ހަބަރު

ފާރަގެމައިގެ ފަސް ކުއްތާ ރާއްޖެ ގެނެސްފި

Mar 24, 2015

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ރާއްޖެ ގެންނަން ހަމަޖެއްސި 16 ކުއްތާގެ ތެރެއިން ފަސް ކުއްތާއެއް މިރޭ ރާއްޖެ ގެނެސްފި އެވެ.

ފާރަގެމައިގެ ނަން ދީފައިވާ ކުއްތާ ތަކުގެ "ފައުޖު"ގައި ހިމެނޭ މި ކުއްތާތައް ރާއްޖެ ގެނައީ މެލޭޝިއާ އެއާލައިންސްގެ ފްލައިޓަކުންނެވެ. ފުލުހުން ބުނީ ކުއްތާތައް ގެންނަން ފެށުމާ އެކު އޭގެ ބޭނުންކުރަން ފަށާނެ ކަމަށާއި ބައެއް ތަމްރީންތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މިރޭ ގެނައީ އަންހެން ތިން ކުއްތާ އާއި ފިރިހެން ދެ ކުއްތާ އެވެ.

ކުއްތާތަކަށް ބެެެއިތިއްބުމަށް އެއާޕޯޓްގައި ކެނަލް ހަދާފައި ވާއިރު އެސޮރުމެން ގެންގުޅުމުގެ ތަމްރީން ދިވެހި ފުލުހުންނަށް ދިނުމަށް ކަމާބެހޭ ތަޖުރިބާރުންގެ ދެ ބޭފުޅަކު ވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ.

ޑޯގް ސްކޮޑްގައި ހިމެނޭ 16 ކުއްތާ މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ގެންނާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

ނެދަލެންޑްސް އިން ކުއްތާތައް ގަތުމަށް 1.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ ކުއްތާތައް ބޭނުން ކުރާނީ މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަންތަކުގަ އެވެ. އެގޮތުން ޕޯޓްތަކާއި ގޭގެ ފާސްކުރުމާއި އެއާޕޯޓްގެ ޓާމިނަލްގައި ވެސް އެތަކެތި ބޭނުން ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެސޮރުމެއް ބެލެހެއްޓުމަށް ހާއްސަކޮށް ފުލުހުންގެ ފޯސްއެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.