- ހިއްސާ ވިއްކަނީ 25ރ. މަގުން
- ހިއްސާ ވިއްކަން ކުންފުންޏަށް ބޮޑު ބަދަލެއް
- ތިން އަހަރުތެރޭގައި ފައިދާ ލިބޭނެ
އަމިއްލަ ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ލައްކަ ގިނަ އެވެ. ފުރޮޅަން ޖެހެނީ އެންމެ ގަލެއް، ދެ ގަލެއް ނޫނެވެ. މި ކަންވާނީ ލައްކަ ގާ ފޮރުޅައިގެންނެވެ. ނަމަވެސް މި ބުރަ މަސައްކަތް މި ވަނީ ކޮށްފަ އެވެ. މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައ ރަޖިސްޓްރީ ކުރި ފުރަތަމަ އަމިއްލަ ކުންފުނި ކަމަށްވާ ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑެވެ. މިކަމަށް އިސް ނެންގެވި ބޭފުޅަކީ އަހުމަދު މައުމޫން، އާއްމު ނަމުންނަމަ، "ކެޕްޓަން މާނު" އެވެ. އޭނާ އިސްވެ ހުންނަވައި ކުރެއްވި ބުރަ މަސައްކަތުންނެވެ.
"މަސައްކަތަކީ ތިން އަހަރު ކުރިން ފެށިގެން ކުރަމުން ގެންދާ ކަމެއް. ކުންފުނީގެ ކޯޕަރޭޓް ގަވަނަންސަށް ބޮޑެތި ބަދަލުތަކެއް ގެނެވޭ. މިއަދު އެންމެ އުފާވާ ކަމަކީ ކޮންމެ ގޮތަކަށް އަޅުގަނޑުމެންގެ ޝެއާ ދިޔަ ނަމަވެސް ކުންފުނި ބަދަލު ކުރެވުން. މިއީ އެންމެ ބޮޑު އުފަލަކީ،" މި މަހުގެ އާއްމުންނަށް ހިއްސާ ވިއްކަން ފަށާ، ސެންޗޫރިއަންގެ ޗެއާމަން، ކެޕްޓަން މާނު ވިދާޅުވި އެވެ.
ރާއްޖޭގެ މައި ޝިޕިން ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެވި މާނު ވިދާޅުވި ގޮތުގައި މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ ކުންފުނީގައި މިނިވަން ޑިރެކްޓަރުގެ ބޯޑެއް އޮވެ، ހިނގާނެ ކުންފުންޏަކަށްވުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއީ. ކުންފުނި ބަދަލު ކޮށްލެވުން،" ޝިޕިން ދާއިރާގައި މަސައްކަތް ކުރާތާ 30 އަހަރުވެފައިވާ، ކެޕްޓަން މާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިއްސާ ވިއްކުމުގެ ސަބަބުތަކުގެ ތެރޭގައި ޖީލުތަކަށް ދާންދެން ވެސް ކުންފުނީގެ ނަން ފެންނަ އޮތުން ހިމެނޭ ކަމަށެވެ.
"މިއީ ޕެޝަންއެއް. އެހެންވެ ބޭނުންވޭ ޖީލުތަކަށްވެސް ކުންފުނި ފެންނަން އޮންނަން. އަޅުގަނޑުމެން ނެތް ނަމަވެސް،" ކެޕްޓަން މާނު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންވެސްޓް ކުރާ ފަރާތަކަށް ކެޕިޓަލް ގެއިންސް ނުލައި އިންވެސްޓްމަންޓް ކަވަރު ވާނެ. އެމްޓީޑީސީގެ ހާލަތޭ ބުނާއިރު، އެމްޓީޑީސީގެ ބްލޭމް، ހަމައެކަނި ޕަބްލިކަށް ވެސް އޮވޭ. ނަމަވެސް މިހާރު އެމްޓީޑީސީ ވެސް ރަނގަޅު ވަމުން އަންނަނީ،" މާނު ވިދާޅުވި އެވެ.
ސެންޗޫރިއަންސް އާދައިގެ ބައެއް ނޫން
މި މަހުގެ 20 ގައި، 25ރ. ގެ މަގުން ހިއްސާ ވިއްކަން ފަށާ ސެންޗޫރިއަންސްއަކީ ކިހާ ވަރެއްގެ ކުންފުންޏެއް ހެއްޔެވެ؟
ކުންފުނީގެ ކުރު ތައާރަފަށްދާނަމަ ބުނެވޭނީ، މިއީ ރާއްޖޭން ބޭރުން މުދާ ގެނެސް، ރިސޯޓުތަކަށް ފޯރުކޮށްދޭ އެންމެ ބޮޑު ޝިޕިން ލައިން ގެންގުޅޭ ކުންފުނި ކަމަށެވެ. ސެންޗޫރިއަންސް ކުރާކަމަކީ ބޭރުން މުދާ ނަގައިގެން ގެނެސް، ފޯރުކޮށް ދިނުމެވެ. މި ގޮތުން ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ "އެމްއެސްސީ" ގެ ރާއްޖޭގެ ބެލެނިވެރި ފަރާތަކީ ވެސް މި ކުންފުންޏެވެ. އަދި މި ނޫން ވެސް ގިނަ ޝިޕިން ލައިންތައް ހުރެ އެވެ. އެ ކުންފުނިން ކަނޑުމަގުން ގެންނަ ސާމާނާއި ވައިގެ މަގުން ގެންނަ ސާމާނު ވެސް ފޯރުކޮށްދެ އެވެ.
"އަޅުގަނޑުމެން އެންމެ ބޮޑަށް ކުރާ އަނެއް ކަމަކީ ރިސޯޓުތަކުގައި ހުންނަ ޕެރިޝަބަލްސް [އަވަހަށް ހަލާކުވާ ޒާތުގެ ކާނާގެ ބާވަތްތައް] ގެންގޮސް ދިނުން. މި ގޮތުން އެންމެ ބޮޑު ފްލީޓެއް ގެންގުޅޭ ބަޔަކަށް އަޅުގަނޑުމެން ވާނެ. ޕްރޮޖެކް ކާގޯ ވެސް ފޯރުކޮށްދެން،" ކެޕްޓަން މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެންޗޫރިއަންސްގެ މަގުސަދަކީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ "3 ޕީއެލް" ފޯރުކޮށްދޭ ތަނަށް ހެދުން ކަމަށެވެ.
"ރާއްޖޭގައި ދުނިޔޭގެ ހުރިހާ ބްރޭންޑްތަކެއް ހުރޭ. ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި މި ހިދުމަތް ލިބޭ އެކަމަކު ރާއްޖެއަކުން ނުލިބޭ. އެހެންވެ ވަރަށް ދަތިވޭ،" ކެޕްޓަން މާނު ވިދާޅުވި އެވެ.
"ރާއްޖޭގައި އޯލް އިން ރިސޯޓުތަކުގެ ސަޕްލަޔާސްތައް ވެސް ރާއްޖެ އައި. އެ މީހުން ބޭނުންވަނީ، ރިސޯޓުން ބޭނުންވާ ވަރަށް ގެންގޮސްދެން. ބޭނުންވަނީ އެ ގުޑްސް ފޯރުކޮށް ދޭން. އެހެންވެ މިކަން މި ކުރަނީ. ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމެއް."
އޭނާ ވިދާޅުވީ 2015 ވަނަ އަހަރު ސެންޗޫރިއަންސް އަށް ރަނގަޅު ފައިދާއެއް ލިބިފައިވާ ކަމަށެވެ.
"ކުންފުނީގެ މާލީ ހާލަތު ސްޓޭބަލް. 6 މިލިއަން ފައިދާ ލިބުނު. އެއަށްވުރެ ވެސް ފައިދާ އިތުރު ކުރެވޭނެ އަމިއްލައަށް އެއްޗިހި ހޯދުމުން،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އާއްމުންނަށް ހިއްސާ ވިއްކަން ފެށުމުގެ މަގުސަދަކީ ވެސް ރިސޯޓުތަކަށް ފޯރުކޮށްދޭ ހިދުމަތް ވަރުގަދަ ކުރުން ކަމަށެވެ.
"ޕަބްލިކަށް ދިއުމުގެ މަގުސަދެއް ދޯންޏާއި، ވެއާ ހައުސް [ގުދަން] ފަދަ ތަންތަން ހޯދުމަށް ފައިސާ ހޯދުން،" ކެޕްޓަން މާނު ވިދާޅުވި އެވެ.
"އާއްމުންގެ ހިޔާލު ބަދަލުވާން ޖެހޭ"
އޭނާ ވިދާޅުވީ އަމިއްލަ ކުންފުންޏެއް އާއްމުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ވާއިރު، މިހާރު ހިއްސާގެ ބާޒާރު އޮތް ގޮތުން ޝަކުވާ އަންނަ ކަމަށެވެ.
"ކުރިން ސަރުކާރު ކުންފުނިތަކަށް ވީގޮތުން ޕަބްލިކް ދެކެނީ މާރަނގަޅަށް ނޫން. ނަމަވެސް އެބަޖެހޭ މިކަން ބަދަލު ވާން،" މައުމޫނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއްމުންގެ ހިޔާލު ހޯދަމުންދާ ކަމަށާއި، މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ކުންފުނިތަކާ މެދު ކަންތައްވީ ގޮތް ކަމަށެވެ.
"އަސްލު މިއީ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ސެންޗޫރިއަންސްއަކީ. މިއަދު 1،000ރ. ނޫނީ 10،000ރ. އޮވެގެން ވިޔަފާރިއެއް ނުކުރެވޭނެ. ބޭންކުގައި ބެހެއްޓުމަށްވުރެ ރަނގަޅު ރިޓާންއެއް ލިބޭނެ. ބޭންކުން މިލިބެނީ ދެ ޕަސެންޓް ވަރު. ނަމަވެސް އަޅުގަނޑުމެންގެ ވިޔަފާރިން އެންމެ މަދުވެގެން ނެރެވޭ 16 ޕަސެންޓް ވަރުގެ ރިޓާންއެއް،" މާނު ވިދާޅުވި އެވެ.
"މިހާރު ވެސް ކާމިޔާބު ވެއްޖެ"
މާނު ވިދާޅުވީ ސެންޗޫރިއަންސް ޕަބްލިކަށް ދިއުމުގެ ކަންތައްތަކުގައި މިހާރު ވެސް ކާމިޔާބު ވެފައިވާ ކަމަށެވެ. އަދި މިކާމިޔާބީއަށް އައުމުގައި ކުރިން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި، ބޭފުޅުން ވެސް މުހިންމު ދައުރެއް އަދާކުރެއްވި ކަމަށެވެ.
"މީގައި ކާމިޔާބަކީ ހިއްސާ ގަންނަ ވަރެއް ނޫން. މިކަން މި ހިސާބަށް ގެނެވުން ކާމިޔާބީއަކީ. އަޅުގަނޑުމެންނަށް ވުރެ މާބޮޑެތި ކުންފުނިތައް ރާއްޖޭގައި އެބަހުރި. ނަމަވެސް އެއްވެސް ކުންފުންޏެއް ނުކުރި މިކަމެއް. އެކަމަކު އަޅުގަނޑުމެން މިކުރީ މިއީ ކާމިޔާބީއެއް،" ކެޕްޓަން މާނު ވިދާޅުވި އެވެ.
"މީހުން ކިޔާ ހުރިހާ އެއްޗަކާއެކު ވެސް މާކެޓަށް ނުކުމެވިއްޖެ. އަސްލު މިއީ ކާމިޔާބީއަކީ."
އޭނާ ވިދާޅުވީ ޕަބްލިކަށް ހަ މިލިއަން ހިއްސާ ވިއްކާނެ ކަމަށެވެ.
"ޕަބްލިކަށް 6.7 މިލިއަން ހިއްސާ ދޭނެ. 168 މިލިއަން ރުފިޔާ އެއީ. ކުންފުނީގެ 49 ޕަސެންޓް ހިއްސާ،" މާނު ވިދާޅުވި އެވެ.
މި ފައިސާއިން 10 ދޯންޏާއި ހަ މިލިއަން ޑޮލަރުގެ ގުދަނެއްގެ އިތުރުން ބާޖެއް ވެސް ގަންނާނެ ކަމަށް އޭނާ ވިދާޅުވި އިރު ކެޕްޓަން މާނު ވިދާޅުވި ގޮތުގައި ސެންޗޫރިއަންސްގައި އިންވެސްޓްކުރާ މީހަކަށް ތިން އަހަރު ތެރޭގައި ފައިދާ ލިބޭނެ އެވެ.