ވާހަކަ

މުޅިޖާންހިތާ

(14 މާރިޗު 2017)

އަތުގައި އޮތް ސޫޕުތަށި މައުރީންގެ އެނދުގެ އަރިމަތީ ކަބަޑުގައި ބަހައްޓާލާފައި ރުބީނާ ތެދުވިއެވެ. އެއާއެކު މައުރީން އަވަހަށް އޮށޯވެ ބޮލާއެކު ރަޖާ އަޅާލިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ފަރުވާލެއްނެތި ރުބީނާ ކޮޓަރިން ނުކުމެގެން އައެވެ. ކުއްލިއަކަށް މީހާ ހުއްޓެވުމާއެކު ދެ ލޯ ބޮޑުވެގެން ދިޔައީ ފެނުނު މަންޒަރުންނެވެ.

އަޖައިބުވެ އަންތަރީސްވެފައި ހުރި މީހަކު ފަދައިން ރުބީނާ ހުއްޓުން އަރާފައި ހުރި އިރު އޭނާގެ ނަޒަރު ހުރީ ނިޔާނުގެ ގާތުގައި މަޑުކޮށްލައިގެން ހުރި އަންހެންކުއްޖާއަށް ހުއްޓިފައެވެ. ރަންކުލައިގެ ޝޯލްގެ ތެރެއިން ދޮންދޮން ކުޑަކުޑަ މޫނުމަތިން ހާސްވެފައި ހުރި ހެން ހީވެއެވެ. ބޮލުންފެށިގެން ފައިގެ ނިވާބޮޑިއާ ހަމައަށް ބަލާލާ އުސޫލުން ރުބީނާ ބަލާލިއެވެ.

"މަންމާ... މީ އައިރާއަކީ... މިހާރު މީ އަހަރެންގެ އަންހެނުން" އައިރާގެ ފުރަގަހުން އުނަގަނޑުގައި ނިޔާނު އަތްޖައްސާލަމުން ރުބީނާއަށް ބުންޏެވެ.

ނިޔާނުގެ ބަސްތަކުން ރުބީނާގެ ކަންފަތްދޮށުގައި ބާރު އެއްޗެއް ގޮވި ކަހަލައެވެ. ދެ ލޯ މާރާލާފައި ފުންނޭވާއެއްލީ އޭނާގެ ނަފްސު ހަމައިން ނެއްޓިގެން ހިނގައިދާނޭކަމުގެ ބިރާއެކުއެވެ. އަދިވެސް އެއްފަހަރު ނިޔާނާއި އައިރާއަށް ވަކިވަކިން ރުބީނާ ބަލާލިއެވެ. އަދި ނިޔާނަށް ނަޒަރު ހުއްޓާލައިގެން ހުރެ ދެފަރާތަށް ރުބީނާ ބޯހޫރާލިއެވެ. ހީވީ ނިޔާނުގެ އެ ޢަމަލު އޭނާއަށް ބަލައިނުގަނެވޭނެއޭ ބުނި ހެންނެވެ. އައިކޮޅަށް އެނބުރިލުމާއެކު ހަލުވި ފިޔަވަޅުތަކުގައި އެނބުރި މައުރީންގެ ކޮޓަރިއާ ދިމާއަށް ރުބީނާ ހިނގައިގަތެވެ. އެ މަންޒަރު ފެނި އައިރާ ފިނިވެއްޖެއެވެ. ހާސްކަމުގެ ތެރެއިން ހަތަރެސްފައިން ދާހިތްލަން ފަށައިފިއެވެ. އެކަން އައިރާގެ އަތުގައި ހިފަހައްޓާލި ނިޔާނަށް އިހުސާސް ކުރެވިގެންދިޔައެވެ.

"އިޓްސް އޯކޭ... އަހަރެން ކުއްލިއަކަށް މަންމަމެންނަށް އަންގާ ވެސް ނުލާ މެރީ ކުރީމަ ކުޑަކޮށް ހިތްހަމަނުޖެހުނީ ކަމަށްވާނީ... ލޯބި ވޮރީ ނުވޭ... ހިނގާ ކޮޓަރިއަށް" ނިޔާނު ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ އަސަރުގައި ޖެހި އޭނާ ދެއްކި ވާހަކަތައް ޤަބޫލުކުރަން އައިރާ ބޭނުންވިއެވެ.

އައިރާގެ ފޮށި ހިފައިގެން ނިޔާނު އައިސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ކޮޓަރިއަށް ވަދެވުމާއެކު އައިރާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އާދައިގެ ކޮޓަރިއެކެވެ. އެނދަކާއި އަލަމާރީގެ އިތުރުން ރީތިވާ މޭޒެއް ފިޔަވައި އެތާކު އިތުރު ފަރުނީޗަރެއްނެތެވެ. ހެދުންއަޅުވާ ދަނޑިއެއް ދޮރު ބިއްދޮށަށް ވާގޮތަށް ހުއްޓެވެ. ދެން ހުރީ ފަރުދާދަމާފައި ހުރި ކުޑަދޮރެކެވެ. މަޑުފެހިކުލައިގެ ހަތަރުފާރުގެ ތެރޭގައި އުޅެނީ ވަރަށް ސާދާ މީހަކުކަން އެ ކޮޓަރިއަށް ބަލާލުމުން ވެސް އައިރާއަށް ސިފަވެގެންދެއެވެ. ލުއިހިނިތުންވުމެއް ތުންފަތަށް ވެރިވެގެންދިޔައެވެ. އައިރާގެ ފޮށި ގެންގޮސް އަލަމާރި ކައިރީ ނިޔާނު ބަހައްޓާފައި އެނބުރިލިއިރު އައިރާ ހުރީ ހިނިތުންވެލައިގެން އޭނާއަށް ބަލާށެވެ.

"ކިހިނެއްވީ؟ ހީކުރިވަރެއްނޫންތަ؟ އެހެންވިޔަސް މީ އަހަރެންގެ ކޮޓަރި" ތަންކޮޅެއް ބޮޑަށް ހިނިތުންވެލަމުން ނިޔާނު ބުނެލިއެވެ. އަދި އޭނާ ވެސް އަމިއްލަ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު މަޑުމަޑުން އައިސް އައިރާގެ އަތުގައި ހިފާލަމުން ގެނެސް އެނދުގައި ބޭންދިއެވެ.

"ނިޔާނާއެކު ކޮންމެ ހާލެއްގައި ވެސް އުޅެފާނަން... އެކަމަކު ނިޔާނާ ވަކިންނެއް ނޫޅެވޭނެ" އައިރާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން އައިރާއާ ދުރަށްދާކަށް ނޫނޭ އެހާވަރުން ކައިވެނިކޮށްގެން މި ގެނައީ... ދެން ދޭ ފްރެޝްވެލަން... އަހަރެން އެބައަންނަން މަންމައާ ވާހަކަދައްކާލާފަ" އައިރާގެ ނިތްކުރީގައި ނިޔާނު ބޮސްދިނެވެ.

"މަންމަ ރުޅިއަންނަ ކަހަލަ އެއްވެސް އެއްޗެއް ނުބުނައްޗޭ... މަންމައަށް ރީތިކޮށް ހުރިހާ ވާހަކައެއް ކިޔައިދީ... އޭރުން މަންމަ ޤަބޫލުކުރާނެ... އަހަރެން ހިޔެއްނުކުރަން އެހާ ދުވަސްކޮށްފައި ނިޔާނު އަންނައިރު މަންމަމެންގެ ރުހުން ނުހޯދާ އަތުވެދާނެއެކޭ" ނިޔާނު ކުށްވެރިކުރާ ފަދަ ގޮތަކަށް އައިރާ ބުނެލިއެވެ.

"މަންމަ ގާތުގައި ކުޑަކޮށް އައިރާގެ ވާހަކަދެއްކީމޭ... މެރީކުރަން ބޭނުންވާ ވާހަކަ ވެސް ދެއްކިން... ދެން އެކަމާ ފަހުން ދޯ ވާހަކަ ދައްކާނީ... އިހަށް އެބައަންނަން މަންމަ ރުއްސޭތޯ ބަލާލާފައި... އަދި މައު ވެސް ނުފެނެއެއްނު... އެކުއްޖާއާ އައިރާ މީޓުކުރަންވާނެއެއްނު... އެކަމަކު މިގަޑީގައިވާނީ ސްކޫލުގައި... އަންނާނެ މެންދުރު" ނިޔާނު ތެދުވިއެވެ. އައިރާ އެނދުގައި މަޑުކޮށްލައިގެން އިނީއެވެ.

ނިޔާނު އައިސް ރުބީނާގެ ކޮޓަރި ހުޅުވާލިއިރު އެ ކޮޓަރިތެރޭގައިވަނީ އަނދިރިކަމެވެ. އެހެންވެ ދޮރުލައްޕާލާފައި ސިޓިންރޫމާ ދިމާއަށް ނުކުތެވެ. ބަދިގެފަރާތުގައި ވެސް ރުބީނާއެއް ނެތެވެ. ޝައްކެއްގެ މަތީގައި ހުރެ ނިޔާނު އައިސް މައުރީންގެ ކޮޓަރި ހުޅުވާލިއެވެ.

"މައު... ކިހިނެއްވީ މައުއަށް؟" ގައިގާ ރަޖާ އޮޅާލައިގެން އިނދެ ސޫފުތަށިން އެތިފޮދެއް ބޮމުން ދިޔަ މައުރީންއާއި އޭނާގެ ގާތުގައި އެނދުގެ މަގަތުގައި އިށީނދެގެން އިން ރުބީނާއަށް ބަލާލަމުން ނިޔާނު އަހާލިއެވެ.

"ދޮންބެ ކޮންއިރަކު އައީ؟ މައުއަށް ފްލޫ ޖެހުނީ ކަންނޭނގެ... ދޯ މަންމާ" މައުރީން ބުނެލިއެވެ.

"ޑޮކްޓަރަށް ނުދަންތަ؟" ކަންބޮޑުވެފައި ނިޔާނު އަހާލިއެވެ.

"އަދި ނުދަން... މަންމަ ބުނީ ތްރީ ޑޭސް ބަލާފައޭ ދާނީ" މިފަހަރު ވެސް ވާހަކަދެއްކީ މައުރީނެވެ. ރުބީނާއަށް ނިޔާނުގެ އަޑު ނީވޭ ކަހަލައެވެ. އޭނާ ނިޔާނަށް ބަލާ ވެސް ނުލިއެވެ.

"އެހެން ކަމަކު ނުދާނެ... މައު ރެޑީވޭ އިނގޭ... ހޮސްޕިޓަލަށް ދާން"

"އޭނާ ގޮވައިގެން ދާން އުޅޭނެކަމެއްނެތް... އަހަންނަށް ވެސް ދެވިދާނެ" ކުއްލިއަކަށް ރުބީނާ ހަރުކަށިކޮށް ބުނެލިއެވެ. އެހިނދު މައުރީން ހައިރާންވެފައި ރުބީނާއާއި ނިޔާނަށް ވަކިވަކިން ބަލާލިއެވެ. އެ ދެމެދުގައި އޭނާއަށް ނޭނގި ކޮންމެވެސް ކަމެއް ހިނގައިފިކަން މައުރީންއަށް ވިސްނުނެވެ.

"އަހަންނަށް އޯކޭ މަންމަ ދިޔަޔަސް... އަހަރެން ކީއްކޮށްދޭންވީ... ރުފިޔާ އެބަހުރިތަ؟" ނިޔާނު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"ތިގޮވައިގެން އައި މީހާގެ ގާތަށް ދޭބަލަ... އަހަރުމެންނަށް ކޮންމެހެން ކަންތައްކޮށްދޭން އުޅޭނެކަމެއްނެތް" ރުބީނާގެ އަޑުން އޭނާ އެ އިނީ އިންތިހާއަށް ހިތްހަމަނުޖެހި ނުރުހިފައިކަން އެނގެއެވެ. މިވަގުތު ޒުވާބު ކުރަން ބޭނުންނުވާތީ ނިޔާނު އޭނާގެ ވޮލެޓުން އެއްހާސް ރުފިޔާ ނަގާ މައުރީން ކައިރީ އެނދުމަތީ ބާއްވާފައި އެ ކޮޓަރިން ނުކުތެވެ.

އެނބުރި ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ނިޔާނު އައިސް ސޯފާގައި އިށީނެވެ. ދެ ކަކޫމަތީ އަތްއަޅުވާލައިގެން އޭނާ އިނެވެ. ރުބީނާ ރުއްސަން ނިޔާނު ބޭނުމެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއްކަމެއް މިވަގުތު އޭނާއަކަށް ނުވިސްނެއެވެ. މަންމައާއި އަނބިމީހާ އެއްގަލަކަށް ނާރައިފިއްޔާ ގޭތެރޭގެ މަސްލަހަތު ގެއްލޭނެކަން ނިޔާނަށް ވެސް އެނގެއެވެ. މިހާރުއްސުރެ އޭނާ އެ ވިސްނަނީ އެކަމާއެވެ. އެ ހުރިހާ ފިކުރުތަކެއްގެ ތެރެއިން ނިޔާނުގެ ހިތް ބުނަމުން ދިޔައީ އައިރާއަކީ ކޮންމެ ކޮންމެ އަންހެންކުއްޖެއްނޫންކަމެވެ. އޭނާއަށް ނޭނގުނަސް އައިރާއަށް ރުބީނާގެ ހިތް އަތުލަން އެނގޭނެކަމެވެ. ދުވަސްކޮޅެއް ފަހުން ހުރިހާ ކަމެއް ވެސް ހަމަޖެހިދާނެކަމުގައެވެ. އަތުކުރީ އޮތް ގަޑިއަށް ނިޔާނު ބަލާލިއެވެ. އެގާރަޖެހީއެވެ.

އައިރާ ފާޚާނާއަށް ވަދެ މޫނު ދޮވެލުމާއެކު ހެދުން ބަދަލުކޮށްލިއެވެ. އޭނާ ރަށުގައި އުޅޭއިރު ވެސް ލާ އުޅުނު ފަދަ ޓޮޕަކާއި ހަރުވާޅަކަށެވެ. އަދި ދެމޭފޮތީގެ ވަށްބުރުގަލެއް އަޅާލިއެވެ. ކޮޓަރީގައި ހުރި ކުޑަދޮރުގެ ފަރުދާ ކުޑަކޮށް ހިއްލާލައިގެން ބޭރު ބަލަން އައިރާ ހުއްޓެވެ. އިމާރާތްތަކުން ފުރިފައިވާ މަލަމައްޗެކެވެ. އެހެންވިޔަސް އެ މަންޒަރަކީ އައު މަންޒަރަކަށް އައިރާއަށް ވިއެވެ. މޫސުން ރީތިވެފައި އުޑުމަތީގައި ކުދިކުދި ކަފަވިލާކޮޅުތައް ދައުރުވަމުންދާތަން ފެނެވެ. އެ ހިތްގައިމުކަމުން އައިރާގެ ސަމާލުކަން އަތުލީ އޭނާގެ ފޯނެވެ. އަވަހަށް އައިސް އެނދު މަތީ ބާއްވާލެވިފައި އޮތް ފޯނު ނެގިއެވެ.

"ލިޒީ..." އުފާވެފައި ހުރިވަރުން އައިރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"މާލެ ދެވޭނެހާ އިރުކޮށްލާފައި މިގުޅީ... އަނެއްކާ ދެވިއްޖެތަ؟" ލިޒީ ވާހަކަދެއްކިއެވެ.

"މި އިނީ ނިޔާނު ކޮޓަރީގައި... އޭނަ ވެއްޖެ ބޭރުގައި... އެނގޭތަ؟ ނިޔާނު މަންމަ ގާތުގައި ނުވެސް ބުނެ އަހަންނާ މެރީކޮށްގެން ގެއަށް ގެނައީ"

"އަސްލުވެސް... މައިޓު މޫޑު އޯފް ދޯ" ލިޒީ ހީނގަތެވެ.

"ނޭނގެ... ވާހަކައެއްނުދެއްކި... އެހެންނޭ ވާނީ... މީ ނިޔާނުގެ ކަންތައް... އަހަރެން ވަރަށް ބިރުން މި ހުންނަނީ... ނިޔާނު ބުނި މަންމަ ރުއްސާނަމޭ... އޭނާ ޖެހޭނެ އޭނާގެ މަންމަ ރުއްސަން... ނޫންތަ ލިޒީ"

އައިރާ ފޯނުގައި އިންދާ ކޮޓަރިއަށް ނިޔާނު އައިސް ވަނެވެ. އޭނާ ފެނުމާއެކު ލިޒީގެ ގާތުގައި ނިޔާނު އައީ ކަމުގައި ބުނެ ފޯނުކޯލު ކުރުކޮށްލިއެވެ.

"ކީކޭ މަންމަ ބުނީ" އައިރާ އަވަހަށް އަހާލިއެވެ.

"މިވަގުތު ވަރަށް މޫޑީވެފައި އިނީ... މައު ހުންއައިސްގެން އެކަމާ ވެސް މަންމަ އިނީ ހާސްވެފައި... އައި ތިންކް ވީ ޝުޑް ޓޯކް ލޭޓަރ... ކާކުތަ ގުޅީ" ނިޔާނު އަހާލިއެވެ.

"ލިޒީ ގުޅީ... މާލެ ދެވުނީތޯ ބަލަން" ހިނިއައިސްފައި އައިރާ ބުންޏެވެ.

ނިޔާނު އޭނާ ލައިގެން ހުރި ގަމީހުގެ ގޮއްތަށް ނައްޓަން ފެށުމާއެކު އެ މަންޒަރު ފެނި އައިރާގެ ބަސްހުއްޓިއްޖެއެވެ. އައިރާއަށް ފުރަގަސްދީގެން ކަހަލަ ގޮތަކަށް ހުރެ އަލަމާރީގެ ދޮރުފަތް ހުޅުވާލިއެވެ. އަދި އޭގެ ތެރެއިން އޭނާ ގޭގައި ލާއުޅޭ ފަދަ ކުޅިވަރު ހަރުވާޅެއް ނަގާ ކޮނޑުމައްޗަށް އެއްލިއެވެ. އަލަމާރީގެ ދޮރުފަތް ލައްޕާލާފައި އެނބުރިލިއިރު އެނދުމަތީ ދެފައި ކުރުކޮށްލައިގެން އައިރާ އިންގޮތް ފެނި ނިޔާނުގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ. އެވަގުތު އައިރާއާ ލާނެތް ސާމާސާއެއް ކޮށްލަން ވެސް ހިތް އެދެން ފަށައިފިއެވެ. އެހެން އައިރާއަށް ބަލަން ހުރެ އެނދު ކައިރިއަށް އައިސް ކޮނޑުމަތީ އޮތް ހަރުވާޅު އެނދުމައްޗަށް ވައްޓާލިއެވެ. އަދި ގޮއްތަށް ނައްޓާލެވިފައިވާ ގަމީސް ގަޔާ ވަކޮށްލިއެވެ. އެހިނދު އައިރާ ދެ ލޯބޮޑުކޮށްލިއެވެ. ނިޔާނު މިހާ ލާނެތްވާނެއެކޭ އައިރާގެ ހިތަކަށް ނާރައެވެ. ލައިގެން ހުރި ފަޓުލޫނުގެ ގޮށުގައި ނިޔާނު އަތްޖައްސާލުމާއެކު ދެފަރާތަށް ބޯހޫރާލާފައި އައިރާ އޭނާގެ މޫނުގައި ދެއަތްއެޅިއެވެ. އެއާއެކު ނިޔާނު ހޭންފެށިއެވެ. އޭނާގެ ހުނުމުގެ އަޑު ކެނޑުމުން ސިއްރުސިއްރުން މޫނުގައި އަޅައިގެން އިން ދެއަތްތިލައިގެ އިނގިލިތައް ދުރުކޮށްލަމުން އައިރާ ބަލާލިއެވެ. ނިޔާނު ފެންނާކަށް ނެތެވެ. އެހެންނަމަވެސް ފާޚާނާގެ ދޮރުހުޅުވާފައި ހުރިތަން އައިރާއަށް ފެނެއެވެ. ކުއްލިއަކަށް އައިރާގެ ހިތާއި ސިކުނޑިއަށް އާދަޔާ ޚިލާފު ޚިޔާލުތައް ވަންނަން ފެށިއެވެ. މީގެ ކުރީން ދުވަހަކު ވެސް ވިސްނާލަން ހިތަށް ވެސް ނާރާ ފަދަ ލަދުން މަރުވާވަރުގެ ޚިޔާލުތަކެވެ. ނިޔާނުގެ ބީހުންތަކުން އައިރާއަށް ވާނެގޮތަކާ މެދު ވިސްނެން ފެށުނެވެ. ޔަގީނުން ވެސް އެ ދެމެދަށް އާކައިވެނީގެ ޖަޒުބާތުން ފުރިގެންވި ހިނދުކޮޅު އަންނާނޭކަން އައިރާއަށް ޔަގީންވެއެވެ. އެކަކު އަނެކަކަށް އެވަގުތުކޮޅުގެ ތެރޭ އަމިއްލަ ނަފްސު ހިފެހެއްޓިދާނެބާއެވެ. އެހެން ހިތަށް އެރުމާއެކު ވެސް އައިރާގެ ހިތަށް ފާޑެއްގެ ގޮތެއްވެގެންދެއެވެ. ދެއަތްތިލަ އެއްއަތް އަނެއްއަތުގެ ތެރޭ ބާރުކޮށްލެވުނެވެ.

ފާޚާނާއިން ނިޔާނު ނުކުމެގެން އައި އިރު އޭނާ ހުރީ ހަމައެކަނި ސްޕޯޓްސް ހަރުވާޅުގައެވެ. ފުޅާ ދެކޮނޑާއި މަސްތަކުން ބާރުވެފައިވާ ބަނޑާއި ހިސާބަކަށް އިސްތަށި ހުރި ތަނަވަސް މޭމަތި އޮތީ ހާމައަށެވެ. ނިޔާނު އައިސް އެނދަށް އަރާ އައިރާގެ ގާތުގައި އިށީނދެ އޭނާގެ ވައަތްތިލަ ނަގާ ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ.

"ލަދުން ދޯ ތި އިނީ" ނިޔާނު އަހާލިއެވެ. އެއާއެކު އައިރާ ރަކި ހިނިތުންވުމަކާއެކު އިސްޖަހާލިއެވެ.

"މިރޭ ނޫނީ އެފަދަ ގޮތަކަށް އަހަރެން އައިރާއާ ގާތެއްނުވާނަން... އެކަމަކު މިހާރު ވެސް ވަރަށް..." ނިޔާނު އެ ހިސާބަށް ބުނެފައި ހުއްޓާލުމާއެކު އައިރާއަށް ލަދުން ލޯ މަރާލެވުނެވެ.

"މަޑުމަޑުން ތި ލަދުވެތިކަން ކެނޑޭނެކަން އަހަންނަށް އެނގޭ... އޭރުން އައިރާ ވެސް ނުހުންނާނެ މަޑަކުން... ރަނގަޅު އަހަރެން ރޮލާ ކާނުލިއްޔާ ވެސް" އިތުރަށް އައިރާއާ ދިމާކޮށްލިއެވެ. ނިޔާނަށް އައިރާގެ މޫނަށް ޖަމާވަމުންދިޔަ ލަދުވެތިކަމުގެ ޖަންބުކުލަ ވަރަށް ކަމުދިޔައެވެ.

"ނިޔާނު... ތިކަހަލަ ވާހަކަ ނުދައްކަބަލަ" ލަދުން ހަލާކުވެފައި އިން އައިރާ ނިޔާނާ ދުރަށް ޖެހިލަން އުޅުނެވެ.

"މިހާރު ތީ އަހަރެންގެ އަންހެނުން... އަހަރެން ބޭނުންވާހަކައެއް އަނބިމީހާ ގާތުގައި ދެއްކެވެންވާނެއެއްނު... އެހެންނޫނަސް މިކަހަލަ ވާހަކަތަކަކީ ޚާއްޞަކޮށް އަނބިމީހާއާއި ފިރިމީހާގެ ދޭތެރޭގައި ދެކެވެންޖެހޭ ވާހަކަތަކެއްނު... އަހަރެން ލޯބިކުރަން ހުރި މީހަކީ ވެސް ތީއެއްނު... އަހަރެން އައިރާދެކެ ވަރަށް ލޯބިވޭ... ދުވަހަކު ވެސް އައިރާއާ ވަތްކެއްނުވާނަން... އައިރާ އަހަރެންދެކެ އަބަދުވެސް ލޯބިވައްޗޭ... އަހަންނަށް ގޯސްކޮށް ކަމެއް ކުރެވެންޏާ ވެސް އައިރާ ބުނަންވާނެ... އޭރުން ހަމަ ޔަގީން އެކަމެއް ރަނގަޅު ކުރާނަން... އެކަމަކު ނުބުނެ ރުޅިއައިސްފައި ހުރެގެން ނުވާނެ" ނިޔާނު ވާހަކައިގައި އިނދެ އައިރާގެ އުނގުގައި ބޯއަޅާލިއެވެ.

"އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް ވާނީ ނިޔާނުގެ ހައްޤަކަށް... ދެން މިހެން ކޮޓަރީގައި ތިބެނީތަ؟ މަންމަ ކީކޭ ހީކުރާނީ... ތިބުނީ ކޮއްކޮ ވެސް ބަލިވެ އުޅޭ ވާހަކަ... ހިނގާބަލަ ބޭރަށް... އަހަންނަކަށް ނުކެރޭނެ އެކަނި ނުކުންނާކަށް... މެންދުރަށް އަހަރެން ކައްކަންތަ؟ ކޯއްޗެއް މިގޭ މީހުން ކައި އުޅެނީ؟" ނިޔާނުއާ އެހާ ގާތްވުމުން ތަފާތު ޖަޒުބާތީ އޮއެވަރެއް ހަށިގަނޑުގައި އުފެދިގެންދާހެން އައިރާއަށް ހީވިއެވެ. އެހެންވެ ބޭނުންވީ އިހަށް ނިޔާނާ ދުރަށް ޖެހިލާށެވެ. އެފަދަ އިހުސާސްތަކަށް ނިޔާނު ވަގުތެއް ކަނޑައަޅާފައިވަނިކޮށް އައިރާގެ ފަރާތުން ކަމަކަށް އިސްނެގިދާނެހެން ހީވިއެވެ.

"މާ ޚާއްޞަ އެއްޗިއްސެއް ނަހަދާނެ... އެހެންގޭގައި ވެސް ހުންނަ އެއްޗެހި ހުންނާނީ... އަހަރެން އުފާވާނެ އައިރާގެ އަތުން ހަދާ ކާއެއްޗެހި ކާން ލިބޭނަމަ... ރަށުގައި އެހާ ދުވަހު ހުރިއިރު ވެސް ނުލިބުނު ނަސީބެއް އެއީ" ހީނލަމުން ނިޔާނު ބުންޏެވެ.

އައިރާ ގޮވައިގެން ނިޔާނު ކޮޓަރިން ނުކުތެވެ. މައުރީންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ހުޅުވާލިއެވެ. އޭރު ކޮޓަރީގައި މައުރީން އޮތީ ނިދާފައެވެ. ރުބީނާ ފެންނާކަށް ނެތެވެ. އެހެންވެ އައިރާއާ މައުރީން ބައްދަލުކޮށްދިނުން ފަސްކޮށްލާފައި ނިޔާނު އޭނާގެ އަނބިމީހާ ގޮވައިގެން ބަދިގެއަށް އައެވެ. ގޭގައި އޭރު އެއްވެސް ކާއެއްޗެއް ހަދާފައި ނެތްކަން އުނދުން މަތީ ތެއްޔެއް ނެތުމުން ނިޔާނަށް ވެސް ނަގައިގަނެވުނެވެ.

"އަސްލު މީ މަންމަގެ އޭރިއާ... އަހަންނަށް ވެސް ނޭނގެ މަންމަ ހުރިހާ އެއްޗެއް ބަހައްޓަނީ ކޮންތާކުކަމެއް... ކަބަޑުތައް ބެލީމަ ފެންނާނެ ލައްކަ ސާމާނު" ނިޔާނު ބުނެލިއެވެ. ކާމޭޒު ދޮށުގައި ނިޔާނު އިށީނުމުން އައިރާ ކަބަޑުތައް ބަލަންފެށިއެވެ. ކެއްކުމަކީ އޭނާއަށް އާ ކަމެއްނޫނެވެ. ދެމަފިރިން ބަދިގޭގައި އުޅެނިކޮށް އެތަނަށް ރުބީނާ އައެވެ. އޭނާއަށް އައިރާ ފެނުމުން ތުންފިއްތާލިއެވެ.

"އައިރާ އެ އުޅެނީ ކައްކަންވެގެން.... މަންމައަށް ފަސޭހަވާނެއެއްނު" ނިޔާނު އަވަސްއަވަހަށް ބުނެލިއެވެ. (ނުނިމޭ)