ކުޅިވަރު

ދިވެހި ކީޕަރުން އުފައްދަން ހާއްސަ އަމާޒެއް

ދިވެހި ފުޓްބޯޅަ މިއޮތީ ދިވެހި ގޯލް ކީޕަރުން ޖެހިފަ އެވެ. މާލޭ، ލީގް ވާދަ ކުރާ އަ ށްޓިމުގެ ތެރެއިން، ދެ ޓީމު ފިޔަވައި ދެން އޮތް ހަ ޓީމުގެ ގޯލް ބަލަހައްޓަން ތިބީ، ބިދޭސީން ނެވެ. މާލޭ ލީގް އެކަންޏެއް ނޫނެވެ. މިނިވަން ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ބައެއް ޓީމު ތަކުން މަދުން ނަމަވެސް ބިދޭސީ ކީޕަރުންގެ އެހީ ހޯދަ އެވެ. މިއީ ދިވެހި ކީޕަރުން ތަދު ވާހަކަ ދައްކާ ދެ ވަނަ އަހަރެވެ. މިއަހަރު މަސައްލަ އިތުރަށް ބޮޑުވީ، ކުލަބު ތަކުގެ އިތުބާރު، ބިދޭސީ ކިޕަރުންނަށް ބޮޑުވުމުންނެވެ. މައްސަލަ، އެފްއޭއެމްއާ ހަމަޔަށްވެސް، ދިވެހި މިޑިއާއިން އުފުލައިފި އެވެ. އެފްއޭއެމުން މައްސަލަ ސީރިއަސްކޮށް ނަގައި، ކީޕަރުން އުފެއްދުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލިލް ވިދާޅުވިއެވެ.

މީޑިއާ ވާހަކަ ދައްކަމުން ބައްސާމް ވަނީ ބޭރުގެ ގޯލް ކީޕަރު ޓްރެއިނަރެއް، އެފްއޭއެމުން ގެންނަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ފައެވެ. އަދި ގޯލް ކީޕަރު ޓްރެއިނަރު އައިސް، އެކެޑެމީ ސްޓައިލަށް ކީޕަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ބައްސާމް ވިދާޅުވީ، ގައުމީ ކޯޗް ޑަރެން ސްޓްވާޓްގެ ބެލުމުގެ ދަށުން ގޯލްކީޕަރު ޓްރެއިނަރެއް ހޯދުމުގެ މަސައްކަތް އެފްއޭއެމުން ކުރަމުންދާ ކަމަށެވެ.

ދެން އޮތީ، ދިވެހި ގޯލްކީޕަރު ޓްރެއިނަރުން ރާއްޖޭގެ ފަސްގަނޑުގައި ތަމްރީން ކުރުމެވެ. މިހާރުވެސް، ބައެއް ޓްރެއިނަރުން، އެފްއޭއެމްގެ އެހީތެރި ކަމާއެކު، ރާއްޖެއިން ބޭރުގެ ކޯސްތަކުގައި ބައިވެރިވެސް ތަމްރީންތައް ފުރިހަމަ ކުރަމުން ދެއެވެ. ރާއްޖޭގައި ކޮންމެ އަހަރަކުވެސް، އޭއެފްސީ އެކި ލެވަލްތަކުގެ ކޯޗިން ކޯސް ޕްރޮގްރާމްތަކާއި، ކޯޗިން ޓްރެއިނިން ޕްރޮގްރާމްތައް އެފްއޭއެމުން ކުރިއަށް ގެންދެ އެވެ.

ނަމަވެސް ނުކުރެވި އޮތް ކަމަކީ، ކީޕަރު ޓްރެއިނަރުން ރާއްޖޭގައި ތަމްރީން ކުރުމެވެ. ބައްސާމް ވިދާޅުވީ، ކީޕަރު ޓްރެއިނަރުން ރާއްޖޭގައި ތަމްރީން ކުރުމުގެ ޕްރޮގްރާމް މިއަހަރު އެފްއޭއެމުން އެކުލަވާލާނެ ކަމަށެވެ. އޭރުން ރާއްޖޭގައި ތިބެގެންވެސް، ކީޕަރު ޓްރެއިނިން ހެދުމުގެ ފުރުސަތު، ދިވެހި ކީޕަރު ޓްރެިނަރުން ނަށް ލިބިގެން ދާނެ އެވެ.

މި މަޝްރޫ ކަމިޔާބު ކާމާއެކު، ކުރިއަށް ގެންދެވިއްޖެނަމަ، ދިވެހި ކުލަބު ތަކުގެ ގޯލްތައް ދިވެހި ކީޕަރުންގެ އަތް މައްޗަށް ދޫވެގެންދާނެ އެވެ.