ކުޅިވަރު

ގައުމީ ޓީމު އެކުލަވައިލުމުގައި ކްރައިޓީރިއާއެއް މުހިންމު!

Mar 20, 2017
2

އޭޝިއަން ކަޕް ކޮލިފައިންގައި، ފަލަސްތީނާ ދެކޮޅަށް، ކުޅޭ މެޗަށް، އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑުން، ވަރުގަދަ ނަންތަކެއް އުނިވުމުން، ފުޓްބޯޅަ އާއިލާގެ ބައެއް ކަންބޮޑުވުންތަތައް ސޯޝަލް މީޑިއާގައި އާއި ބައެއް މޭޒުތަކުގައި ހޫނުވެފައި ވެއެވެ. އާ ކުޅުންތެރިންތަކެއް، ޓީމަށް، އިތުރުވެ، މުހިންމު މޫނުތައް އެކަހެރި ވެގެނެވެ.

މިވެނި ކުޅުނުތެރިޔަކު ނުހިމެނުމުން، ފެންމަތިވި ސުވާލާއެކު، ޓީމުގެ ސެލެކްޝަނާމެދު، ފުޓްބޯޅަ އާއިލާ އާއި ސަޕޯޓަރުންގެ ފަރާތުން އެފްއޭއެމް އަށާއި ގައުމީ ކޯޗަށް "ތުހުމަތުގެ ސުވާލުތައް" ވަނީ އަމާޒު ކުރުވާފަ އެވެ. އެ ތުހުމަތު ތަކަށް ޖަވާބެއްވެސް ބޭނުން ވެއެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ގަބޫލު ކުރާ ގޮތުގައި، އެންމެ މުހިންމު ކަމަކީ، އެފްއޭއެމުން، ގައުމީ ސްކޮޑަށް ކުޅުންތެރިން ނެގުމުގެ ކްރައިޓީރިއާ އެއް އެކުލަވައިލުމެވެ.

"ގައުމީ ޓީމުގެ ސެލެކްޝަން ހަދާ މީހުންނާ ދިމާލަށް، ސުވާލު އުފައްދައި އިނގިލި ދިއްކުރެވެން އޮތީ އެންމެ ކަމަކުން، އެއީ ނެޝަނަލް ޓީމު ސެލެކްޝަން ކްރައިޓީރިއާ އެއް ނެތުމުން، އެފްއޭއެމުން ނިންމަންވީ، ނެޝަނަލް ޓީމު ސިލެކްޝަން ކްރައިޓީރިއާ އެއް، ނެޝަނަލް ޓީމު ޖޯޒީ ލެވޭނީ މިވެނި މިންގަނޑެއްގައި އެކުޅުންތެރިޔެއްގެ މިވެނި ކަންކަމެއް ފުރިހަމަ ކޮށްފައި ހުރެގެނޭ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ، އެ ކްރައިޓީރިއާއަކީ، އެންމެންނަށް ފެންނަން އޮންނަޖެހޭނެ ކްރައިޓީރިއާއަކަށް ވާންޖެހޭނެ ކަމަށާއި، ކުޅުންތެރިންނާއި ކުލަބުތަކާއި ކޯޗުންނާއި، ނޫސްވެރިން ވެސް އެ ކްރައިޓީރިއާއަށް އަހުލުވެރިވާން ޖެހޭނެ ކަމަށެވެ.

"ޓީމުތަކުގެ ކޯޗުންނަށް އެނގެން ޖެހޭނެ، ޓްރޭން ކުރާ ކުޅުންތެރިންނަކީ، މި ކޮލިޓީ ހުރި ކުޅުންތެރިއެއް ކަން، މި ކުޅުންތެރިޔާ، މިވެނި ކަމަކަށް ގެނެސްގެން ކަން، މި ކުޅުންތެރިޔާ ނެޝަނަލްޓީމަށް ލެވޭނީ،"

ގައުމީ ޓީމުގައި ހިމެނުމަކީ، ކޮންމެ ކުޅުންތެރިޔެއްގެވެސް އުންމީދެވެ. ނެޝަނަލް ޓީމުގެ ސެލެކްޝަން ކްރައިޓީރިއާއެއް ހެދުމުން ކުޅުންތެރިޔާއަށް ވެސް، އިތުރު ހިތްވަރެއް ލިބިގެން ދާނެ އެވެ. އެ މިންގަޑަށް ފެތޭ ކުޅުންތެރިޔަކަށް ވުމަށް، ކުޅުންތެރިޔާ އަމިއްލަ އަށްވެސް މަސައްކަތް ކުރާނެ، އެވެ. އޭގެ ސަބަބުން ކުޅުންތެރިންގެ ޑިސިޕްލިންއަށާއި ފިޒިކްއަށް ވިސްނައިގެން، އަމިއްލަ އަށްވެސް މަސައްކަތް ކުރާނެ އެވެ.

"ކުޅުންތެރިޔާއަށް ވެސް އެނގެން ޖެހޭނެ. ތިމަންނަ މި ފެންވަރަށް އައިސްގެން ކަން، ތިމަންނައަށް ނެޝަނަލް ޓމުގެ ޖޯޒީ ލެވޭނީ، ތިމަންނަ މިކަންކަން ރަނގަޅު ކޮށްގެން މުޅި އަހަރު މި ކްރައިޓީރިއާގައި ދެމެހެއްޓޭނީ، އޭރުން ވާގޮތަކީ ކުޅުންތެރިންގެ އިމްޕްރޫވްމެންޓަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ،"

ކްރައިޓީރިއާއަށް ފެއްތުމުން، ސިލެކްޝަނާ މެދު އުފައްދާ ތުހުމަތުތަކަށް ވެސް ވަގުތުން ޖަވާބު ލިގެންދާނެ އެވެ. މިހާރު އޮތްގޮތުން، ކޮންމެ މީހަކުވެސް، އެމީހެއްގެ ފޭވަރިޓް ކުޅުންތެރިޔާ ޓީމުގައި ނުހިމެނިގެން ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ކްރައިޓީރިއާގައި ތައްގަނޑު ޖެހުމުން، މިފަދަ ހުރިހާ ސުވާލުތަކަށް ވެސް ޖަވާބު ލިގެން ދިޔައީ އެވެ.

އަނެއް ފައިދާ އަކި، ކޯޗަކަށް ހުންނަ މީހެއްގެ ވަކި ފޭވަރިޓް ކުޅުންތެރިޔެއް ޓީމުގައި ހިމެނުމުގެ ފުރުސަތެއް ވެސް، ކޯޗަކަށް ހުންނަ މީހަކަށް ނޯންނާނެ އެވެ. ކޮންމެ ކޯޗަކު ހުއްޓަސް ސްކޮޑަށް ކުޅުންތެރިން ނަގާނީ، އެ ކްރައިޓީރިއާ ފެތޭނަމަ އެވެ.