ކުޅިވަރު

އިމްރާންގެ ކާމިޔާބުގައި އަންހެނުންގެ ހިއްސާ

Mar 18, 2017
2

ގޯލްކީޕަރު އިމްރާން މުހައްމަދުގެ ލީޑާޝިޕާއި ޑިސިޕްލިންނާ މެދު، ތައުރީފް ނުކުރާ، އެއްވެސް މީހެއް ރާއްޖޭގައި ނޫޅޭނެ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މޮޅު ކީޕަރެއްގެ އިތުރުން، ދިވެހި ކުޅިވަރުގެ ބްރޭންޑަކަށް، އިމްރާންވީ އޭނާގެ ލީޑާޝިޕާއި، ޑިސިޕްލިންގައި ފައްކާ ކޮށްފައިވާ ހަރުދަނާ އުސޫލުތަކުން ނެވެ. ނަމަވެސް، އެއްވެސް މީހަކަށް ނޭނގި އޮތް ކަމަކީ، އެ ލީޑާޝިޕާއި ޑިސިޕްލިން ފައްކާ ކޮށްދިނުމުގައި އިމްރާންގެ ފަހަތުގައި ވަރުގަދަ ލީޑަރެއް ހުރި ކަމެވެ. އެއީ އޭނާގެ އަންހެނުން، އައިޝަތު އިހްސާނާ ނުވަތަ ސަނާ އެވެ.

އަވަސްއިން އުފެއްދީ އެންމެ ސުވާލެކެވެ. އެ ސުވަލަށް އިމްރާން ދިން ޖަވާބުން، ސަނާ އަކީ، ވަރުގަދަ ލީޑަރެއްކަން، ކިތަންމެ ރަނގަޅަށް ވެސް ހާމަ ވެގެން ދެއެވެ. އެ ލީޑާޝިޕްގެ އުސޫލުތައް އިމްރާންގެ ފުޓްބޯޅަ ހަޔާތަށްވެސް ލަންބުވާލިކަން، ކިތަންމެހާވެސް ސާފެވެ.

"ޖޯޒީ ނަންބަރު 18 އިން 25 ށް އިމްރާން ކުރި ދަތުރުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟." މިއީ އަވަސް އިން އުފެއްދި ސުވާލެވެ.

"ދެހާސް އަށެއްގެ ސާފް ޗެމްޕިއަންޝިޕަށް، އެފްއޭއެމުން ޖޯޒީ ހަދަން ވެގެން، ގުޅާފަ ބުނި ކޮން ނަންބަރެއްހެއްޔޭ ޖޯޒީގައި ޖަހާނީ، އަންހެނުން ބުނި ތިމަންނައަށް ވަރަށް ރީތި ނަންބަރެކޭ 25 އެއީ، އަންހެނުންނަށް ރިތިވީމަ އަޅުގަނޑު ބުނިން 25 ހޭ، ދެން 25 ނަންބަރު ޖޯޒީ ލައިގެން އެފަހަރު ސާފް ޗެމްޕިއަންސިޕް ކާމިޔާބު ކުރެވުނީމަ، ދެން ދާއިމީ ނަންބަރަކަށް 25 ހެދީ،" އަވަސްއާ ވާހަކަ ދައްކަމުން އިމްރާން ބުންޏެވެ.

އަންހެނުންނަށް ކަމުދިޔަ 25 ނަންބަރު ޖޯޒީ ލައިގެން، އިމްރާން މުޅި ގައުމު އުފަލުން ހެއްވާލި އެވެ. އެ ހާހިސާބުން، މި 25 ނަންބަރުން، އިމްރާނެއް ނުނެއްޓު ނެވެ. ސޯޝަލް މީޑިއާގެ އެކައުންޓް ތަކުގައި 25 ނަންބަރަކީ އިމްރާންގެ އައިޑެންޓިޓީ ކަމުގައި ވެއްޖެ އެވެ. އެހާވެސް 25 ނަންބަރު ޖާދޫ، ދިވެހި ފުޓްބޯޅައިގެ ދިފާއީ ލައިނުގައި ގަދަ އެވެ.

މި 25 ނަންބަރުގެ ޖަވާބާއެކު، ޝައުގުވެރިކަން ދަމައިގަތީ އިމްރާންގެ އަމިއްލަ ދިރިއުޅުމުން ތަންކޮޅެއް ހުޅުވާލައި، ކިޔުންތެރިންނާ ހަމަޔަށް އެވާހަކަތައް ތިލަ ކޮށްލުމަށެވެ.

އެއީ މީގެ 15 ނުވަތަ 16 ވަރަކަށް އަހަރު ކުރި އެވެ.

އޭރު، ވިކްޓާރީގެ ބަދަލު ކީޕަރެއްގެ ގޮތުގައި ކުޅެމުން ދިޔަ، އިމްރާން ދިރިއުޅޭނީ، ގަލޮޅު ދަނޑުގެ އެކޮމެޑޭޝަން ބްލޮކްގައެވެ. އިމްރާންގެ ފުޓްބޯޅަ ކެރިއާގެ އެންމެ ކުރީގެ މަރުހަލާގަ އެވެ. ސަނާ ދިރިއުޅޭގެ ހުންނަނީ އެކޮމެޑޭޝަން ބްލޮކް ކުރިމަތީ ގައެވެ. ގޭދޮށުން ފެނި، ގޭދޮށުން ބައްދަލުވެ، ދިއްލުނު ހަޔާތުގެ ހުޅުކޮޅުވީ، އިމްރާންގެ ފުޓްބޯޅަ ކެރިއާއަށް އަލި ކޮށްދިން ވޮށެއް ކަމުގައެވެ.

އިމްރާންގެ ފުޓްބޮޅައިގެ ހުރިހާ ނިންމުމެއްގައި ސަނާގެ ހިއްސާ އެބައޮތެވެ.

"ޓީމު ބަދަލު ކުރުމުގައިވެސް، އަންހެނުންގެ ވަރަށް ބޮޑު ރޯލެއް އޮންނާނެ، އެއީ އަންހެނުން ވިސްނާނެ ހުރިހާ އޭންގަލަކުން، އެގޮތަށް އެންމެ ރަނގަޅު ނިންމުމަކަށް ވެސް ވަނީ އަންހެނުންގެ ލަފާ،"

މެދުކެނޑުމެއް ނެތި، އިމްރާން އެންމެ ގިނަ ދުވަހު ހޭދަ ކުރި އެއް ކުލަބަކީ ވިކްޓަރީ އެވެ. އެހެން ކުލަބުތަކުން ބޮޑެތި ހުށަހެޅުންތަކެއް ލިބެމުން ދިޔައިރުވެސް، ނުވަ އަހަރު ވަންދެން އެ ކުލަބުގައި އިމްރާން މަޑު ކުރީ އަންހެނުންގެ ލަފާގެ މަތިންނެވެ.

"އަންހެނުން ބުނާނެ، ވިކްޓަރީގެ އޭރުގެ މެނޭޖްމެންޓް ރަނގަޅުވީމަ އެޓީމު މަޑު ކުރާށެ، އަޅުގަނޑު ވިސްނާ އޭންގަލްތަކަށްވުރެ، އަންހެނުންގެ ވިސްނާ އޭންގަލްތައް މާފުޅާވީމަ ވަރަށް ބޮޑަށް، އެގޮތުގައި ހުންނަން، އެހެންވެ މިއަދު މިހިސާބަށް އާދެވިފައި މިހުރީވެސް،"

ވިކްޓަރީއަކީ، އިމްރާން، މިއަދު އެ ހުރިހިސާބަށް ގެނެސްދިން ފުޓްބޯޅައިގެ އިންސްޓްޓިޔުޓެވެ. ކުރީގެ އެއް ވަނަ ގޯލްކީޕަރު އަދި ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ގެ ބެލުމުގެ ދަށުން ފުޓްބޯޅައިގެ ޕްރޮޑަކްޓަކަށް އިމްރާން ހެދީ، ސަނާގެ ރޭވުންތެރި ވިސްނުމާއެކު، އިމްރާނަށް އެ ހިތްވަރު ދިނުމުން ނެވެ.

"އޭރު އަޅުގަނޑު ކުޅޭ ކުލަބަކަށް އަންހެނުން ސަޕޯޓް ކުރަނީ، އެހެންވީމަ މިހާރު ނިއުރޭޑިއަންޓްގެ ސަޕޯޓަރެއް،"

އެހެންވެ އިމްރާން ކޮންމެ ޓީމަކަށް ކުޅުނަސް، އެ މެޗެއް ޓީވީއިން ދައްކާނަމަ، ގަވައިދުން އެ މެޗު ބަލާނެ އެވެ. ދެމަފިރިން އެކުގައި ފުޓްބޯޅަ މެޗުތައް ބަލަން މަޑު ކުރުމާއި، ފުޓްބޯޅައިގެ ވާހަކަތަކާ ބެހޭގޮތުން މަޝްވަރާ ވެސް ކުރެވެއެވެ.

އިމްރާންގެ ފުޓްބޯޅަ ކެރިއާގެ އެންމެ މުހިންމު ނަމަށް ސަނާ ވިޔަސް، ފުޓްބޯޅައިގައި އިމްރާން އާއި ސަނާ ހިޔާލު ދެކަފިވާ ހިސާބެއްވެސް އަދި އެބައޮތެވެ. މި ދެމަފިރިންވެސް ހިޔާލު ތަފާތުވާ ހިސާބަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވޭތުވެދިޔަ 10 އަހަރުން ފެށިގެން އެ ދެކުޅުންތެރިޔަކަށް ސަމާލުކަން ހުއްޓިފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ ހިސާބުން ނެވެ.

"އޭނާ ސަޕޯޓް ކުރާނީ، ރޮނާލްޑޯއަށް، އަޅުގަނޑު އޭގެ އަނެއް ކޮޅު، އެއީ ދެން ފުޓްބޯޅައިގައި ހިޔާލު ތަފާތުވާ ހިސާބަކީ،" ހެމުން އިމްރާން ބުންޏެވެ.

މިދެމަފިރިންގެ ފުޓްބޯޅައިގެ ވާހަކަ އަދި ނުނިމެއެވެ. އިމްރާން އާއި އޭނާ ސަނާ ދިމާވިއިރު، އޭރު އިމްރާން އަކީ ތަރިއެއް ނޫނެވެ. ނަމަވެސް، 15 އަހަރުވީ އެ ބަދަހި ގުޅުމުގެ ތެރެއިން ސަނާގެ ހިތްވަރުން އިމްރާން ގެންގޮސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އުހަށް އުފުލައިދީފި އެވެ. އިމްރާން ވަނީ، އިންޑަވިޖުއަލީ، ކުޅުންތެރިޔަކު ހޯދާނެ ހުރިހާ ކާމިޔާބެއް ހާސިލު ކޮށްފަ އެވެ. ގައުމީ ޓީމާއި ކުލަބު ލެވަލުގައި، އިމްރާން ހޯދި ކަމިޔާބުގެ އެންމެ މުހިންމު ބައި ސަނާ އަށްވެސް އެޅޭނެ އެވެ. މުޅި ގައުމު، ސަނާގެ ހިތްވަރަށާއި ލީޑާޝިޕަށް ތައުރީފް އޮއްސާނެ އެވެ.