ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގޭން ފެނުނު ކަމަށް ބުނާ ޕެންޑްރައިވްގައިވާ ކަމަށް ބުނާ ލިޔެކިޔުންތަކުގެ ފޮޓޯއެއް ނަގާފައި ނުވާނެ ކަމަށް އޭނާގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ޕެންޑްރައިވްގައިވާ މައުލޫމާތު ލީކުވެފައިވާ ކަމަށް ބުނެ "ވަގުތު"ގައި ލިޔެފައިވާ ލިޔުން ދޮގު ކުރަމުން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕެންޑްރައިވްގައި ހިމެނޭ ލިޔެކިޔުންތައް ވަކީލުންނަށް ލިބިފައި ވަނީ ހަމައެކަނި ބަލާލަން ކަމަށާއި އެ ލިޔެކިޔުންތައް ބަލާފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި އެންމެންގެ ހާޒިރުގަ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހަ ހުރިހާ ވަކީލިން ވެސް ވައްދަނީ މެޓަލް ޑިޑެކްޓާއެއް ބޭނުންކޮށްގެން ވަކި ވަކިން ޗެކް ކުރުމަށް ފަހު ކަމަށާއި ކޯޓަށް ފޯނު ނުގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މީހުންގެ ލޯ އޮފީސް ހުންނަނީ ޖަސްޓިސް ބިލްޑިންގް ކުރިމަތިން ކަމަށްވާތީ، ވަކީލުން ދިޔައީ އޮފީހުގައި ބާއްވާފައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ބުނެ ފަތުރާފައިވާ ހަބަރަކީ ޝަރީއަތުގެ މަޖިލީހަށް ނުވަންނަ ފަރާތްތައް އޮޅުވާލުމަށް އެއްވެސް އަސާސެއް ނެތި ފަތުރާފައިވާ ދޮގު ހަބަރެއްކަން ފާހަގަ ކުރަމ،ެވެ،" ބަޔާޏުގަވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ "ވަގުތު" ގައި ޖަހާފައިވާ އެ ލިޔުމަކީ ޝަރީއަތަށް ހާޒިރު ނުވާ ފަރާތްތައް އޮޅުވާލަން ލިޔެފަިއވާ ލިޔުމެއް ކަމަށެވެވެ. އަދި އެ ލިޔުމަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެފަދަ ލިޔުންތަކުގެ ސަބަބުން ޝަރީއަތުގައި ހިނގަމުން އަންނަ މައްސަލަތަކަށް އަސަރު ފޯރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ވަގުތު"ގައި ލިޔެފައިވާ ހަބަރުގައި ބުނެފައި ވަނީ ޕެންޑްރައިވްގައި ވަނީ ސަރުކާރު ދެ ބަޔަކަށް ބެހިފައިވާ ވާހަކަ ކަމަށާއި އެ ލިޔެކިޔުންތައް ލީކުވީ ވަކީލުންގެ ގާތް ބަޔަކާ ފޮޓޯ ނެގުމަށް ފަހު ހިއްސާ ކުރުމުން ކަމަށެވެ.