ސްވައިން ފްލޫ

ފްލޫއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 105 އަށް

އެޗް1އެން1 ނުވަތަ ސްވައިން ފްލޫއަށް ޕޮޒިޓިވް މީހުންގެ އަދަދު އިންތިހާއަށް އިތުރުވެއްޖެ އެވެ. މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 105 މީހެއް ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދެއްކި ގޮތުގައި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ 82 މީހެކެވެ. އެއީ ޓެސްޓްކުރި 279 މީހުންގެ ތެރެއިންނެވެ.

މިއަދު އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި، މިހާތަނަށް 335 މީހުން ވަނީ އެޗް1އެން1 އަށް ޓެސްޓްކޮށްފަ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 105 މީހެކެވެ. އެހެންކަމުން އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް މުޅިން އާ 23 ކޭހެއް ފެނިފައިވާކަން ހާމަވެ އެވެ.

އެޗް1އެން1އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފަ އެވެ. އެއީ އެ ވައިރަހަށް ޕޮޒިޓިވްވި 26 އަހަރުގެ ފިރިހެން މީހާ އާއި ރޭ އައިޖީއެމްއެޗްގައި މަރުވި 51 އަހަރުގެ އަންހެން މީހާ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނަށް މާލޭ ސަރަހައްދުން ޖުމްލަ 739 މީހަކަށް އިއްޔެ ވަނީ ފަރުވާދީފަ އެވެ. އޭގެ ތެރެއިން އަށް މީހަކު އެޑްމިޓްކޮށްފައިވެ އެވެ.

އަތޮޅުތަކަށް ބަލާއިރު އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނަށް ޖުމްލަ 1076 މީހަކު ވަނީ އިއްޔެ ފަރުވާ ހޯދާފަ އެވެ. އޭގެ ތެރެއިން 22 މީހަކަށް އެޑްމިޓްކޮށް ފަރުވާދީފައިވެ އެވެ. އެންމެ ގިނައިން އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނަށް ފަރުވާ ހޯދާފައިވަނީ ހދ. އަތޮޅުންނެވެ. އެއީ 116 މީހުންނެވެ. ދެން ލ. އަތޮޅުންނެވެ. އެއީ 101 މީހެކެވެ. ހދ. އަތޮޅުން ދެ މީހަކު އެޑްމިޓްކޮށް ފަރުވާދެމުންދާއިރު ލ. އަތޮޅުގައި ތިން މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ.