައިން ޓީވީ ބަލާ ކުދިންނަށް ހަކުރު ބަލި ޖެހޭ!

Mar 15, 2017

ޓެކްނޮލަޖީގެ އާލަތްތައް ގިނަވެ، އެފަދަ އެއްޗިއްސާއެކު ހޭދަކުރާ ވަގުތު ވެސް މިވަނީ ގިނަ ވެފަ އެވެ. ގިނަ ބެލެނިވެރިންނަކީ ކުއްޖާ ދުވެ ހަދާނަމަ ދަރިފުޅު މަޑުން ތަނެއްގައި ބެއިންދުމުގެ ގޮތުން ޓީވީ ބަލަން ނުވަތަ ސްމާޓް ފޯނަކުން ކުއްޖާ ޝައުގުވެރި ކުރުވާ ކަހަލަ އެއްޗެއް ދައްކާ ބެލެނިވެރިންނެވެ.

މިހެން ހެދުމުން ނޭނގި ނަމަވެސް ކުއްޖާއަށް އެ ދަސްކޮށް ދެވެނީ ގޯސް އާދައެކެވެ. އަދި މި ގޯސް ހަދާއިރު ސިއްހީ ގޮތުން ވެސް މިއީ ނުރައްކާތެރި ކަމެއް ކަމަށް ދިރާސާއަކުން ވަނީ ހޯދިފަ އެވެ.

އުމުރުން ނުވަ އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިން ތިން ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ވަންދެން ޓީވީ ބެލުމާއި ސްމާޓްފޯނު ކުޅުމުގައި މަސްއޫލު ވާނަމަ އެފަދަ ކުދިން ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޖާނަލް އޮފް އާކައިވްސް އޮފް ޑިސީޒް އިން ޗައިލްޑް ހޫޑް ގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ލަންޑަންގެ 200 ޕްރައިމަރީ ސްކޫލަކުން 4،500 ކުދިން ބައިވެރިކޮށްގެން ކުރި އެ ދިރާސާގައި ބުނެފައިވަނީ، އޭގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ކޮންމެ ދުވަހަކު ވެސް ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު ޓީވީ ބެލުމާއި ނުވަތަ ސްމާޓްފޯނު ބޭނުން ކުރުމުގައި ހޭދަ ކުރާ ކުދިން ކަމަށެވެ.

މިގޮތަށް ޓީވީ ބެލުމުގައި ނުވަތަ ސްމާޓް ފޯނު ކަހަލަ އާލާތެއް ބޭނުންކުރާ ވަގުތު ދިގު ލައިގެން ދާއިރު، ކުދިންގެ ހަށިގަނޑުގެ މަސައްކަތްތައް މަޑުޖެހި ސެލްތަކުން އިންސިއުލިން އަށް މެސެޖްތައް ފޮނުވުމުގައި ފެއިލްވެ އެވެ.

މީގެ ސަބަބުން ހަށިގަނޑުގައި ލޭގައި ހިމެނޭ ހަކުރުގެ މިންވަރަށް ބަދަލު އާދެ އެވެ. އަދި ލޭގެ ޕްރެޝަރަށް ބަދަލު އައިސް ހަށިގަނޑުގައި ހިމެނޭ ބޮޑީ ފެޓަށް ވެސް ބަދަލު އާދެ އެވެ. ދިރާސާއިން ދައްކާގޮތުން ތިން ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ހަށިގަނޑުގައި މިހުރިހާ ބައިތަކެއް ވެސް މަތި ކަމަށެވެ.

އެ ދިރާސާގައި ބުނެފައިވަނީ ކުދިން ޓެކްނޮލަޖީގެ ވަސީލަތްތަކުގެ ސްކްރީންތަަކަށް ބަލަހައްޓައިގެން ތިބޭ ވަގުތުތައް މަދުކޮށް ހަރަކާތްތެރި ކަންކަމުގައި މަޝްއޫލު ކުރުން މުހިންމު ކަމަށެވެ.