ކުޅިވަރު

ރާއްޖޭގެ މެޗަށް ތައްޔާރުވާން ފަލަސްތީން ޔަމަނާ ދެކޮޅަށް

Mar 19, 2017
1

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް، މިމަހު 28 ވަނަ ދުވަހު ކުޅޭ މެޗަށް ތައްޔާރުވާން ފަލަސްތީނުން ޔަމަނާ ދެކޮޅަށް، ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗެއް ކުޅެން ހަމަޖައްސައިފި އެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ.

ޔަމަނަކީ، އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީގެ ފުރަތަމަ ބުރުގައި، ރާއްޖެ ބަލި ކުރުމަށްފަހު، ކޮލިފައިންއިން ޖާގަ ހޯދި ޓީމެވެ.

ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން، ޔަމަނާ ދެކޮޅަށް ކުޅެން ނިންމީވެސް، އެޓީމަކީ، ތަޖުރިބާކާރު ޓީމަކަށް ވެފައި، ޕްރިލިމިނަރީ ބުރުގައި ރާއްޖެއާ ދެކޮޅަށް ކުޅެފައިވާ ޓީމަކަށް ވުމުން ނެވެ.

ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް 27 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި، މިމަހު ކުރީކޮޅު ޕްރެކްޓިސް ފަށާފަ އެވެ. ދިވެހި ޓީމުން ވެސް ވަނީ، 29 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި، މިއަދު ޕްރެކްޓިސް ފަށަން ތައްޔާރު ވެފަ އެވެ. މިފަހަރުގެ ސްކޮޑުން، އަލަށް ފަސް ކުޅުންތެރިޔަކަށް ފުރުސަތު ދީފައި ވެއެވެ.

ރާއްޖެއިން ވެސް ވަނީ ކޮލިފައިންގެ ކުރިން، އެކުވެރިކަމުގެ މެޗެއް ކުޅެން މަސައްކަތް ކޮށްފަ އެވެ. އަފްޣާސްތާނާއި މިޔަންމާއިން، ރާއްޖެއާ ދެކޮޅަށް ކުޅެން މެޗެއް ހުށަހެޅި އެވެ. ނަމަވެސް އެއީ އަވޭ މެޗުތަކެކެވެ. ރާއްޖޭގެ ފުރުތަމަ މެޗު، މާލޭގައި ކުޅެން ޖެހޭތީ އެފްއޭއިން މަސައްކަތް ކުރީ މާލޭގައި މެޗެއް ކުޅުމަށެވެ.