ކުޅިވަރު

ގައުމީ ޓީމުގެ ކީޕާ ޓްރެއިނާއަކަށް އަނެއްކާވެސް އަސްލަމް

Mar 19, 2017

ކުރީގެ އެއް ވަނަ ގޯލްކީޕަރު، އަދި ރާއްޖޭގައި މިހާރު ހުރި އެއް ވަނަ ގޯލްކީޕަރު ޓްރެއިނަރު އަސަލަމް އަބްދުއްރަހީމް، އަލުން ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު ކަމަށް، ގެނައުމަށް، އެފްއޭއެމުން ނިންމައިފި އެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކަށް، ހުރުމަށްފަހު، އަސްލަމް ވަނީ، އޭރުގެ ކޯޗް ރިކީ ހާބަޓާމެދު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ، ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު ކަމުން އިސްތިއުފާ ދީފަ އެވެ. އޭނާ އިސްތިއުފަ ދިނީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އޭގެ ފަހުން، ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ، ނިއުރޭޑިއަންޓްގެ މިހާރުގެ ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) އެވެ.

ކުރިން ކުލަބު ވެލެންސިއާ އަށާއި ނއިުރޭޑިއަންޓަށް ކުޅުނު އަސްލަމަކީ، ރާއްޖޭގައި އުފެދުނު މޮޅު ކީޕަރުންގެ ތެރެއިން، ފާހަގަ ކުރެވޭ ކީޕަރެކެވެ. އޭނާ ވާނީ މުހިންމު މެޗުތަކުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ އީގަލްސްގެ ގޯލްކީޕަރު ޓްރެރިނަރުގެ ގޮތުގަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ، ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކަށް އަސްލަމް ގެނައުމަށް އޭނާއާ އެކު ވާހަކަ ދައްކަފައިވާނެ ކަމަށާއި، އަދި އަސްލަމް ވެސް އެކަމަށް އާނ ބަސް ބުނެފައިވާ ކަމަށެވެ.

އަވަސްއާ ވާހަކަ ދައްކަމުން، އަސްލަމްް ބުނެފައިވަނީ، އެފްއޭއެމް އާއެކު މިއަދު ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށާއި، އެއަށްފަހު މަސައްކަތް ކުރާނެ ގޮތަކީ ކޮބައިކަން އެނގިގެން ދާނެ ކަމަށެވެ.

"އެފްއޭއެމުން ހުށަހެޅި އަޅުގަނޑަށް މަސައްކަތް ކުރެވޭނެތޯ، އަޅުގަނޑު ބުނިން ގައުމީ ޓީމަށް އަޅުގަނޑަށް މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތޭ، ނަމަވެސް، އަދި ހައިސިއްޔަތަކީ ކޮބައި ކަމެއް ނޭނގެ، މިއަދު އެފްއޭއެމާއެކު އޮންނަ ބައްދަލުވުމަށްފަހު، ވަކިގޮތެއް ނިންމިގެންދާނެ ކަމަށް، މިބެލެވެނީ،" އަސްލަމް ބުންޏެވެ.