ހަބަރު

ލަންކާ އެއާޕޯޓުން ދިވެހިން ފްލޫއަށް ސްކްރީން ކުރަން ފަށައިފި

Mar 19, 2017
2

ރާއްޖޭގައި އެޗް1އެން1 ނޫނީ ސްވައިން ފްލޫ ފެތުރޭތީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަށް ސަމާލުވެއްޖެ އެވެ. ރާއްޖޭގައި ސްވައިން ފްލޫ ފެތުރި އެ މައްސަލަ ސީރިއަސްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ލަންކާގެ ކަރަންޓީން ޑައިރެކްޓާ ޑރ. ޕަލިތާ ކަރުނަޕެމާއާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ ހަފުތާއެއްގެ ތެރޭގައި އެގައުމަށް ދިޔަ 300 މީހުން އެޗް1އެން1 އަށް ސްކްރީންކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 105 މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމަ އެކަނި ދިވެހިން ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ނުރައްކާ ބޮޑު ހާލަތްތަކުގައި ހާއްސަ ގަވައިދަކުން އަމަލުކުރާ ކަމަށާއި އެގޮތުން ކުރާ އެއް ކަމަކީ ބަލިވެ އުޅޭ ދަތުރުވެރިންގެ މައުލޫމާތު ވަކި ނިޒާމެއްގައި ރަޖިސްޓްރީ ކުރުން ކަމަށެވެ. އަދި އަނެއް ކަމަކީ ބަލީގެ ހާލަތު ބަޔާންކޮށް ބަލިމީހުން އަމިއްލައަށް ބުނެދިނުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ބަންޑާރަނަޔަކަ އިންޓަަނޭޝަނަލް އެއާޕޯޓުން ސްވައިން ފްލޫއަށް މީހުން ސްކްރީން ކުރަން ފެށީ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް އެރޯގާ ފެތުރެމުން ދިޔުމާއި ގުޅިގެންނެވެ.

ސްވައިން ފްލޫ ވައިރަސް ރާއްޖޭގައި ބާރަށް ފެތުރެމުން ދާއިރު މިހާތަނަށް އެ ފްލޫއަށް ޓެސްޓުކޮށްފައި ވަނީ 350 މީހުންނެވެ. އަދި މިހާތަނަށް 114 މީހުން ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފަ އެވެ. ސްވައިން ފްލޫ ޖެހިގެން ދެ މީހަކު މަރުވެފައިވާ އިރު ހަ މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.