އަވަސް ވީކެންޑް

އާމިރު މަންސޫރު މިއީ ރާއްޖޭގެ "ފްރެންޗައިޒް"!

May 19, 2017
2

އެންމެ ފުރަތަމަ މިއީ ކުޅިވަރުގައި ސަހުސިއްޔަތެކެވެ. ދިވެހި ޓެނިހުގައި މި އަށް ވުރެ މަޝްހޫރު ނަމެއް އަދި ވެސް ނުފެނެ އެވެ. އެ ކުޅިވަރުގައި އޭނާ އަށް ނުލިބޭ ކާމިޔާބީ އެއް ރާއްޖެ އަކުނެތެވެ. ރަން ޒަމާނުގައި އޭނާއަކީ އެންމެ ވިދާލި ތަރިއެކެވެ. ކުޅިވަރުގެ ތެރެއިން އުފެދިގެން އައި މި ސަހުސިއްޔަތު ވިޔަފާރީގެ ދާއިރާގައިވެސް ވެފައި މި އޮތީ ވަރުގަދަ ނަމަކަށެވެ. އެންމެ ކުރިއްސުރެން ފެށިގެން ވިޔަފާރިއަށް އުފެދުނު ޝައުގުގައި ފުރަތަމަ ވެސް ވިއްކަން ފެށީ ކުދިކުދި އެކި ޒާތްޒާތުގެ މުދަލެވެ. އޭގެ ފަހުން އިމްޕޯޓު މުދާ ވެސް ވިއްކި އެވެ. މިއީ، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރުގެ ވާހަކަ ފަށަން ޖެހޭ ހިސާބެވެ.

"ފުޅުބޯޅަ އަށް ވަރަށް ލޯބި ކުރިން ކުރިން. އެކަމަކު އަނިޔާވުމާ ބަލާބެލުމަށް ތަފާތު ވުމުން ބަދަލުކޮށްލީ. ޓެނިސް ނޭޝަނަލް ޓޯނަމަންޓުގައި ފުރަތަމަ ބައިވެރިވި ފަހަރު ފައިނަލަށް ގޮސް ހީނާ އަހުމަދު އަތުން ބަލިވީ. ދެވަނަ މުބާރާތުގައި ޗެމްޕިއަންކަން ހޯދިފަހުން ވަރަށް ގިނަ އަހަރު ހިފެހެއްޓިން އެގޮތުގައި،" ޓެނިސް ކުޅޭތާ 30 އަހަރު ޓެނިހުގައި ކުރި ތަޖުރިބާތައް އާމިރު "އަވަސް" އާ ހިއްސާ ކުރި އެވެ.

ވިޔަފާރީގެ މަސައްކަތުގެ ކުރިއަށް ޖެހިލާނަމަ އާމިރު ފުރަތަމަ މަސައްކަތް ފެއްޓެވީ، އޮޑިޓް އޮފީހުން އެވެ. އެ ވަޒީފާގައި އުޅުއްވަމުން ކުދިކުދި ދޯނި ފަހަރު ހޯއްދަވައިގެން މަހަށް ގޮސް އުޅުނެވެ. އަދި މަސް ގެނެސް ރިސޯޓު ތަކަށް ވިއްކަނީ އެވެ. އަދި މަޑުމަޑުން ދިޔައީ އެކަންތައް ތަރައްގީ ކުރަމުން އެވެ. އޮޑިޓް އޮފީހުގައި އުޅުމަށް ފަހު ދެން ބަދަލުވީ ސަފާރީ ޓުއާސްގެ ވަޒީފާ އަށެވެ. އެތަނުގެ އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރި އެވެ.

"ކުދި ދޯނިފަހަރު ނަގައިގެން ރިސޯޓުތަކަށް އެއްޗިހި ގެންދިއުމުގެ މަސައްކަތް ފެށީ. އޭގެން އަޅުގަނޑަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބުނު. ސަފާރީ ޓުއާސްގެ ރިސޯޓުތައް ބޭރުގެ މެނޭޖުމަންޓަކުން ނެގީމަ އަޅުގަނޑު ކުޑަކޮށް އެކަންތަކާ ދުރުވެލީ،" އާމިރު ބުންޏެވެ.

އޭގެ ފަހުން އާމިރު ދިޔައީ މ. މުއްޔަށެވެ. އެ ރަށުގައި ބޮޑު މަސް ސެންޓަރެއް ހަދައި އެކަން ފުޅާކުރީ އެވެ. ނަމަވެސް އެކަން ހުއްޓުމާއެކު ދެން އުފެއްދީ "ޔުނިފުޑްސް" އެވެ.

"ޔުނިފުޑްސް އިން ޕެރިސަބަލްސް ސަޕްލައި ކުރަން ފެށީ. އޭރު ވެސް އަޅުގަނޑު އެވިއަން ވޯޓާ، ސެން ޕެލެގަނޯ ފަދަ އަޕްމާކެޓު ވޯޓާ ސަޕްލައި ކުރަން ފެށީ. އެކަން ކުރަނީ ކުޑަކުޑަ ދެ ތިން ޕިކަޕުން،" އާމިރު ބުންޏެވެ.

މި ދުވަސްވަރު ލިލީ ކުންފުނިން އާމިރު އަށް އެޕްރޯޗް ކުރި އެވެ. ސަބަބެއް ކަމަށް ވަނީ މާކެޓުގައި މުހިންމު ހައި ރޭންޖުތަކެއް އާމިރު ރާއްޖެ ގެނައުމެވެ.

"ލިލީއާއެކު ވަން އެންޑް ހާފް އިޔާސް ނެގޯސިއޭޝަން ދިޔަ. ލިލީން އެޕްރޯޗް ކުރީވެސް. ދެން އަޅުގަނޑުމެން ލިލީ އަށް ބަދަލުވީ. އަޅުގަނޑު އުފެއްދި އެއްޗެއް ލިލީ އިންޓަނޭޝަނަލް އާއި ލީލީ އެފްއެންބީ [ފުޑް އެން ބެވަރޭޖަސް] އަކީ. ގްރޭފް އެކްޕެކްޓޭޝަންއަކީ އަޅުގަނޑު އުފެއްދި ކުންފުންޏެއް. މި ކުންފުނިތައް މި ހިންގަނީ ލިލީގެ ފޮތްޕެއްގެ ގޮތުގައި،" އާމިރު ލިލީއާއެކު ކުރަމުން ގެންދާ ތަޖުރިބާ އަވަސް އަށް ހިއްސާ ކުރި އެވެ.

ލިލީ އިންޓަނޭޝަނަލް އުފެއްދުން ވެގެން ދިޔައީ ލިލީ ގްރޫޕުގެ ވިޔަފާރިއަށް ވެސް ލިބުނު ބޮޑު ކުރިއެރުމަށެވެ. މީގެ ސިއްރަކީ އާމިރުގެ ނިޔަމިކަމުގައި ކުންފުނި ބައްޓަން ކުރި ގޮތެވެ. އޭނަގެ ތޫރު ވިސްނުމެވެ.

"އަޅުގަނޑު ލިލީ އިންޓަނޭޝަނަލް އުފައްދާފަ ނުވިސްނަން މާކެޓުގައި މި ހުންނަ އާއްމު އެއްޗިއްސަކަށް. އަބަދު ވެސް 'ބިލީވް' ކުރީ ބްރޭންޑެއް ޑިވްލޮޕް ކުރަން. ބްރޭންޑެއް އުފެއްދުމަށް. މިސާލަކަށް 'ނެސްލޭ' ނޫނީ 'މެގީ' މިގޮތުން ބަލާނަމަ ދުނިޔޭގައި ނަން ހިނގާ ބްރޭންޑު ތަކެއް ޑިވްލޮޕް ކުރުން،" އާމިރު ބުންޏެވެ.

އާމިރުގެ މި މަސައްކަތުން، ލިލީ އިންޓަނޭޝަނަލް ވަނީ ގިނަ ބްރޭންޑުތަކެއް ގެނެސްފަ އެވެ. އަދި މާކެޓުގެ އިތުބާރު ހޯދާފަ އެވެ.

މި މަސައްކަތާއެކު އާމިރުގެ ދެން އެންމެ ހާއްސަ އެއް ކަމަކީ "ފްރެންޗައިޒާ" ދޯޅު މީހަކަށްވުމެވެ. އާމިރު ވަނީ ރާއްޖެ އަށް އެންމެ ފުރަތަމަ ފްރެންޗައިޒެއް ގެނެސްފަ އެވެ. ބޭރަށް ގޮސް ދިވެހިން ކާ މީރު ކެއުންތައް ދިވެހި ފަސްގަނޑަށް ގެނެސްދީފަ އެވެ. އާމިރު ދިވެހިންގެ އަރުތެރެ އަށް ގެނެސްދިން "މޭރީ ބްރައުން" ވެގެން ދިޔައީ މި ދާއިރާ އިން ހޯދި ބޮޑު އެންމެ އެއް ކުރިއެރުމަށެވެ.

މިކަން އާމިރު އަށް ކާމިޔާބުވުމުގައި "ފުޑަށް" އާމިރު ހުންނަ ފޯރި މުހިންމު ދައުރެއް އަދާކުރި އެވެ. އެކަމަށް ފޯރި ހުންނަ ވަރަކީ މި ދާއިރާ އިން ކުދި ކޯސްތައް ވެސް ރާއްޖޭން ބޭރުގައި އާމިރު ވަނީ ފުރިހަމަ ކޮށްފަ އެވެ.

"މި ދާއިރާ އަށް [ބޭރުގެ ރެސްޓޯރެންޓް ބްރޭންޑުތައް ގެންނަން] ނުކުތީ ރިސޯޓަށް ސަޕްލައި ކުރުން މިއީ ސީޒަނަލް ކަމެއް. އެހެންވެ ކޭޝް ފްލޯ މެނޭޖު ކުރަން މިކަން ފެށީ. މި ފެށުމުން ހުރިހާ ކަމެއް ގުޅުވައިލެވޭ. އެހެންވެ ފްރެންޗައިޒީއެއް ގެނައީ. ފުރަތަމަ މި ގެނައީ މޭރީ ބްރައުން. މިހާތަނަށް އެއްވެސް މައްސަލައެއް ނުޖެހި އެހެރަ ކުރިއަށް ދަނީ،" މީގެ ހަތް އަހަރު ކުރިން ހުޅުވި ފްރެންޗައިޒާ ބެހޭ ގޮތުން އާމިރު ބުންޏެވެ.

"މޭރީ ބްރައުން" އަށް ހަތް އަހަރުވެގެން ދާއިރު، މިތަނުގެ ވިޔަފާރި ދަނީ ދުވަހެއް ދުވަހަށް މައްޗަށެވެ. އަދި މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި މޭރީބްރައުންގެ ރެސްޓޯރެންޓްތަކަށް ވުރެ މި ތަނުގެ ވިޔަފާރި މިހާރު ވަނީ އިތުރުވެފަ އެވެ. އާމިރު އެކަން ފާހަގަ ކުރަނީ ފަހުރުވެރިކަމާއެކުގަ އެވެ. މީގެ އިތުރުން އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ފްރެންޗައިޒް ސްޓައިލަށް "ޕިއްޒާ މީއްޔާ" ގެ ނަމުގައި ޕިއްޒާ ފިހާ ތަނެއް ވެސް އޭނާދަނީ ހިންގަމުންނެވެ.

"ރާއްޖެ އަށް އެންމެ ފިޓުވާ އެއްޗެއް މޭރީބްރައުންއަކީ. ދުވަހު ވެސް ޑެލިވަރީ ނުހަދައި، އިޝްތިހާރެއް ވެސް ނުކުރަން. މިދިޔަ އަހަރު ދުނިޔޭގެ އައުޓްލެޓް ތަކުން އެންމެ ގިނަ ސޭލް ހަދާފައިވަނީ ރާއްޖޭގެ މޭރީ ބްރައުން. އެ މީހުންގެ ހުރިހާ އިޝްތިހާރު ތަކެއްގައި ވެސް ޖަހަނީ މިހާރު ރާއްޖޭގެ ފޮޓޯ. ސަބަބަކީ މި ތަން ތަފާތުވުން. އެއް ފަރާތުގައި މި އޮންނަނީ ޓެނިސް ކޯޓެއް. އަނެއް ފަރާތް ވެސް ތަފާތު. މިހެންވެ ވަރަށް މަގުބޫލު،" ދުނިޔޭގެ 300 ގައުމެއްގައި ހިންގާ މޭރީބްރައުން ރާއްޖެ ގެނައުމުގެ ތަޖުރިބާ ހިއްސާ ކުރި އެވެ.

މީގެ ފަހުން، އާމިރު ދެން މި ގެނައީ، "ސީކްރެޓް ރެސިޕީ" އެވެ. މި ގެނައުމުގެ ވިސްނުން އާމިރުގެ ސިކުނޑި އަށް އައީ މުޅިން ތަފާތު އެއްޗެއް ގެނައުމަށެވެ. ހާއްސަކޮށް ވެރައިޓީ ގިނަ، ތަފާތު އެއްޗެއް ދިވެހިންނަށް ގެނެސް ދިނުމެވެ.

"ރާއްޖެއަކީ އަން- ލިމިޓެޑް މާކެޓެއް ނޫން. އެހެންވެ ކޮމްޕެޓިޝަން ނެތް ސީކްރެޓް ރެސިޕީ މި ގެނައީ. މިތަން ވެސް ވަރަށް ރަނގަޅު. ގިނަ ބައެއްގެ ތަރުހީބު ލިބޭ،" އާމިރު ބުންޏެވެ.

"ސީކްރެޓް ރެސިޕީ" އާއި "މޭރީ ބްރައުން" އަށް ފަހު އާމިރުގެ އަމާޒު މިހާރު ހުރީ އިތުރު ފްރެންޗައިޒްތައް ރާއްޖެ ގެނައުމަށެވެ.

"ހުޅުމާލޭގައި ވެސް ތަނެއް ހުޅުވަން މި ދަނީ މަސައްކަތް ކުރަމުން. އެތަން ވަރަށް އަވަހަށް ހުޅުވޭނެ،" އާމިރު ބުންޏެވެ.

އާމިރު ވިޔަފާރި ތަރައްގީ ވަމުންދާއިރު، އޭނާގެ ހުވަފެނެއް އެބައޮތެވެ. އެ ހުވަފެނަކީ ލިލީ އިންޓަނޭޝަނަލް އިން އާއްމުންނަށް ހިއްސާ ވިއްކުމެވެ. ކުންފުނި ހިންގާ ވެރިޔާގެ ހައިސިއްޔަތުން ހުރި މި ވިސްނުމުގައި ހަގީގީ ކުލަ ޖެހެން އަދި ދުވަސް ނަގާނެ ކަމަށް އޭނާ ދެކެއެވެ. ނަމަވެސް އެ ފޮނި ހުވަފެން އާމިރު ދަނީ ދެކެމުންނެވެ.

"އަޅުގަނޑު ދެކެން ބޭނުންވޭ ލިލީ އިންޓަނޭޝަނަލްއަކީ މިހާރަށް ވުރެ ވެސް އިތުބާރު ކުރާ ކުންފުންޏަކަށް ހެދުން. އެކަމަށް ފަސް ވަރަކަށް އަހަރު ނަގާފާނެ. އެ ދުވަހަކު ހިއްސާ ވިއްކާނަން. އޭރުން އަޅުގަނޑުމެންގެ ޝެއާގައި ވެލިއު ވެސް ހުންނާނެ."