އަވަސް ވީކެންޑް

ހަސަން އޮޑިޓްގެ ދާއިރާގެ މާ އުހުގައި!

  • އެންމެ ބޮޑު އެކައުންޓިން ނެޓްވޯކާ ގުޅިފައިވާ ދިވެހި މީހާ
  • ފެށީ ތިން މުވައްޒަފުން، މިހާރު 25 ދިވެހިން
  • ދިވެހިން ވަޒީފާއަށް ހޯދަން ގިނަ މަސައްކަތްތަކެއް

ޔަގީނުން ވެސް މިއީ މުޅި ފުވައްމުލަށް އެ މީހަކަށްޓަކައި ފަހުރުވެރިވާނެ ޒުވާނަކަށް ވާނެ އެވެ. ތައުލީމް ހާސިލް ކުރެއްވި ދުވަސްވަރު ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި މި ތަރީގެ ވިދުން ގަދަ އެވެ. ފުވައްމުލަކުގައި އޯލެވެލް ހެދި ކުދިންގެ ތެރެއިން ގަދަ ހަ އެއްގެ ތެރޭގައި ހިމެނުނެވެ. ނަތީޖާއަކީ މަތީ ސާނަވީއަށް ކިޔަވަން އެސްއީސީ އިން ފުރުސަތު ލިބުނު މަދު ދަރިވަރުންގެ ތެރޭގައި ހިމެނުމެވެ.

ކިޔެވިއިރު އެކައުންޓިން މާއްދާ އަށް ހާއްސަ އިސްކަމެއް ދެއްވި އެވެ. އެކައުންޓަކީ ހަސަންއަށް ވަރަށް ފަސޭހަ އެއްޗެކެވެ. އެންމެ މަތީ މާކްސް ގެންނަ މާއްދާތަކުގެ ތެރޭގައި އެކައުންޓިން ހިމެނެ އެވެ. މިއަދު މިއީ ދުނިޔޭގެ އެންމެ ބޮޑު އެކައުންޓިން ނެޓްވޯކާ ގުޅިފައިވާ ހަމައެކަނި ދިވެއްސެވެ. ހަސަން މުހައްމަދެވެ. ސުވާލަކީ އެކައުންޓިން ދާއިރާ ހަސަންއަށް ހާއްސަވީ ކީއްވެގެން ބާ އެވެ؟

"ބޭބެ ރަށުގައި [ފުވައްމުލަކު] ގައި ހިންގާ ކުޑަ ފިހާރައެއްގައި އިންނަ އިރު ވެސް ހިސާބުތައް [ވިކުރާ] ބަލަހައްޓަން އިންނަން،" ކުޑައިރުގެ ހަނދާންތައް ހަސަން ހިއްސާ ކުރެއްވި އެވެ.

ކަމަށް ލޯބި ޖެހި، ހިތް ކިޔައިފިނަމަ އެކަން ހާސިލް ކުރަން މަސައްކަތް ކުރާނެކަން ޔަގީނެވެ. ކުރި އަރަށް މަސައްކަތް ކުރާނަމަ މިއީ މަޖުބޫރު ސިފަ އެކެވެ. ކުރިއަށް ދާން ބޭނުންވާ މީހެއްގެ ކަށީގައި މި ސިފަ ހުންނަން ލާޒިމެވެ. އެކަން ހަސަންގެ ކަށީގެ މަދުގައި ވަނީ ބިންވަޅު ނެގިފަ އެވެ، ފުރަތަމަ ވަޒީފާގައި ޕްލޭނިން ޑިޕާޓްމަންޓުގައި އުޅުއްވުމަށް ފަހު ޒަމާންވީ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ފުރަތަމަ ފިޔަވަޅު ނެންގެވީ މިހެންވެތާ އެވެ. މިގޮތުން ފުރަތަމަ ވަޒީފަކީ ސްޓެލްކޯގެ އެކައުންޓް އޮފިސަރު ކަމެވެ.

"އޭރު ސަރުކާރުން ލިބޭ ސެލަރީ ވެސް ކުޑަ އެހެންވެ ސްޓެލްކޯއާ ގުޅުނީ. ސްޓެލްކޯ ސްކޮލާޝިޕެއްގައި ދިޔައީ ލަންކާ އަށް އޭސީސީއޭ [އެސޯސިއޭޝަން އޮފް ޗާޓެޑް ސެޓިފައިޑް އެކައުންޓެންޓް] ހަދަން،" އެކައުންޓިން ދާއިރާ އިން ކިޔެވި ގޮތް ހަސަން ވިދާޅުވި އެވެ.

އަމިއްލަ މަސައްކަތް ފެއްޓެވުން

ސްޓެލްކޯއަށް ފަހު ދެން ހަސަން ބޭނުންވީ އަމިއްލަ ގޮތުން އެކައުންޓިންގެ ހާއްސަކޮށް، އޮޑިޓިންގެ ދާއިރާގައި ކުރި އަށް ދާށެވެ. މި ދާއިރާގައި އަމިއްލަ އަށް މަސައްކަތް ކުރުމަށެވެ. އެހެންވެ ގުޅުނީ ޓޫރިޒަމް ކުންފުނި، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގެ އިންޓާނަލް އޮޑިޓަރަކަށެވެ. މި ތަނުގައި ހަތަރު އަހަރު މަސައްކަތް ކުރެއްވި އެވެ.

"އެ ކުންފުނި މާލީ ގޮތުން މައްސަލަ ދިމާވެގެން ރީސްޓްރަކްޗާ ކުރީ. އެ ތަނުގައި މަސައްކަތް ކުރި މީހުންނަށް ކެނޑިގެން ދާން ފުރުސަތު ދިނީ. މި ހިސާބުން އަޅުގަނޑު ހިތަށް އެރީ އަމިއްލަ އަށޭ ދެން މަސައްކަތް ކުރާނީ. އެ ދުވަސްވަރު އަޅުގަނޑުގެ ކޮއްކޮއަކާއި ބޭބެ އެއް ގުޅިގެން އޮޑިޓް ފާމެއް ހަދާފައި އޮތީ،" ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާންވޭ. އެންމެ ފުރަތަމަ ހެދީ ޔުނިވާސަލްގެ އިންޓާނަލް އޮޑިޓެއް. މި ހިސާބުން ހިތަށް އެރީ އެކައުންޓިން ދާއިރާގައި އެބަ އޮތޭ ރަނގަޅު ފުރުސަތު ތަކެއް. އެހެންވެ އެކި ތަންތަނަށް ގޮސް އެކައުންޓިން ބުކް ކީޕިން ފަދަ މަސައްކަތްތައް ކުރަން ފެށީ."

"ފުލް ޓައިމްކޮށް މަސައްކަތް ކުރަން ފެށީ އޮޑިޓް ދާއިރާ އިން. މިއީ އަމިއްލަ އަށް ޕްރެކްޓިސް ކުރަން ފެށި ހިސާބަކީ،" ދެހާސް ދިހަ ވަނަ އަހަރު އުފަންވި، އޮޑިޓް ފާމްގެ މަސައްކަތް ކުރި ގޮތް ހަސަން ހިއްސާ ކުރެއްވި އެވެ.

ދިވެހިންނަށް ފުރުސަތު ބޮޑު

މި ދާއިރާގައި މަސައްކަތް ކުރެއްވިއިރު ހަސަން އަށް އެނގިގެން ދިޔައީ ދިވެހިންނަށް މި ދާއިރާގައި އޮތް ފުރުސަތުގެ ތަނަވަސް ކަމެވެ. އެހެންވެ ކުރީގެ އޮޑިޓަ ޖެނެރަލް ނިޒާމު އިބްރާހިމް ފަދަ ބޭފުޅުންނާ ގުޅިގެން މި ދާއިރާގައި ދިވެހިންނަށް ހުރި ފުރުސަތުތައް ހޯދުމުގެ މަސައްކަތްތަކެއް ވެސް ކުރެއްވި އެވެ.

"އޭރު [2012] ހިސާބު ތިން އޮޑިޓް ފާމް އޮތީ. މިހާރު 10 އޮޑިޓް ފާމް އެބަހުރި. އަޅުގަނޑުމެން ވެސް އެންމެ މަސައްކަތް ކުރީ ތިން މީހުންނާއެކު. މިހާރު އެބަތިބި 25 މުވައްޒަފުން. ހުސް ދިވެހިން. ލޯކަލް ފާމް ތަކުގައި ވެސް ގިނަ އިން ތިބެނީ ދިވެހިން. އެކައުންޓިން އިންޑަސްޓްރީ އަށް ނުކުންނަ މީހުންނަށް ރަނގަޅު ފުރުސަތު ތަކެއް ވެސް އެބައޮތް ލިބޭ،" ހަސަން ވިދާޅުވި އެވެ.

ނަަމަވެސް، އޭނާ ވިދާޅުވީ ފުރަތަމަ މި ދާއިރާ އަަށް ނުކުތްއިރު އޮޑިޓް ކުރުމަކީ ދިވެހިންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބެލި ކަމަށެވެ.

"ފުރަތަމަ އޮޑިޓް އޮފީހުގެ ބޭފުޅުން ވެސް އޭރު ވިސްނުމެއް ނެތް ދިވެހިން މިކަން ކުރުމަކަށް. އެހެންވެ މިކަންވީ ގޮން ޖެހުމަކަށް. އެކަމަކު އޮޑިޓް އޮފީހާ ގުޅިގެން މަސައްކަތް ކޮށްގެން ފުރުސަތު ހުޅުވުނީ. މީގެ އިތުރުން ޓެކްސް ނަގަން ފެށުމުން ދޮރުތައް ހުޅުވިގެން ދިޔަ،" ހަސަން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އެކައުންޓިން ނެޓްވޯކާ ގުޅުން

ފުރަތަމަ ދުވަހުން ފެށިގެންވެސް، ހަސަންގެ ސިކުނޑީގައި ދުރަށް ވިސްނާ ބޮޑު ތަސްވީރެއް އޮތެވެ. އެއީ އޭއެޗް އެންޑް އެސޯސިއޭޓްސްއަކީ ބައިނަލް އަގުވާމީ އޮޑިޓް ފާމްއެއްގެ ގޮތުގައި ފެންނަތަން ބެލުމުގެ ހުވަފެނެވެ. އެ ކަމަށް ކެނޑިނޭޅި ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭނާގެ މި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައި ދޭނެ ބަޔަކު ވޭތޯ އަތް ފުނާ އަޅަމުން ދިޔަ އެވެ. މިގޮތުން ހަސަންގެ އަތުގައި ޖެހުނީ ޓޫރިޒަމާ ގުޅުން ހުރި ވިޔަފާރިތައް އޮޑިޓް ކުރުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އޮޑިޓް ފާމް ކަމަށްވާ "ކްރޯ ހޮވާތު އިންޓަނޭޝަނަލް" އެވެ. މިހާ ހިސާބުން، ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމުގައި ގާތްގަނޑަކަށް 200 އޮޑިޓް ފާމް ހިންގާ ކްރޯ ހޮވާތުގެ މެނޭޖިން ޕާޓްނަރުކަން ނެގި އެވެ. މިއީ ރާއްޖޭގެ އޮޑިޓް ފާމެއް މި ހާތަނަށް ހޯދާފައި ނުވާ ވަރުގެ ކާމިޔާބީ އެކެވެ.

"އާއްމުކޮށް ނަން މަޝްހޫރު އޮޑިޓް ފާމްތަކުގައި މި އުޅެނީ ހުސް ލަންކާ މީހުން. މި ތަންތަނުގައި ނެތް ދިވެހިންނަކަށް ފުރުސަތެއް؟ އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމުގައި ހުރި އިންޓަނޭޝަނަލް ބްރޭންޑަކާއެކު ރާއްޖެ ގެނައުމަށް. އެއީ ވަަރަށް ބޮޑު ޓާގެޓެއް. މިގޮތުން ބެލީ ގެނެވޭނެ ބްރޭންޑުތައް. ރާއްޖެއަކީ ޓޫރިޒަމަށް ބިނާވެފައި އޮތް ގައުމަކަށް ވުމުން ކްރޯ ހޮވާތު އިންޓަނޭޝަނަލްއާ ގުޅުނީ. މިއީ ޓޫރިޒަމްގެ އެންމެ ބޮޑު ކޮންސެލްޓެންސީ ފާމް،" ހަސަންގެ އުސް ފިޔަވަޅުގެ ވާހަކަ "އަވަސް"އާ ހިއްސާ ކުރެއްވި އެެވެ.

"އެންމެ ފުރަތަމަ ވާހަކަ ދެއްކީމަ ކްރޯ ހޮވާތުން ވެސް އަސްލު އިންޓްރެސްޓެއް ނެތް. ނަމަވެސް ފުރުސަތު ދިިން. ފުރަތަމަ ފުރުސަތު ދިނީ އެސޯސިއޭޓް ޕާޓްނަރަށް. ނަމަވެސް އަޅުގަނޑުމެންގެ ކޮލިޓީ ރިވިއުއެއް ހަދާފައި މި އަހަރުގެ ޖޫން މަހު މެންބަޝިޕް ރިވިއު ދިނީ."

ހަސަން ވިދާޅުވި ގޮތުގައި ކްރޯ ހޮވާތު އިންޓަނޭޝަނަލްއާ ގުޅުމާއެކު، ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ، ދުނިޔެ ގަބޫލުކުރާ މަސައްކަތް ތަކެއް ފެށިގެން ގޮސްފައިވާ ކަމަށެވެ.

"އަދި މާގިނަ ދުވަހެއް ނުވޭ. އެކަމަކު ކްރޯ ހޮވާތު އިންޓަނޭޝަނަލްގެ މެނޭޖިން ޕާޓްނަރުކަން ލިބުމުން އިންޓަރެސްޓް ފާޅު ކުރަން ފަށައި ކުންފުނި ތަކުން. ފޮރިން އިންވެސްޓްތަކުން އިންޓަރެސްޓް ފާޅު ކުރޭ،" މޯލްޑިވިއަން އައިޑޮލްގެ އޮޑިޓް ފާމްގެ މެނޭޖިން ޕާޓްނަރު ހަސަން ވިދާޅުވި އެވެ.

"މި ފުރުސަތުގެ ސަބަބުން ކޮންމެ އަހަރަކު އަޅުގަނޑުމެންގެ މަސައްކަތުގެ ކޮލިޓީ ޓެސްޓް ކުރާނެ. މުވައްޒަފުންނަށް ތަމްރީނުގެ ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާނެ. އިންޓަނޭޝަނަލް ފާމްތަކުގައި މަސައްކަތް ކުރަން ފުރުސަތު ލިބޭނެ. ޓެކްނިކަލް އެކްސްޕަޓައިޒް ލިބޭނެ."

ދެން އުފެދޭ ސުވާލަކީ ހަސަން ކާމިޔާބީގެ ސިއްރަކީ ކޮބައިބާ އެވެ؟ ހަސަން ދެކޭ ގޮތުގައި ކާމިޔާބީގެ ސިއްރަކީ ހިދުމަތްދޭ އިރު ކަމަށްކަމޭ ހިތައިގެން އެކަމެއް ކުރުމެވެ. ހިދުމަތް ހޯދާ މީހުން އުފާ ކޮށްދިނުމެވެ.

ހަސަންގެ މި ސިފަތަކާއެކު، މިއަދު އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓް ފާމް ހިންގާ ފަރާތެވެ. މަޝްހޫރު މޯލްޑިވިއަން އައިޑޮލްވެސް އޮޑިޓްކުރާ މި ފާމުން 300 އަށްވުރެ ގިނަ ކުންފުނީގެ ހިސާބު ކިތާބު ބަލަހައްޓަ އެވެ. މިއަދު ހަސަން ހުރީ ރާއްޖޭގެ އެންމެ މަތީގަ އެވެ.