ހަބަރު

ހޯމް މިނިސްޓަރުކަން ކުރެވޭނީ ދަގަނޑު މިނިސްޓަރަކަށް: އުމަރު

Oct 10, 2017
10

ހޯމް މިނިސްޓަރުކަން ކުރެއްވޭނީ ހަށިގަނޑު ތެރޭ ދަގަނޑު ހުންނަހާ ބޮޑަށް މިނިސްޓަރު ހަރު ވެގެން ކަމަށާއި މިނިސްޓަރު "މަޑުޗަކުން ޗައްޕާސް" ވެގެން އެ މަގާމު އަދާ ނުކުރެއްވޭނެ ކަމަށް އުމަރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކުށްތައް އިތުރުވެ މާރަމާރީތައް ނުހުއްޓުވޭ މައްސަލާގައި "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ނުސީދާ ގޮތެއްގައި މިހާރުގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީނަށް އުމަރުގެ ފާޑު ކިޔުއްވުން އަމާޒު ކުރެއްވި އެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވީ އާންމުކޮށް ހޯމް މިނިސްޓްރުގެ މަގާމު އަދާ ކުރައްވަން ޖެހި ވަޑައިގަންނަވަނީ ވަރަށް ވަރުގަދަ ފަންވަރު ހުންނަ ބޭފުޅުންނަށް ކަމަށާއި ސަރުކާރަށް ގޭންގުތަކުގެ ފަރާތުންނާއި އެހެން ގޮތްގޮތުން ކުރިމަތިވާ ހުރިހާ ޕްރެޝަރެއް ނަންގަވައިގެން ކަންކަމާ ކުރިމަތިލައްވަން އެ މިނިސްޓަރަށް ކެރިވަޑައިގަންނަވަން ޖެހި ވަޑައިގަންނަވާ ކަމަށެވެ. މަޑުޗަކުން ޗައްޕާސް މިނިސްޓަރަކަށް އެކަން ނުކުރެއްވޭނެ ކަމަށެވެ. -- މަޑުޗަކުން ޗައްޕާސް ވުމަކީ ލޮކިމަސްޖަހައި ފަލަވެފައި ހުންނަ ޙަރަކާތްތެރިކަން ކުޑަމީހާއަށް ނިސްބަތްކޮށް ބުނާ ބަހެކެވެ.

އެ މަންޒަރު މިހާރު ނުފެންނާތީ އެންމެ ރަނގަޅަށް ކުށްތައް ނުހުއްޓުވޭ ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ ހޯމް މިނިސްޓަރުންގެ ގައިގައި ހުންނަން ޖެހޭނީ ދަނގަޑު ކަމަށާއި އެ އަޒުމު ނެތް ނަމަ މުޅި ގައުމު ހަލާކުވެގެން ދާނެ ކަމަށެވެ.

"ހޯމް މިނިސްޓަރެއްގެ އެތެރޭގައި ހުންނަން ޖެހޭނީ ދަނގަޑު، ބޭނުންވާނެ އެ ގަޓާ އެ އަޒުމު، މިކަން ކުރަން، ހޯމް މިނިސްޓަރު ކަމަށް މަަޑުޗަކުން ޗައްޕާސްއެއް އައިސް އެކަން ކުރާކަށް ނުވާނެ، އޭރުން މުޅި ގައުމު ހަލާކުވެގެންދާނެ، ހޯމް މިނިސްޓަރުގެ ގައިގަ ހުންނަން ޖެހޭނީ ދަނގަޑު،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރުގެ އެތެރޭގައި ހުންނަން ޖެހޭނީ ދަނގަޑު، އެ މިނިސްޓަރު ކަމަށް މަަޑުޗަކުން ޗައްޕާސް އައިސް އެކަން ކުރާކަށް ނުވާނެ، އޭރުން މުޅި ގައުމު ހަލާކުވެގެންދާނެ، ހޯމް މިނިސްޓަރުގެ ގައިގައި ހުންނަން ޖެހޭނީ ދަނގަޑު،
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

އުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ނުރައްކާތެރި މޫނަކަށް ކަނދުރާއަކަށް ނުބަލާ ކުށްވެރިން ގައިގައި ޓެގު އެޅުވި ކަމަށެވެ. އަދި އެގޮތަށް ހޯމް މިނިސްޓަރެއްގެ ފުރިހަމަ ޒިންމާ އަދަ ކުރަން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ގޭންގުތަކުގެ ޕްރެޝަރު ގޮސް އޭނާ މަސައްކަތް ކުރައްވަން ޖެހި ވަޑައިގަތީ "އެއް އަތް ބަނދެގެން" ހުންނަވާ ކަމަށެވެ.

"އެގޮތަށް ވެސް ކުށް ވަރަށް ބޮޑަށް މަދުކޮށްފައިވާނެ" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ކަމުގައި އުމަރު ހުންނެވި އިރު އޭނާ ވަނީ މޮނިކޮން އަމުރު ތަންފީޒު ކުރަން ފަށައިފަ އެވެ. އަދި ގޭންގުތަކާ ގުޅޭ ކުޑަ ކުދިން ދ. ވާނީއަށް ގެންގޮސް އިސްލާހު ކުރުމުގެ ޕްރޮގްރާމެއް ފަށައި ވަރަށް ބޮޑު ކުރި އެރުމެއް ހޯއްދެވި އެވެ.