އަޒްލީން އަހުމަދު

މިނިވަން 50 ގެ ހަރަދުތަކާ ގުޅިގެން އުމަރަށް ތުހުމަތުތަކެއް

Mar 20, 2017
4

މިނިވަން 50 ގެ ހަރަކާތްތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލު ކުރިއިރު ޕްރޮކިއުމަންޓު ގަވައިދާ ހިލާފަށް ބައެއް މަސައްކަތްތައް ދޫކޮށްފައި ހުރި ކަމަށާއި މާލިއްޔަތު ގާނޫނާއި ގަވައިދާ ހިލާފަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވެ ވަޑައިގަންނަވާ ފަރާތާތްކަށްވެސް މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ތުހުމަތު ކުރައްވަފި އެވެ.

މިނިސްޓަރު މި ތުހުމަތު ކުރެއްވި އިރު މިނިވަން ފަންސާހުގެ ހަރަދުތަކާ ގުޅިގެން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން މިއަދު އެ ކޮމިޝަނުން ވަނީ ހޯމްމިނިސްޓްރީއަށް ވަދެ މިނިސްޓްރީގެ އޮފިޝަލުންނާ ސުވާލުތައްކޮށްފަ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަޒްލީން މިއަދު ކުއްލި ގޮތަކަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އުފެއްދި މިނިވަން ފަންސާހުގެ އޮފީހުން ހިންގި މިނިވަން 50 ގެ ހަރަކާތްތައް ކުރިޔަށް ގެންދިޔައީ މާލިޔަތު ގާނޫނާއި ގަވައިދާ އެއްގޮތަކަށްތޯ ބަލަން އޭސީސީ އިން އެ މިނިސްޓްރީއަށް ވަދެ މިއަދު ސުވާލުތައް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ކުރިން އެ ހަރަކާތްތަކުގައި ފާހަގަވާ ބައެއް މައްސަލަތައް އޮޑިޓާ ޖެނަރަލް އޮފީހުން ވެސް ހޯމް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މިނިވަން 50 އަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވި މަސައްކަތްތައް ހަވާލު ކުރުމުގައި އިއުލާން ކޮށްފައި ނުވާ ކަމަށާއި އަގު ނުހޯދުމާއި އެއްބަސްވުމެއް ނެތި މަސައްކަތް ހަވާލު ކުރެވިފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޕްރޮކިއުމަންޓް ސެކްޝަންއާއި މާލީ ޒިންމާދާރު ވެރިޔާއަށް އެންގުމަކާ ނުލާ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވާ ފަރާތްތަކަށް މަސައްކަތްތައް ހަވާލު ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

"ވަޒީރު ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވިކަމުގައި ވިޔަސް އެއްވެސް ހާލަތެއްގައި މާލިޔަތު ގާނޫނާ ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ބާރުވެރިކަމެއް ނޯންނާނެ. ހޯމް މިނިސްޓްރީގެ ތެރޭގައި ހިނގާ ކަންކަމުގައި މި މިނިސްޓަރުގެ ޒިންމާ އޮންނާނެ. އެހެންވެ އެކަންކަމާ ހަވާލުވެގެން ތިބި ބޭފުޅުން ޒިންމާ ނަންގަވަން ޖެހޭނެ،" އަޒްލީން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ ކުރީގެ ހޯމް މިނިސްޓަރަށް ކަމެއް ތުހުމަތުވާ ކަމެއް. އެކަމަކު އޭސީސީން އެބަ ބަލާ ކިހިނެތްތޯ އެކަންކަން ހިނގައިދިޔައީ. އޭގެ ފަހުން އެނގޭނެ އިހުމާލުވީ މީހުން،"

އަޒްލީން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްގެން ކުރާ ކޮންމެ މަސައްކަތަކުގައި ދެފުށް ފެންނަން ޖެހޭ ކަމަށާއި ފައިސާ ހަރަދު ކުރި ގޮތާ މަސައްކަތް ހިނގި ގޮތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މިނިވަން ފަންސާހުގެ ހަރަކާތްތައް ހިންގީ ހޯމް މިނިސްޓްރީގެ ދަށުގައި އެކުލަވައިލި މިނިވަން ފަންސާހުގެ އޮފީހުން 150 މިލިޔަން ރުފިޔާގެ ބަޖެޓަކުންނެވެ.