އަންނަ މަހުގެ 15 ދުވަހު ބާއްވަން ހަމަޖައްސައި ތައްޔާރުވަމުން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު އަނެއްކާވެސް ފަސްކޮށްފި އެވެ. މިއީ މި އިންތިހާބު ފަސްކުރި ތިންވަނަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) މިރޭ ބޭއްވި ކުއްލި ޕްރެސް ކޮންފަރަންސްއެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސަތަފާ ވިދާޅުވީ އިންތިހާބު ފަސް ކުރަން ނިންމީ މިހާރު ފެތުރެމުންދާ ސްވައިން ފްލޫއާ ގުޅިގެން ކަމަށާއި އެގޮތުން ގައުމީ ލަފާ ދޭ ކޮމެޓީގައި ފުޅާ ދާއިރާގައި މަޝްވަރާ ކުރުމަށް ފަހު އިންތިހާބު ފަސްކޮށްފައި ވަނީ އަންނަ މޭމަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އޭޕްރީލް 15 އިން މޭ މަހުގެ ހަ ވަނަ ދުވަސް ފަސްވުމުން އެއީ 19 ދުވަހުގެ ލަސްވުމެކެވެ.
އަމްޖަދު ވިދާޅުވީ އާންމުކޮށް މީހުން އެއްވެގެން އުޅޭ ތަންތަނުގައި ސްވައިން ފްލޫ ފެތުރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން އީސީއިން ހަރަކާތްތައް ހިންގުމުގައި އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އެ ކޮމިޝަނަށް ލަފާ އަރުވާފައިވާ ކަމަށެވެ. އަދި ގައުމީ ލަފާދޭ ކޮމިޓީގެ ގިނަ މެންބަރުން ވެސް ފްލޫއާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް ލަފާދީފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ގައުމަށް ދިމާވާ ގުދުރަތީ ކާރިސާތަކުގައި އިންތިހާބުތައް ލަސްވެފައި ހުންނާނެ. 2004 ވަނަ އަހަރު ސުނާމީ ކާރިސާއާ ގުޅިގެން ވެސް އޭރު ބާއްވަން އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ވެސް ވަނީ ލަސްކޮށްފައި. އެހެންވެ މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދެނީ ދައުލަތުގެ ސިއްހީ ނިޒާމްތައް ބަލަހައްޓާ ފަރާތްތަކުން ދޭ ހިޔާލުތަކާ އެއްގޮތަށް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަން. އެހެންކަމުން ދެން އިންތިހާބު އޮންނާނީ ހައެއް މޭގައި،" އަމްޖަދު ވިދާޅުވި އެވެ.
އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބު ލަސް ކުރުމާ ގުޅިގެން ވޯޓު ލާ މީހުންގެ ރެޖިސްޓްރީއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން މޭ ހހަޔަކަށް 18 އަހަރު ވާ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި އެ މުއްދަތު ތެރޭގައި ދިރިއުޅޭ ތަން ބަދަލުވެއްޖެ ނަމަ ރީރަޖިސްޓާ އެތަނަކަށް ރީރަޖިސްޓާ ކުރުމުގެ ފުރުސަތުވެސް ދެއްވާނެ ކަމަށެވެ.