ރައީސް މުހައްމަދު ނަޝީދު

ނަޝީދު އަނެއްކާވެސް ލަންކާއަށް

އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯދައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ސްރީލަންކާއަށް ވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ލަންކާއަށް ވަޑައިގެންނެވި މިއީ ތިންވަނަ ފަހަރެވެ.

އެންމެފަހުން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާއާ ބައްދަލު ކުރައްވާފަ އެވެ. އަދި އެ ގައުމުގައި ތިއްބަވާ ބޭރު ސަފީރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

އެ ދަތުރުފުޅަކީ އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން ޕާޓީގެ ގައުމީ މަޖިލީހެއް ބާއްވައި، އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ބައިވެރިވުމާ ގުޅޭ ގޮތުން ނިންމުންތަކެއް ނިންމާފައިވެ އެވެ. އޭގެ އިތުރުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާ ވެސް އެ ދަތުރުފުޅުގައި ބައްދަލު ކުރައްވާފަ އެވެ.

ރައީސް ނަޝީދު މިހާރު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ވެސް ލަންކާގައި ތިއްބެވި ސިޔާސީ ބޭފުޅުންނާ ބައްދަލު ކުރައްވާނެ އެވެ. ނަމަވެސް ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ ކިހާ ދުވަހެއްގެ ދަތުރުފުޅެއް ކަމެއް ސާފެއް ނުވެ އެވެ.