އަވަސް ވީކެންޑް

ކެޔޮދޫ ތިން ބެއިންގެ ކާމިޔާބުގެ ސިއްރު!

Apr 7, 2017
1

މުޅި ރާއްޖެ އަށް ބަލައިލި ނަމަވެސް އާއިލީ ވިޔަފާރިތައް ގިނަ އެވެ. އަދި އެހާމެ ކާމިޔާބުވެސްމެ އެވެ. މިފަހަރު "އަވަސް" ވީކެންޑް މީހުން ބައިގައި މި ގެނެސްދެނީ މިފަދަ ކާމިޔާބު އާއިލީ ވިޔަފާރިއެއް ކުރާ ތިން ބެއިންގެ ވާހަކަ އެކެވެ. ވ. އަތޮޅުގެ އެންމެ މީހުން ގިނަ ރަށް ކަމަށްވާ ކެޔޮދޫގައި ގެސްޓްހައުސް ވިޔަފާރިކުރާ "ކެޔޮދޫ ތިން ބަދަވިން" އަކީ މީގެ މިސާލެވެ.

"އެންމެ ކުރިން ކިޔަވައި ނިންމާފައި އުޅުނީ ރިސޯޓުގަ. ރިސޯޓުގައި އުޅެފައި ކެނޑިގެން އައިސް ގެސްޓްހައުސް ވިޔަފާރި ފެށީ،" ކެޔޮދޫގައި ރަޖިސްޓްރީކޮށްގެން ފުރަތަމަ ގެސްޓްހައުސްއެއް ހިންގަން ފެށި، ޖުޕިޓާގެ އެއް ޕާޓްނަރު ކަމަށްވާ އަހުމަދު ނާފިއު ބުންޏެވެ.

ތިން ބެއިން ކަމަށްވާ، އަހުމަދު ނާފިއު އާއި މުހައްމަދު މޫސާ އަދި ހުސެއިން ހާފިޒު ގުޅިގެން ބޭރުގެ އިންވެސްޓަރެއްގެ ހިއްސާ އޮވެގެން ގެސްޓްހައުސް ވިޔަފާރިއަށް ނުކުތީ 2014 ވަނަ އަހަރުފެއެވެ. މިގޮތުން ފުރަތަމަ ހުޅުވީ ހަތަރު ކޮޓަރި އެވެ. އަދި އޭގެ ފަހުން އިތުރު ކޮޓަރި ތަކެއް ހުޅުވި އެވެ. މިހާރު ޖުމްލަ 14 ކޮޓަރި ހިންގަ އެވެ. މިއީ ކެޔޮދޫގައި ރަސްމީ ސިފައެއްގައި ގެސްޓްހައުސް ހިންގަން ފެށި ތިން މީހުންނެވެ. ގެސްޓްހައުސް ވިޔަފާރީގައި ހާފިޒްގެ މަސައްކަތަކީ ވިޔަފާރީގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ބެލެހެއްޓުމެވެ. އަދި މުހައްމަދު މޫސާގެ ޖޮބަކީ ގެސްޓް ރިލޭޝަން އެވެ.

ނާފިއު ބުނި ގޮތުގައި މި މަސައްކަތަކީ ރަށަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށާއި، މި ވިޔަފާރީގެ ސަބަބުން ބޮޑެތި ކުރިއެރުން ތަކެއް ލިބެމުންދާ ކަމަށެވެ.

"މި ވިޔަފާރީގައި ހަގީގަތުގައި ކުރިއަރުންވަން ބޮޑު މަސައްކަތް މި ކުރަނީ ބޭބެމެން. އެންމެ ބޮޑު ބޭބެ [މުހައްމަދު މޫސާ]މީގައި އެންމެ ބޮޑަށް މި މަސައްކަތް ކުރަނީ،" ނާފިއު ބުންޏެވެ.

އޭނަ ބުނި ގޮތުގައި މި ވިޔަފާރީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޔޮދޫގައި ރަނގަޅު ފެންވަރުގެ ބީޗެއް ނެތުމާއި ބަނދަރުގެ މައްސަލަ އެވެ.

"މީގެ އިތުރުން ކައިރި ރަށްތައް ރިސޯޓު ހެދުމަށް ދޫކުރުންވެސް މިއީ ދަތިކަމެއް. މި ނޫން އަނެއްހެން ދަތިކަމެއް މި ވިޔަފާރިއަކު ނެތް،" ނާފިއު ބުންޏެވެ.

މި ވިޔަފާރި ކުރިއަށް ގެންދިއުމުގައި ތިން މީހުންނާއެކު ހަރަކާތްތެރިވޭ ބޭރުގެ ޕާޓްނަރުގެ އެއްބާރުލުން މި ކަމަށް ވަރަށް ބޮޑު ކަމަށް ނާފިއު ބުންޏެވެ.

"މިތަނަށް ގިނައިން މި އަންނަނީ ޖަރުމަނު މީހުން. އެކަމުގައި ވެސް ޕާޓްނަރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ،" ނާފިއު ބުންޏެވެ.

ތިން ބެއިންގެ، ވިސްނުން ހުރީ މި ވިޔަފާރި މުސްތަގުބަލުގައި ފުޅާ ކުރުމެވެ. މިގޮތުން އަންނަ އަހަރު ވެސް އިތުރު އެނދުތައް މާކެޓަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތައް ތައާރަފު ކުރުމަށް ވެސް ވިސްނަމުން މިދަނީ،" ނާފިއު ބުންޏެވެ.

އޭނަ ބުނި ގޮތުގައި މި ވިޔަފާރީގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެ އެވެ. ހާއްސަކޮށް ތިމާވެށީގެ ކަންކަމުގައި ދޭ އެއްބާރުލުން ފާހަގަ ކުރެ އެވެ.

"މިކަން ކުރިއަށް ދިއުމުގައި ހަގީގަތުގައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑު. މި އެއްބާރުލުން ނެތްނަމަ ރަށުގައި މިކަން ތަރައްގީ ވެގެންނެއް ނުދާނެ،" ނާފިއު ބުންޏެވެ.