ހަބަރު

ލ. ގައި ހުއިފިލަނޑާ ބޮޑު ކުރުމުގެ ދެވަނަ މަރުހަލާ ފަށައިފި

ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާ ލ. އަތޮޅުގައި އިފްތިތާހު ކޮށްފި އެވެ.

މި މަސައްކަތުގެ ދެވަނަ މަރުހަލާ އިފްތިތާހު ކުރީ، އިއްޔެ ލ. ކަލައިދޫގަ އެވެ. މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި، މޫދުގައި އަލަށް ހަދާފައިވާ ކޮށިތަކަށް ވަނީ ކުދި ހުއިފިލަނޑާ ދޫކޮށްފަ އެވެ.

މި މަސައްކަތަކީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ލުއި ލޯނުގެ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑާ ދީ، މަސައްކަތުގެ ތަމްރީނު ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ލ. އަތޮޅުގައި މި މަސައްކަތުގެ ތަމްރީނު ދެނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރަމުން ގެންދަވާ ކުންފުންޏެއް ކަމަށްވާ ބަރަކަތުލް ބަޚުރު ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއީ ރާއްޖޭގެ މެރިކަލްޗާ ސިނާއަތެއް ތަރައްގީ ކުރުމަށާއި މަސްވެރިކަމުގެ ދާއިރާއިން ވަޒީފާ އާއި އާމްދަނީ ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ހިނގާ ޕްރޮގްރާމެކެވެ.

މި މަސައްކަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިއީ ފަސް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.