ދުނިޔެ

ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކުން ކުށްވެރިވާ ކަމަށް އޮންނަ އޮތުން އިންޑިއާގައި ނިމުމަކަށް އަތުވެއްޖެ

ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާ ގުޅިގެން މީހުން ހައްޔަރުކޮށް، ޖަލަށްލެވޭ ގޮތަށް އިންޑިއާގެ ގާނޫނެއްގައި އޮތް މާއްދާ އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މަދަނީ ޖަމްއިއްޔާއަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރީ އެ ގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ މާއްދާ އެކެވެ.

އެ މާއްދާގެ ދަށުން ތިން އަހަރު ދުވަހުގެ މުއްދަތަށް މީހުން ޖަލަށްލެވޭއިރު އެ މާއްދާގެ ދަށުން މީގެކުރިން އެތައް ބަޔަކު ހައްޔަރުކޮށް، ޖަލަށްލާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ޖަލަށްލާފައިވަނީ ސިޔާސީ މީހުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާއި އެފަދަ މީހުންނަށް ނިސްބަތްކޮށް ކާޓޫން ހަދައި، ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ. އަދި އެފަދަ ކޮމެންޑްތަކަށް ލައިކް ކޮށްގެން ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.

އެ މާއްދާގެ ދިފާއުގައި އިންޑިއާ ސަރުކާރުން ވަކާލާތު ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ އެ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފް މާއްދާއެއް ކަމަށާއި އެ މާއްދާގެ ދަށުން ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށެވެ.

ސޯޝަލް މީޑިއާތަކުގައި ދައްކާ ވާހަކަތަކާ ގުޅިގެން މީހުން ކުށްވެރިވާ ގޮތަށް އޮތް މާއްދާ އިންޑިއާގައި ބާތިލްކުރި ނަމަވެސް ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގައި އަދިވެސް އެކަން އޮންނަނީ އެގޮތަށެވެ. އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްކޮށް ސޯޝަލް މީޑިއާތަކުގައި ފާޑު ކިޔުމުން މިހާރު ވެސް އެ މީހަކު ކުށްވެރިވާއިރު ތައިލެންޑްގެ ރަސްގެފާނާއި ޝާހީ އާއިލާއަށް ފާޑު ކިޔުމަކީ ވެސް ބޮޑެތި ޖަލު ހުކުމްތައް އަންނަ ކުށެކެވެ.