ހަބަރު

އެއްވެ އުޅުމުގެ ގާނޫނާ ޚިލާފްވާ މައްސަލަތަކުގެ ތަހުގީގު 84 ގަޑިއިރު ތެރޭގައި ނިންމަން ޕީޖީ އަންގަވައިފި

Dec 13, 2014
1

އެއްވެ އުޅުމުގެ ގާނޫނާ ޚިލާފްވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ފުލުހުންނަށް އަންގަވައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހަފުތާގައި ޕީޖީ މުހުތާޒް އެގޮތަށް ފުލުހުންނަށް އެންގެވީ ކުދި މައްސަލަތަކުގައި ދައުވާ ކުރުމާ މެދު އަވަހަށް ގޮތެއް ނިންމުމަށް ކަމަށެވެ. އެގޮތުން އެއްވެ އުޅުމުގެ ގާނޫނާ ޚިލާފްވާ ފަރާތްތަކުގެ މައްސަލަ ހުށަހެޅޭތާ 48 ގަޑިއިރުގެ ތެރޭގައި ތަހުގީގު ނިންމުމަށް ފުލުހުންނަށް ޕީޖީ އެންގެވިއިރު އެފަދަ މައްސަލަތައް ޕީޖީ އޮފީހަށް އަންނަތާ ގިނަވެގެން 15 ދުވަސް ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުދި މައްސަލަތަކުގައި އެންމެ ލަސްވިޔަސް 15 ދުވަސް ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން، ކުދި މައްސަލަތަކުގެ ގޮތުގައި އެއްވެ އުޅުމުގެ ގާނޫނާ ޚިލާފްވުމުގެ މައްސަލަތައް ވެސް އަޅުގަނޑުމެން މި ބަލަނީ." އޮފިޝަލް ވިދާޅުވި އެވެ.

ގާނޫނާ ޚިލާފަށް އެއްވާ ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރަން ޕީޖީ އެންގެވިއިރު އެމްޑީޕީން ދަނީ މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވުމަށް ތައްޔާރުވަމުންނެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ގޮތެއް ނިންމުން މާދަމާ ހެނދުނު ބާއްވާ މަޖިލިސް ޖަލްސާގައި އޮންނާނެ އެވެ.

އެއްވެ އުޅުމާ ބެހޭ ގާނޫނު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓު ހިމެނޭ ސަރަހައްދުގެ ތެރޭގައި އެއްވުމަކީ މަނާ ކަމެކެވެ.