ހަބަރު

މިނިސްޓަރު ޖަލީލުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އަންނަ ހުކުރު ދުވަހުގެ ރޭ އިއްވަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އަންނަ ހުކުރު ދުވަހުގެ ރޭ އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ބުނެފި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރިއިރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ޖަލީލުގެ މައްޗަށް ކުރާ އެ ދައުވާގެ މިރޭ ބޭއްވި އެންމެ ފަހު އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް މިރޭ ނިމުނީ ކަމަށާއި އަންނަ ހުކުރު ދުވަހުގެ ރޭ އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.

މިރޭ ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅައިފަ އެވެ. އެ ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލާ އައިޝަތު ފަޒްނާ އަހުމަދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން މަޝްވަރާކޮށް، އެކަން ކުރިއަށް ދާ ގޮތް ޖަލީލު ބަލާފައިވާކަން އޭނާގެ ތަހުގީގު ބަޔާނުން އެނގޭ ކަމަށެވެ. އެ އޮޕަރޭޝަނާ ބެހޭގޮތުން ގާނޫނީ ލަފާ ހޯދުމުގެ ފުރުސަތު ޖަލީލަށް އޮތްއިރު އެކަން އެގޮތަށް ކޮށްފައި ނުވާތީ އެކަމުގައި ބައިވެރިވުމުގެ ޒިންމާ ޖަލީލު ނަގަންޖެހޭނެ ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވީ ގާޒީ ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް ބަދަލުކުރަން ޖަލީލު ލަފާ ހޯދިކަން އޭރުގެ ވައިސް ޗީފްގެ ހެކިބަހުން އެނގެން އޮތުމުން އެކަމުގައި ޖަލީލު ބައިވެރިވިކަން ސާފުކޮށް އެނގޭ ކަމަށެވެ.

އޭރު ޖަލީލަކީ ނަމެއްގައި ހުރި މީހެއް ކަމަށް އޭނާގެ ފަރާތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި، ފަޒްނާ ވިދާޅުވީ އެއްވެސް ބާރެއް ނެތް ގޮތަކަށް އެފަދަ މަގާމެއްގައި މީހަކު ބަހައްޓާފައި ހުރެދާނެ ކަމަށް ސަލާމަތް ބުއްދިއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަން ސާބިތުކުރަން އެއްވެސް ހެއްކެއް ޖަލީލުގެ ފަރާތުން ހުށަހަޅާފައިނުވާ ކަން ވެސް ފަޒްނާ ފާހަގަ ކުރެއްވި އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި ޖަލީލަށް އޭރު ހަވާލުކޮށްފައި އޮތް ޒިންމާ އޭނާ އަދާ ނުކުރުމަކީ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާއިން އޭނާއަށް ބަރީއަވެވޭނެ ކަމެއް ނޫނެވެ. އަދި އެކަމުގައި ޖަލީލު ޒިންމާވާން ޖެހޭނެ ކަމަށް އެމްއެންޑީއެފުން ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ޖަލީލުގެ ވަކީލް އާދަމް އާސިފް ވިދާޅުވީ ޖަލީލުގެ ތަހުގީގު ބަޔާނެއްގެ ވާހަކަ ދައުލަތުން ބުނާއިރު ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފް ފިޔަވައި އެހެން އިއުތިރާފްތައް ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނާނެ ކަމަށެވެ. އަދި ދައުލަތުން ޚުލާސާ ބަޔާނުގައި ދައްކާފައިވާ ވާހަކަތަކަކީ ހެކިން ބުނެފައިވާ ބުނުންތައް ނުބައިކޮށް މާނަކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގީ ސިފައިންގެ އޮނިގަނޑުތަކަށް ބަދަލު ގެނެސްގެން ޖަލީލަށް އެފަދަ ކަންކަމުގައި ބާރު ނުހިންގޭ ގޮތަށް ހަދައިގެން ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިން ވެސް ޝަރީއަތުގައި އެގޮތަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް ނުވަތަ ގޭގައި ބަންދު ކުރުމުގެ ހުކުމެއް އޭނާއަށް އަންނާނެ އެވެ. އެ މައްސަލައިގައި އޭރު ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.