ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކުރީގެ ގައުމީ މަސް ކުންފުނި އެފްޕީއައިޑީގައި ހިންގި ބޮޑު ކޮރޮޕްޝަން ތަހުގީގެއް އަލުން ކުރަންރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވެރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު، އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮވާލައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ވައްދައި އަދި އެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކުރަމުންދާތީ އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން ނުރަނގަޅު ގޮތުގައި ހައްދުފަހަނަ އަޅައިގެން ދަނީ ވަކި ބަޔަކު ބޭނުންވާ އަމިއްލަ ފައިދާތައް ހޯދުމުގެ ބޭނުމުގައި ކުރާ ކަންތަކުގެ ސަބަބުން ކަމަށާއި އެގޮތުން މަޖިލިސް މެންބަރު ފާރިސް މައުމޫނަށް މަޖިލީހުގެ ނައިބު ރައީސް ކަން ނުލިބުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގައި ރިޔާސީ ކެންޑިޑޭޓަކަށް ވާދަ ކުރެވޭނެ ގޮތެއް ނެތުން ހިމެނޭ ކަމަށް މޫސަ ތުހުމަތު ކުރެއްވި އެވެ.
މޫސަ ވިދާޅުވީ އެކަންކަން ހާސިލު ކުރުމަށް މަޖިލީހުގެ ތެރެއިން ބާރުތައް ހޯދަން އުޅުނު ނަމަވެސް މަޖިލީހުގެ ތެރޭގައި މަސައްކަތްތައް ހިނގަނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށާއި އެކަން ހުއްޓުވުމަށް ބިރު ދައްކައިގެން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑަށް ބިރުދައްކައިގެނެއް އެއްވެސް ކަމެއް ނުކުރެވޭނެ. ވަކި ފަރާތަކުން ކުރަން އުޅޭ ކަމަކަށް ވޯޓު ހަމަ ނުވުމަކީ އަޅުގަނޑު ބިރު ދައްކައިގެން މަޖުބޫރު ކޮށްގެން ކަންކަން ކުރަން ޖެހޭނެ ކަމެއް ނޫން. އެކަން ކުރަން ހިޔާލު ކުރުމަކީ ވެސް މޮޔަ ކަމެއް. އެކަމަކަށް އެއްވެސް ވަރަކަށް އަޅުގަނޑެއް ފަހަތަަކަށް ނުޖެހޭނަން،" މޫސަ ވިދާޅުވި އެވެ.
މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީއާ ގުޅިގެން ރައީސް މައުމޫން އުޅުއްވާކަން ފާހަގަކޮށް މޫސަ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގައި ހިންގާފައި ހުރި އަނިޔާވެރި ކަންކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލައި އިންސާފު ހޯދައިދޭން ޖެހޭ ކަމަށާއި އަދި މައުމޫންގެ ވެރިކަމުގައި ހިނގި އެފްޕީއައިޑީގެ ބޮޑު ކޮރޮޕްޝަންގެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ގޮވާލާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ދިގު 30 އަހަރު ތެރޭގައި ހިންގާފައި އޮތް އެންމެ ބޮޑު ކޮރޮޕްޝަންގެ މައްސަލައަކީ އެފްބީއައިޑީގެ މައްސަލަ. އެ މައްސަލަ މިހާރުން މިހާރަށް ތަހުގީގުކޮށް ބެލުމަށް ފަހު ބައިވެރިވާ މީހުންނަށް އަދަބު ދިނުމަށް އޭސީސީއަށް ގޮވާލަން. އެ މައްސަލާގައި ޑޮކިއުމަންޓްތައް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހުއްޓާ އެމްޑީޕީ ސަރުކާރުގައި އެ ޑޮކިއުމަންޓުތައް ގެއްލިފައިވާ ކަމަށް ގިނަ މީހުން އެބަ ބުނޭ. އެކަން ވެސް ބަލާ ތަހުގީގުކޮށް އޭސީސީއިން ހަގީގަތް ހޯދައި ދޭން ޖެހޭ،" މޫސަ ވިދާޅުވި އެވެ.
އެފްޕީއައިޑީ ކޮރޮޕްޝަންގެ މައްސަލައަކީ 1990 އަހަރު މައުމޫން ދައުރުގައި ފެންމަތިވި މައްސަލަ އެކެވެ. އެކަމުގައި އެންމެ ބޮޑަށް ތުހުމަތުވެފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއަޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ) އާއި ރައީސް މައުމޫންގެ ޅިޔަނު އަދި އެންމެ އިތުބާރު ކުރައްވައިގެން ގެންގުޅުއްވި ވަޒީރު އިލްޔާސް އިބްރާހީމްގެ މައްޗަށެވެ. އެގޮތުން 400 މިލިއަނެއްހާ ރުފިޔާގެ ކޮރޮޕްޝަން ހިންގާފައިވާ ކަމަށް އޭރު ތުހުމަތު ކުރެވުނެވެ.