ކުރިޔަށް އޮތް ލޯކްލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވިފައިވާ ބަދަލުތަކާއެކު މާދަމާ ގެޒެޓު ކުރާނެ ކަމަށާއި އެއަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީއިން ބުނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓު ކުރުމަށް ފަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ކަމަށެވެ. އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ކޮމިޝަންގެ ވެބްސައިޓުން ފޯމު ޑުންލޯޑު ކުރެވޭނެ ކަމަށާއި އެ ފޯމުތައް މާލޭގެ އިލެކްޝަން ސެންޓުރުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބަލާގަންނާނެ ކަމަށެވެ.
އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 3:00 ހަމަޔަށް ޝަކުވާ ފޯމުތައް ބަލައިގަންނާނެ ކަމަށާއި ބަންދު ދުވަސްތަކުގައި ފޯމުތައް ބަލައިގަންނާނީ ހެނދުނު 9:00 އަކުން 3:00 އަކަށް ކަމަށް އީސީއިން ބުންޏެވެ.
ކުރިން އަންނަ މަހު 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ވަނީ ފަސްކޮށް މޭމަހު ހަވަނަ ދުވަހު ބާއްވަން ނިންމާފަ އެވެ.