ކުޅިވަރު

އަންޗެލޯޓީ އާއި ޒިދާންގެ ކުރިމަތި ލުމަކަށް

Mar 17, 2017

ދެހާސް ސާދަ ވަނަ އަހަރު، ރެއާލް މެޑްރިޑް ޔޫއެފްއާ ޗެމްޕިއަންސް ލީގް ހޯދިއިރު، ކޯޗަކަށް ހުރީ ބަޔާން މިޔުނިކްގެ މިހާރުގެ ކޯޗް ކާލޯ އަންޗެލޯޓީ އެވެ. އޭނާގެ އެހީތެރިޔަކަށް ހުރީ، ރެއާލްގެ މިހާރުގެ ކޯޗް ޒައިނުއްދީން ޒިދާން އެވެ.

ޗެމްޕިއަންސް ލީގްގެ މި ސީޒަންގެ ކްއާޓާ ފައިނަލުގެ އެންމެ ވަރުގަދަ ކުރިމަތިލުމަކަށް އޮތީ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކްގެ ކުރިމަތި ލުމެވެ. ޒިދާން، ކޯޗިން ކެރިއާ އަށް ނިކުތުމުގެ ކުރިން، ކޯޗިންގެ މައިގަނޑު ފިލޯސަފީތައް އޭނާ ދަސް ކުރި، އަންޗެލޯޓީގެ ފިލާވަޅު ތަކުން ނެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ، ޗެމްޕިއަންސް ލީގް ފައިނަލު މެޗުގައި ރެއާލްގެ ބެންޗުން އެންމެ ބޮޑަށް ފާހަގަވި މަންޒަރަކީ، އެސިސްޓެންޓް ކޯޗަކަށް އޭރު ހުރި، ޒިދާން، އަތުން އިޝާރާތް ކުރުމަށްފަހު ރެއާލްގެ ކުޅުންތެރިންނަށް އިރުޝާދު ދޭ މަންޒަރެވެ. ފަހަތުގައި އެ މަންޒަރު ބަލަން ހުރީ، ރެއާލްގެ ހެޑް ކޯޗް އަންޗެލޯޓީ އެވެ. އެ މަންޒަރުން އެކަނިވެސް، ޒިދާން އަށް ކޯޗިންގެ ފުރުސަތު ދޭން އަންޗެލޯޓީގެ އެއްބާރުލުން ވަރަށް ބޮޑަށް އޮތްކަން ހާމަ ވެގެން ދެއެވެ.

މިހާރު ދެ ކޯޗުންވެސް، ދެ ކްލަބެއްގެ ހެޑް ކޯޗުން ނެވެ. މި އަންނަ މަހުގެ 12 ވަނަ ދުވެހުގެ ރޭ، ދެ ކޯޗުންގެ ފުރަތަމަ ކުރިމަތި ލުން ބަޔާން މިޔުނިކްގެ ދަނޑުގައި އޮންނާނެ އެވެ. ދެ ވަނަ ލެގް މެޗު އޮންނާނީ، 18 ވަނަ ދުވަ ހުގެ ރޭ ރެއާލްގެ ދަނޑު ސެންތިއާގޯ ބެރުނަބޭގަ އެވެ. މިއީ ދެހާސް ފަނަރަ ވަނަ އަހަރު ރެއާލްގެ ކޯޗް ކަމުން އަންޗެލޯޓީ ވަކި ކުރި ފަހުން، ރެއާލްގެ ދަނޑަށް އޭނާ ކުރާނެ ފުރަތަމަ ޒިޔާރަތެވެ.

ދެހާސް ސާދަ ވަނަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލަށް ރެއާލް ދަތުރު ކުރީ، ސެމީ ފައިނަލުގައި، ބަޔާންގެ މައްޗަށް 5-0 ގެ އެގްރިގޭޓް ނަތީޖާ އަކުން، ކާމިޔާބު ހޯދައިގެން ނެވެ، އަންޗެލޯޓީގެ ކޯޗް ކަމުގެ ދަށުން، ރެއާލުން، ބަޔާންގެ ދަނޑުގައި އެޓީމާ ދެކޮޅަށް 4-0 ން މޮޅުވި އެވެ.. މިއީ ޔޫސީއެލް ތާރީހްގައި، އަމިއްލަ ދަނޑުގައި ބަޔާން މިހާތަނަށް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

މިހާރު އަންޗެލޯޓީ ހުރީ ބަޔާން ގައެވެ. އޭނާ އަމިއްލަ އަތުން ބަޔާން ލަދުވެތި ނަތީޖާ އަކުން ބަލި ކުރުމަށްފަހު، އެ ނަތީޖާއަށް ބަދަލު ހިފަން ހުރީވެސް އޭނާ އެވެ.

ބަޔާން އާއި ރެއާލްގެ ފޯރިގަދަ ކުރިމަތި ލުމުގެ ވާހަކަ ދައްކާއިރު، ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސްގެ ކުރިމަތިލުންވެސް ވަކި ފޯރި ކުޑަ އެއް ނޫނެވެ.

މި ދެ ޓީމަކީ، 2014 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ވާދަ ކުރި ދެ ޓީމެވެ. އެފަހަރު، މުބާރާތް ކާމިޔާބު ކުރީ، ބާސާއިން ނެވެ. އެހެންވެ، މިފަހަރު ޔުވެންޓަސް ނިކުންނާނީ، އެމެޗުގެ ބަދަލު ހިފުމަކަށެވެ. މިދެ ޓީމު ކުޅޭ ފުރަތަމަ ލެގް މެޗު އޮންނާނީ މިއަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭ، ޔުވެންޓަސް ސްޓޭޑިއަމް ގަ އެވެ. ދެ ވަނަ ލެގް މެޗު 19 ވަނަ ދުވަހުގެ ރޭ، ބާސާގެ ދަނޑުގަ އެވެ.

ދެން އޮތީ އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން، ލެސްޓާ ސިޓީ އާއި އެންމެ ފަހުގެ ރަނަރަފު އެތުލެޓިކޯ މެޑްރިޑްގެ ކުރިމަތި ލުމެވެ. ބައެއް ފަރާތްތަން ލަފާ ކުރާ ގޮތުގައި އެންމެ ފަސޭހަ މެޗު މިފަހަރު ލިބުނީ އެތުލެޓިކޯ އަށެވެ. ނަމަވެސް، ލެސްޓާ ކްއާޓާ ފައިނަލާ ހަމަޔަށް އައީ، ސްޕެއިންގެ ފުޓްބޯޅައިގެ އާ ބާރެއްގެ ގޮތުގައި އެުފެދެމުން އަންނަ ސެވިއްޔާ ބަލި ކުރުމަށްފަހު އެވެ. އެހެންވެ، ލެސްޓާގެ މެޗު، އެތުލެޓިކޯ އަށް ފަސޭހަ ވާނެ ކަމަކަށް ނުބެލެވެ އެވެ.

މި ދެ ޓީމު ކުޅޭ، ފުރަތަމަ ލެގް މެޗު އޮންނާނީ، އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ، އެތުލެޓިކޯގެ ދަނޑުގަ އެވެ. ދެ ވަނަ ލެގް މެޗު 18 ވަނަ ދުވހުގެ ރޭ ގަ އެވެ.

ދެ ވަނަ ބުރުގައި އެންމެން ހައިރާން ކޮށްލީ ފުރާންސްގެ މޮނާކޯ އެވެ. އަގު ބޮޑު ސްކޮޑެއް އޮތް، ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ކަޓުވާ ލުމަށް ފަހު، މޮނާކޯ ކްއާޓާ ފައިނަލަށް އައުމުން، އެޓީމަކީ އާދައިގެ ޓީމެއް ނޫންކަން އެނގެ އެވެ. މެންޗެސްޓާ ސިޓީގެ ސްކޮޑްގެ އަގު 100 މިލއަނަށް ވުރެ އަގު ބޮޑެވެ. މޮނާކޯގެ މުޅި ސްކޮޑް 75 މިލިއަނަށްވެސް ނާރަ އެވެ. ނަތީޖާ އަކީ ފައިސާ އާއި ބޮޑެތި ނަންތަކަކުން، ހާސިލު ކުރެވޭ އެއްޗެއް ނޫންކަން މޮނާކޯ އިން ސާބިތު ކޮށްދީފި އެވެ.

މޮނާކޯއާ ދެކޮޅަށް، ކްއާޓާ ފައިނަލުގައި ނިކުންނާނީ، ޖަރުމަންގެ ބްރޫޝިއާ ޑޯޓަމަންޑެވެ. ކުޅޭ ސްޓާއިލަށް ބަލާއިރު، އެއްކަހަލަ ފުޓްބޯޅަ އެއް ކުޅޭ ދެޓީމެވެ. ފަހަރެއްގައި މޮނާކޯ އިން، ޑޯޓަމަންޑަށް ސިހުން ގެނެސްފާނެ އެވެ.

އެ ދެ ޓީމު ކުޅޭ ފުރަތަމަ ލެގް މެޗު، އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭ، އޮންނާނީ ޑޯޓަމަންޑްގެ ދަނޑުގަ އެވެ. ދެ ވަނަ ލެގް މެޗު 19 ވަނަ ދުވަހުގެ ރޭ ގަ އެވެ.