ސްވައިން ފްލޫ

އޭޑީކޭގެ ފްލޫ ކްލިނިކް ސޯސަންގެއަށް ބަދަލުކޮށް، ހިލޭ ފަރުވާ

ރާއްޖޭގައި ބާރަށް ފެތުރެމުންދާ ސްވައިން ފްލޫއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކް ސޯސަން ގެއަށް ބަދަލުކޮށްފި އެވެ.

އެޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނައިރު ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށާއި އެހެންކަމުން އެ ކްލިނިކް ސޯސަން ގޭގެ ފެކަލްޓީ އޮފް ސައިންސަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ހެންދުނު 10:00 އަކުން ރޭގަނޑު 10:00 އަކަށް ކޮންމެ ދުވަހަކުވެސް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

"މި ފްލޫ ކްލިނިކްގައި ޖާގަ ތަނަވަސް ވާނެ. އޭގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން އެތަނުގައި ހަރަކާތްތެރިވެ، އޮބްޒަވޭޝަންއަށް ބާއްވައިގެން ހިދުމަތް ދެވޭ ގޮތަށް ހުންނާނީ އޭގެ އިތުރުން ހުރިހާ ހިދުމަތެއް ހިލޭ ލިބޭނެ،" އަފްއާލް ވިދާޅުވި އެވެ.

އެޗް1އެން1 ފެތުރެމުން ދާއިރު ގިނަ ބަޔަކު އަންނަނީ ފްލޫ ކްލިނިކްތަކުގެ ހިދުމަތް ހޯދަމުންނެވެ. އެގޮތުން އިއްޔެ 2:30 އިން 10:00 އަކަށް އޭޑީކޭއަށް ވެސް 118 މީހުން އެ ޓެސްޓުތައް ހަދަން ދިޔަ އެވެ.