ރާއްޖެ ކުޅިވަރު

އޭޝިއަން ކަޕަށްް ކޮލިފައިވާން ރާއްޖެއަށް ރަނގަޅު ފުުރުސަތެއް!

އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގެ ތިން ވަނަ ބުރުގެ މެޗުތަކަށް ދިވެހިރާއްޖެ މި މަހު ކުރިމަތިލާއިރު، މިއީ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ރާއްޖެ އަށް ލިބިގެންދާނެ އެންމެ ރަނގަޅު ފުރުސަތެވެ. ކުރިއަރަމުން އަންނަ ގައުމުތަކަށް ކުރިން އޭއެފްސީން ބާއްވަމުންދިޔަ އޭއެފްސީ ޗެލެންޖް ކަޕް އުވާލުމަށް ފަހު، އޭއެފްސީން ވަނީ ކުރިއަރަމުން އަންނަ ގައުމުތަކަށް ވެސް ކޮލިފައިން ބުރުން އޭޝިއަން ކަޕަށް ކޮލިފައިވުމަށް މަގު ފަހިކޮށްދީފަ އެވެ. އެގޮތުން ދިވެހިރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމުތަކަށް ވެސް ވަނީ ކޮލިފައިންގެ ތިން ވަނަ ބުރުގައި ވާދަކޮށްގެން، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ހުޅުވިފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގައި ޖުމްލަ 24 ޓީމު ވާދަކުރާއިރު، ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށް މި ޓީމުތައް ވަނީ ޖުމްލަ ހަ ގުރޫޕަކަށް ބަހާލައިފަ އެވެ. ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިންގެ ތިން ވަނަ ބުރުން ކޮލިފައިވަނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. ރާއްޖެ ހިމެނޭ ގުރޫޕް ޑީގައި އޮތީ ރާއްޖެއާއެކު ދެން އޮތީ އޮމާން އާއި ފަލަސްތީން އަދި ބޫޓާނެވެ.

ފުޓްބޯޅައިގައި ރާއްޖެ އަށް އިތުރަށް ކުރިއަށް ދެވެން އޮތީ ދެކުނު އޭޝިއާ ސަރަހައްދުގައި ވާދަކުރުމަށް ވުރެ ބޮޑަށް، އެއަށްވުރެ ވަރުގަދަ ޕްލެޓްފޯމެއްގައި ވާދަކުރުމަށް އަޒުމުކަނޑައަޅައިގެނެވެ. ސަރަހައްދީ ފުޓްބޯޅައިގެ އެންމެ ގަދަ ބާރު ކަމަށްވާ އިންޑިއާ އިން ސަރަހައްދީ މުބާރާތަށް ދޭ ސަމާލުކަން ކުޑަވެއްޖެ އެވެ. މި ފަހަކަށް އައިސް ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާތަކެއް ނެރިފައިވާ އަފްގާނިސްތާން ވަނީ ސެންޓްރަލް ޒޯން އަށް ބަދަލުވެފަ އެވެ. އެހެންކަމުން ކުރިއަށްވުރެ ސާފް ޗެމްޕިއަންޝިޕްގެ ފެންވަރު ވަކި ރަނގަޅެއް ނުވާނެ އެވެ. އެ މުބާރާތަށް ހަމައެކަނި ޓާގެޓްކޮށްގެން ފުޓްބޯޅައިގައި ރާއްޖެ އަށް ކުރިއަށް ދެވޭނެ މާ ރަނގަޅު މަގެއް ނެތެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ އަށް މީގެ ކުރިން ލިބުނު އެންމެ ރަނގަޅު ފުރުސަތަކަށްވީ އޭއެފްސީ ޗެލެންޖް ކަޕެވެ. ރާއްޖެ ވަނީ 2012 ވަނަ އަހަރު ނޭޕާލްގައި އޮތް ޗެލެންޖް ކަޕް މުބާރާތަށް ކޮލިފައިވެފަ އެވެ. އެކަމަކު މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖެ ވަނީ ކަޓައިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެ މުބާރާތް އޮތީ ދިވެހިރާއްޖޭގަ އެވެ. އަމިއްލަ ފަސްގަނޑުގައި އޮންނަ މުބާރާތް ކާމިޔާބުކޮށްގެން، އޭޝިއަން ކަޕަށް ދަތުރުކުރަން ރާއްޖެ އަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އެކަމަކު ހިތްދަތިގޮތަކަށް ސެމީ ފައިނަލްފައި ފިލިޕީންސް އަތުން ބަލިވެ، ރާއްޖެ ފުއްދާލަން ޖެހުނީ ތިން ވަނަ މަގާމަށެވެ.

ޗެލެންޖް ކަޕް އުވާލައި، އޭޝިއަން ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގެ އޮނިގަނޑަށް އޭއެފްސީން ގެނައި ބަދަލާއެކު ރާއްޖެ އަށް އަނެއްކާ ވެސް މި އޮތީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ސީދާ މަގެއް ލިބިފަ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ކުރިމަތިލާންޖެހޭއިރު، ގުރޫޕްގެ ގަދަ ދެއަކަށް އެރުމަކީ ރާއްޖެ އަށް ކުރެވިދާނެ ކަމެކެވެ.

ގުރޫޕްގައި އޮތް ޓީމުތަކަށް ބަލާއިރު، އެންމެ ވަރުގަދަކޮށް ފެންނަނީ އޮމާން އެވެ. ރާއްޖެ އާއި އޮމާން އެންމެ ފަހުން ބައްދަލުކުރީ 2010 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ގުރޫޕް ސްޓޭޖުގަ އެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން އެ ފަހަރު އޮމާން މޮޅުވީ 3-0 އިންނެވެ.
މި ގުރޫޕްގައި އޮތް ފަލަސްތީނަކީ ވަރުގަދަ ޓީމެކެވެ. އެކަމަކު މިއީ ރާއްޖެ އަށް ވާދަނުކުރެވޭ ފެންވަރުގެ ޓީމެއް ނޫނެވެ. ރާއްޖެ އާއި ފަލަސްތީން އެންމެ ފަހުން ބައްދަލުކުރީ 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕްގަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ޗެލެންޖް ކަޕްގައި ފަލަސްތީން ވަނީ ރާއްޖެ އަތުން 2-0 އިން މޮޅުވެފަ އެވެ.

ދެކުނު އޭޝިއާ ފުޓްބޯޅައިގައި ރާއްޖެ އަށް ފަރިތަ ގައުމެއް ކަމަށްވާ ބޫޓާން ވަނީ ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި ފުޓްބޯޅައިގައި ކުރިއެރުން ހޯދައިފަ އެވެ. އެކަމަކު ބޫޓާން އަކީ އަދިވެސް ރާއްޖެ އަށް ފަސޭހަކަމާއެކު ކުރި ހޯދޭނެ ގައުމެކެވެ.

މީގެ ކުރިން އޭޝިއަން ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ލައްވާލި ގުރޫޕްތަކަށް ބަލާއިރު، މި ފަހަރު މި އޮތް ގުރޫޕަކީ ރާއްޖެ އަށް ނިސްބަތުން ވާދަކުރެވޭ ފެންވަރުގެ ގުރޫޕެކެވެ. މީގެ ކުރިން ރާއްޖެ ހިމެނޭ ގުރޫޕަށް ގަތަރު، ޗައިނާ އިރާން އަދި ދެކުނު ކޮރެއާ ފަދަ ވަރުގަދަ ގައުމުތަށް ލައްވާލި ނަމަވެސް، މި ބުރުގައި ރާއްޖެއާ ދެކޮޅަށް އެ ފެންވަރުގެ ޓީމެއް ނެތެވެ.

އޮމާން އަކީ ރަނގަޅު ޓީމެކެވެ. އެކަމަކު އެއީ ރާއްޖެ އަށް އަމިއްލަ ދަނޑުގައި ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ނޫނެވެ. އެއަށްވުރެ ވަރުގަދަ ޓީމުތަކަށް ވެސް ގަލޮޅު ދަނޑުގައި ރާއްޖެއާ ކުޅެން އުނދަގޫވި އެވެ. ހަމައެގޮތަށް ފަލަސްތީނަކީ ވެސް އަމިއްލަ ދަނޑުގައި ބަލިނުކުރެވޭނެ ޓީމެއް ނޫނެވެ. ބޫޓާނާ އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، އެ ޓީމާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ރާއްޖެ އަށް ކާމިޔާބުކުރެވިދާނެ އެވެ.

ރާއްޖެ އަށް އެންމެ މުހިންމު ވާނީ ފަލަސްތީނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެ އަށް ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ، އެއީ ރާއްޖޭގެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. ރާއްޖޭގެ ކޯޗު އޮސްޓްރޭލިއާގެ ޑެރަން ސްޓުވާޓް ޒުވާން ކުޅުންތެރިންތަކެއް ލައިގެން ކޮލިފައިން މެޗުތަކަށް ނުކުންނަން ވިސްނުންހުރިއިރު، އެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަކީ އެ ކުޅުންތެރިންނަށް ވެސް ލިބޭނެ ހިތްވަރެކެވެ.

ރާއްޖެ އަށް މި ފެންވަރުގައި ރަނގަޅު ކާމިޔާބީތަކެއް ލިބެން އޮތީ އެފްއޭއެމް އިން ވެސް މަސައްކަތްތަކެއްކޮށްގެނެވެ. ގައުމީ ޓީމުގެ ކޯޗުގެ ޕްލޭންއާ އެއްގޮތަށް ތައްޔާރީތައް ކުރިއަށް ގެންދަން އެފްއޭއެމް އިން ވެސް މަސައްކަތްކުރަންޖެހެ އެވެ. ރާއްޖެއާ ވާދަވެރި އެހެން ގައުމުތަކުން ކުރިއެރުން ހޯދަނީ މަސައްކަތްކޮށްގެނެވެ. އެކުވެރިކަމުގެ މެޗުތައް ކުޅެ، ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީގެނެވެ. މި ފަދަ ބޮޑު މުބާރާތަށް ކޮލިފައިވުމަށް ރާއްޖެ ނުކުންނައިރު، އެކަން ވާން އޮތީ ރަނގަޅަށް ތައްޔާރީތައް ކުރިއަށް ގެންގޮސްގެނެވެ.