އަވަސް ވީކެންޑް

ކެޔޮދޫ އަށް "ކާންދޭ" މީހާ

Mar 17, 2017

އެންމެ ކުރިން މަސައްކަތްކުރީ ދޯންޏެއްގަ އެވެ. އެ ދޯނީގެ ކެޔޮޅު ނުވަތަ ކެޕްޓަނުގެ ގޮތުގަ އެވެ. ނަމަވެސް ރަށްރަށުގައި އަލަށް އުފެދިގެން އައި ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ނުކުތީ ރަށުގައި ހުރެގެން މަސައްކަތް ކުރުމަށެވެ. ރަށަކީ ވ. ކެޔޮދޫ އެވެ. އެ ރަށުގެ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ މުހައްމަދު އާދަމްއަކީ މިހާރު ކެޔޮދޫގެ ގެސްޓްހައުސް ވިޔަފާރީގެ އެނގޭ ނަމެކެވެ. މީނަގެ މަސައްކަތަކީ ރަށަށް އަރާ ޓޫރިސްޓުންނަށް ކުޑަ ރެސްޓޯރެންޓެއް ހުޅުވައި ކާންދިނުމެވެ.

"ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް މިއީ. އެންމެ ފުރަތަމަ ދަތިތަކާ ކުރިމަތި އެކަމަކު މިހާރު އެބަ ރަނގަޅު ވޭ،" އާބާދީގައި 800 މީހުން ދިރިއުޅޭ ކުޑަ ރަށުގައި ރެސްޓޯރެންޓެއް ހިންގާ މުހައްމަދު ބުންޏެވެ.

ފުރަތަމަ މި މަސައްކަތް ފެށީއިރު އެންމެ ގެސްޓްހައުސްއަކަށް ކާން ދިނުމުގެ ހިދުމަތާއެކުގަ އެވެ. ނަމަވެސް މިހާރު ކެޔޮދޫގެ ހަތަރު ގެސްޓްހައުސްއަށް އަންނަ ޓޫރިސްޓުންނަށް ކާން ދިނުމުގެ ޒިންމާއާ ކޮނޑުއަޅައިގެން ތިބީ އާދަމް އެވެ.

"ކުރިން މިތަން [މިހާރު ހިންގާ ރެސްޓޯރެންޓް] އަކީ ބަޔަކު ހިންގި ތަނެއް. އެތަން ދޫކޮށްލީމަ ދެ ބެއިން ވެގެން މި ތަން ހިފީ. އޭރު އަޅުގަނޑު ހުރީ ދޯންޏެއް ދުއްވަން. އެކަމަކު މިކަން ފެށުމުން ރަށުގައި މި ހުންނަނީ މިކަން ހިންގަން،" އާދަމް ބުންޏެވެ.

ގާތްގަނޑަކަށް ހަތް ގެސްޓްހައުސް ހުރި ކެޔޮދޫގައި ހަދާފައިވާ ކުޑަކުޑަ މި ރެސްޓޯރެންޓުގައި އެއްފަހަރާ 40 މީހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖެއްސެ އެވެ. އަދި އާދަމްގެ އަޒުމަކީ މިތަން ފުޅާ ކުރުމެވެ.

"އެންމެ ކުރިން ފެށިއިރު ގެއްލުންވި. އޭރުވާ ގޮތަކީ ރަށުގެ މީހުންނަށް ހަމައެކަނި ކެއުން ހަމަޖައްސައިގެން ދެކޮޅު ނުޖެހޭ. އެކަމަކު މިހާރު ގެސްޓުން ލިބެން ފެށީމަ އެބަ ރަނގަޅުވޭ،" އާދަމް ބުންޏެވެ.

އާދަމް ބުނި ގޮތުގައި ގެސްޓްހައުސް ވިޔަފާރި އައުމާއެކު ރަށަށް ބޮޑު ބަދަލެއް އަންނަނީ ލިބެމުންނެވެ.

"ކުރިން މާލެ ދާންވިއަސް ވަރަށް ދަތި. ފެރީއަށް އަރައިފިއްޔާ އެއީ ދެން ހަތަރު ދަމު. މީހަކު ޑޮލަރު ކޮޅެއް ހޯދަން ޖެހުނަސް އެކަން މިހާރު ކޮށްލެވޭ. މިހެންވެ މިކަމުގެ ފައިދާ މުޅި ރަށަށް ވެސް ފައިދާ ލިބޭ،" އާދަމް ބުންޏެވެ.

އާދަމްގެ ހުވަފެނަކީ ރަށުގެ ގެސްޓްހައުސް ވިޔަފާރި ފުޅާވުމާއެކު، މި ވިޔަފާރި ފުޅާ ކުރުމެވެ. މިގޮތުން މޫދުގައި ފްލެޓްފޯމެއް އަޅައިގެން ނަމަވެސް ތަފާތު ތަނެއް ހެދުމެވެ.

މި މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލައި މާލެއިން ގެނައުމުގެ ދަތިކަމެވެ. އާދަމް ބުނި ގޮތުގައި މިނޫން އެހެންކަމެއް ފާހަގައެއް ނުވެ އެވެ.

"ސަޕްލައި ގެނައުން ދަތިވަނީ. މ. އަތޮޅު ބޯޓެއް ޖައްސާތީ މި ސަޕްލައި ލިބެނީ.ބައެއް ފަހަރު އެއްޗިހި ނުލިބިގެން ދޯނި ކުއްޔަށް ނަގައިގެން މާލެ ދާން ޖެހިފައިވެސް އެބަހުރި،"