ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް މިއަދު ނަގައި ނިންމާލައިފި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ކުރާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތުގެ އެންމެ ފަހު ހެކިވެރިޔާގެ ހެކިބަސް ނަގައިފަ އެވެ. މިއަދު ނެގީ ގާޒީ ހައްޔަރު ކުރިއިރު ސިފައިންގެ އެޑްމިން އެންޑް ޕާސަނަލް ސާވިސްގެ ޕްރިންސިޕަލް ޑައިރެކްޓާގެ މަގާމުގައި ހުންނެވި ކާނަލް އިބްރާހިމް ރަޝީދުގެ ހެކިބަހެވެ.
ކުރިން ވެސް ހެކިބަސް ދީފައިވާ ހެކިންނެކޭ އެއް ފަދައިން އިބްރާހިމް ރަޝީދު ވެސް ވިދާޅުވީ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ އެއްވެސް ސިފައިންގެ އޮފިސަރަކު އުފުލަން ނުޖެހޭނެ ކަމަށާއި އޭގެ ޒިންމާ ތޮލްހަތު ނަންގަވާނެ ކަމަށް ސިފައިންގެ ގޭގައި ބޭއްވި ބައްދަލުވުމެއްގައި ތޮލްހަތު ވިދާޅުވި އެވެ.
އިބްރާހިމް ރަޝީދުގެ ހެކިބަސް ނަގައި ނިމުމުން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހާޒިރުކުރަން ބޭނުންވި ހުރިހާ ހެކިން ހާޒިރުކޮށް ނިމުނީ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުން ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ. އެ އަޑުއެހުން ބާއްވާނެ ގަޑިއަކާއި ދުވަހެއް މިއަދުގެ ވަގުތެއްގައި އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.
ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމަކީ ކޮންމެ މައްސަލައެއްގެ ވެސް އެންމެ ފަހު އަޑުއެހުމެވެ. އޭގެފަހުގައި އޮންނާނީ ހުކުމް އިއްވުމެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ އިތުރުން އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި އޭރުގެ އޮޕަރޭޝަންސް ޑައިރެކްޓާ މުހައްމަދު ޒިޔާދުގެ އިތުރުން އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. އޭގެ ތެރެއިން ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތުވާތީ އެމަނިކުފާނު 13 އަހަރަށް ޖަލަށްލާން ކޯޓުން ވަނީ މިމަހު ހުކުމްކޮށްފަ އެވެ.