ކުޅިވަރު

ބަދަލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ

Mar 19, 2017

ރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމުން އޭނާ އެކަމާ ހިތް ހަމަ ނުޖެހިއްޖެ އެވެ.

ރެއާލް 2-1 އިން ލީޑްގައި އޮތުމުން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ 79 ވަނަ މިނެޓްގައި، ރޮނާލްޑޯގެ ބަދަލުގައި، އިސްކޯ ކުޅެން އަރުވާފަ އެވެ. ދަނޑުން ފައިބަން އަންނަމުން ރޮނާލްޑޯ ވަނީ، އެކަމާ ހިތް ހަމަ ނުޖެހުމުގެ ގޮތުން އެއްޗެކޭ ބުނެފަ އެވެ.

"ކީއްވެ އަހަރެން ބަދަލު ކުރަނީ؟" ރޮނާލްޑޯގެ މޫނު މަތިން ހިތްހަމަ ނުޖެހުން ދައްކަމުން އޭނާ ބުންޏެވެ.

މެޗުގައި ރޮނާލްޑޯ އަށް ލަނޑެއް ނުޖެހޭނަމަ، އަބަދުވެސް، އޭނާގެ މޫނު މަތިން ހިތްހަމަ ނުޖެހުން ފާޅުކުރެ އެވެ. ޒިދާން ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ. ބަދަލު ކުރުމުން، ބެންޗުގައި އިން އިރުވެސް، ރޮނާލްޑޯގެ މޫނު މަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނާން ހުއްޓެވެ. ނަމަވެސް، މެޗަށް ފަހު ޗޭންޖިން ރޫމުގައި އޮތް މެޗު ސެލެބްރޭޝަންގައި، ރޮނާލްޑޯ ބައިވެރިވި އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ އަށް ލަނޑެއް ނުޖެހެ އެވެ. ކަރަވަހާލް ދިން ފުރުސަތަކުން އޭނާ ގޯލް ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، އޭގެ ކުރިން، އޭނަ ހުރީ އޮފްސައިޑް މަގާމެއް ގަ އެވެ. ނަމަވެސް، ރޭގެ މެޗުގައި، ރެއާލް މޮޅު ކޮށް ދިން ދެ ލަނޑު ކާމިޔާބު ކުރަން މަގުފަހި ކޮށްދިނީ ރޮނާލްޑޯ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި، ބެންޒެމާ ލަނޑު ޖެހީ، ރޮނާލްޑޯ ދިން ހިތްގައިމު ޕާހަކުން ނެވެ.

ބިލްބާއޯގެ އަރިޓްޒް އަދޫރީޒް، މެޗުގެ 65 ވަނަ މިނެޓްގައި، އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނިކޮށް، އޭގެ ތިން މިނެޓް ފަހުން، ކެސެމީރޯ ރެއާލް އަށް ލީޑް ނަގައިި ދިނީވެސް ރޮނާލްޑޯ ބޮޅުން ފޮނުވާލި ބޯޅަ އޭނާއަށް ލިބުމުން ނެވެ. މެޗުގެ ސްކޯޝީޓްގައި، ރޮނާލްޑޯގެ ނަން ނެތަސް، އޭނާގެ އެސިސްޓަށް ވަނީ ދެ ލަނޑު އިތުރު ވެފަ އެވެ.

މެޗުން، ރެއާލް މޮޅުވުމުން، އެޓީމަށް ވަނީ، ތާވަލުގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.