މަޝްހޫރު ބަޖެޓް އެއާލައިން، އެއާއޭޝިޔާ އިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
އެ އެއާލައިންގެ ސީއީއޯ ޓޯނީ ފެނާންޑޭޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ. އަދި ރާއްޖެއަށް އަލުން އެއާއޭޝިޔާގެ ދަތުރުތައް ފަށަނީ ކީއްވެކަން ބުނާ މީހުންގެ ތެރެއިން ދެ މީހަކަށް ހިލޭ ޓިކެޓް ދޭން ވެސް އޭނާ ނިންމާފައިވާކަމަށް ފެނާންޑޭޒް ވަނީ ވިދާޅުވެފަ އެވެ.
އޭނާގެ ޓްވީޓާ ގުޅިގެން ވަރަށް ގިނަ މީހުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާކަން ހާމަކޮށްފަ އެވެ. އެގޮތުން ރާއްޖެ ކަހަލަ ރީތި މަންޒިލަކަށް އަގުހެޔޮކޮށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭތީ އުފާކުރާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި މިއީ ރާއްޖެއަށް އަންނަން އުންމީދުގައި ތިބި އެތައް ބަޔަކަށް ލިބޭނެ ހެޔޮ ހަބަރެއް ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.
"މި އެއާލައިން އުދުހޭ މަންޒިލްތަކުގެ ތެރެއަށް ރާއްޖެ އަލުން އިތުރު ކުރަން ނިންމައިފިން،" ފެނާންޑޭޒް ވަނީ ޓްވީޓްކުރައްވައިފަ އެވެ.
އެއާއޭޝިޔާގެ ސަބްސިޑަރީއެއް ކަމަށްވާ، އެއާއޭޝިޔާ އެކްސްއިން 2013 ވަނަ އަހަރުގެ ފަހުކޮޅު ވެސް ރާއްޖެއަށް ދަތުރުތައް ފެށި އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ ދަތުރުތައް އެ އެއާލައިނުން ހުއްޓާލި އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ރާއްޖެއަށް ލިބޭ ތަރުހީބު ކުޑަވުމެވެ. ނަމަވެސް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނާންޑޭޒް ވަނީ ހާމަކޮށްފަ އެވެ.