ކުޅިވަރު

ސްކޮޑަށް އަލަށް ބޮބީ އާއި އިއްބެ، ނިޒާމާއި ތޮލާލް އަދި ޗެކް

Mar 19, 2017

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ކުޅެން ފެށީ އީގަލްސްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ޓީސީގެ އިބްރާހިމް މަހްދީ ހުސައިން (އިއްބެ) އާއި ގްރީން ސްޓްރީޓްގެ އަހްމަދު ނިޒާމް އާއި ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ޓީމުގައި ހިމަނައި، އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅާށް މި މަހު ކުޅޭ މެޗަށް، ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލައިފި އެވެ.

ބޮބީ އަށް ގައުމީ ސްކޮޑުން ފުރުސަތު ދިން އިރު، ފުރަތަމަ ޑިވިޝަންގައި އޭނާ ކުޅެފައި ވަނީ ތިން މެޗެވެ. އެ ތިން މެޗުގައި ވެސް އޭނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކާފަ އެވެ.

އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބޮބީ، ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ އަށް ނެރުނީ ވެސް، ގައުމީ ޓީމަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު، މިނިވަން ޗެމްޕިއަންޝިޕާއި ޕްރެޒިޑެންޓް ކަޕްގައި، ސ. ފޭދޫ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކު، މިއަހަރު ޓީސީ އަށް ގެނައި، އިބްރާހިމް މަހްދީ ވަނީ، މި މަހު ބަންގުލަދޭޝްގައި ނިމިގެން ދިޔަ، ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

"މިފަހަރު، ނަމުން މަޝްހޫރު އެއްވެސް ކުޅުންތެރިޔެއް ޓީސީއަކަށް ނުގެންނާނަން، ނަމަވެސް، ތަފާތު ފެންނާނެ އެއް ކުޅުންތެރިޔަކު ގެންނާނަން، ނަމަވެސް އެއީ ނަން މަޝްހޫރު ކުޅުންތެރިޔެއް ނޫން،" އިބްރާހިމް މަހްދީ ޓީސީ އަށް ގެނައުމަށްފަހު އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ،

ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތް ޓީސީ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އަނެއް ކުޅުންތެރިޔާ މުހައްމަދު އައްޒާމް އަށް ވަނީ ގިނަ ދުވަސްތަކަކަށްފަހު ގައުމީ ސްކޮޑުން ފުރުސަތު ދީފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑުން އޭރުގެ ކޯޗް އިސްތަވާން އުރުބާނީ ވަނީ، އައްޒާމް އަށް ފުރުސަތު ދީފަ އެވެ.

މިދިޔަ އަހަރު، ލާއޯސްއާ ދެކޮޅަށް ކުޅުނު، ދެ ވަނަ ލެގް މެޗަށް، އެކުލަވާލި ގައުމީ ސްކޮޑުގައި ނުހިމެނުނު މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އާއި ގާސިމް ޝަމްމާމް (ޝަންމޭ) އާއި ހުސައިން ނިޔާޒް މުހައްމަދު (ބޮކްރީ) އަށް ވަނީ އަލުން ގައުމީ ސްކޮޑުން ފުރުސަތު ދީފަ އެވެ.

އަދި، މިދިޔަ އަހަރު ކުރީކޮޅު ބަންގުލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑްކަޕްގައި، ގައުމީ ޓީމުގެ ޑިފެންސިވް ލައިންގައި މޮޅު ކުޅުމެއް ދެއްކި، ގްރީން ސްޓްރީޓްގެ ސާއިފް އަހްމަދަށް ވެސް ވަނީ އަލުން ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. އަދި އެ މުބާރާތަށް އެކުލަވާލި ސްކޮޑުގައި ހިމެނުނު ޓީސީގެ އިބްރާހިމް ވަހީދު ހަސަން އަށްވެސް، ވަނީ އަލުން ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ.

މިއީ، ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާ ކުރި ފަހުން ޓީމު އެކުލަވާލި ފުރަތަމަ ފަހަރެވެ.

މިފަހަރު، އެއް ވަނަ ގޯލްކީޕަރުގެ މަގާމު ފުރާނީ ވެލެންސިއާގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އޭނާ ވަނީ، މި ސީޒަންގެ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރާއި، ޕްލޭއޮފް ބުރުގެ އިތުރުން، ލީގްގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. ޓީމުގެ އެކުލަވާލި 29 ކުޅުންތެރިންގެ ސްކޯޑުގައި ހަތަރު ކީޕަރުން ވަނީ ހިމަނާފަ އެވެ.

އަނިޔާގެ ސަބަބުން، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަހްމަދު ނާޝިދު (ނާއްޓޭ) އިބްރާހިމް މުބީން މުއްކިއަށް މިފަހަރު ޓީމުން ފުރުސަތު ދީފަ އެއް ނުވެ އެވެ. އަދި އާއިލީ ކަމެއްގައި، ރާއްޖޭއިން ބޭރުގައި ހުރި، މިދިޔަ ސީޒަންގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި، އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) އަށްވެސް މިފަހަރު ފުރުސަތު ދީފައެއް ނުވެ އެވެ. ރިޒޭ ވަނީ ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ކުޅުންތެރިންނަކީ، މިހާރު މިހާތަނަށް އެއްވެސް މެޗެއް ނުކުޅޭ ކުޅުންތެރިން ނެވެ.

މިފަހަރުވެސް ގައުމީ ސްކޮޑްގައި އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާއިން ނެވެ. އެޓީމުގެ ނުވަ ކުޅުންތެރިޔަކު ވަނީ ޓީމުގައި ހިމެނިފަ އެވެ. މިހާރު އެކުލަވާލާފައި ސްކޮޑް ފައިނަލު ކުރާނީ، މެޗު ކުޅުމުގެ ދެތިން ދުވަހެއް ކުރިންނެވެ. ފައިނަލު ސްކޮޑުގައި ހިމެނޭނީ، 23 ކުޅުންތެރިން ނެވެ.

އޭޝިއާ ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް އެކުލަވާލި ގައުމީ ސްކޮޑް

މާޒިޔާ:
އަސަދުﷲ އަބްދުﷲ (އަސައްކޮ)
މުހައްމަދު އުމޭރު
އަމްދާން އަލީ (އެންޑީ)
އަހްމަދު އިމާޒު (އާއްކޮ)
އަސްހަދު އަލީ (އަޑޭ)
ޔަޝްފާދު ހަބީބު (މުލަކޭ)
ގާސިމް ސާމްމް (ޝަންމޭ)
ސަމޫހް އަލީ (ސަމުއްޓޭ)
ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)

ނިއު ރޭޑިއަންޓް:
އަލީ ފާސިރު (ސެންޓޭ)
މުހައްމަދު ރަޝީދު (ހޮކޭ)
އަހްމަދު އަބްދުﷲ (ލިލީ)
ހަމްޒާ މުހައްމަދު (ހަމްޕް)

ކުލަބު އީގަލްސް:
ރިހާމް އަބްދުލް ގަނީ (ބޮބީ)
އިމްރާން ނަޝީދު (އިންމަ)
އަހްމަދު ޒާދު
މުހައްމަދު ޝަފީއު (ޗެކް)

ކުލަބު ވެލެންސިއާ:
މުހައްމަދު ފައިސަލް
ޝާފިއު އަހްމަދު (ޝާފީ)
ހިސާމް ސަލީމް
ތޮލާލް ހަސަން

ޓީސީ ސްޕޯޓްސް ކުލަބު:
ހަސަން ނާއިޒު (ދާދު)
އިބްރާހިމް ވަހީދު ހަސަން
މުހައްމަދު އައްޒާމް
އިބްރާހިމް މަހްދީ ހުސައިން

ވިކްޓަރީ:
އިސްމާއިލް އީސާ (މެސީ)
މުހައްމަދު އިމްރާން (ކުޑަ އިމްރާން)

ގްރީން ސްޓްރީޓް:
ސާއިފް އަހްމަދު
އަހްމަދު ނިޒާމް