ވިޔަފާރި

ޓީޓީއެމް ފެއާގައި ރާއްޖޭގެ ފުރަތަމަ ހޮޓެލިއާ ސަމިޓު!

Mar 21, 2017
  • ފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް"
  • ފެއާ އޮތީ ޖުލައި 12،13 ގައި
  • ފެއާގައި ޓޫރިޒަމްގެ އިސްވެރިން ހިމެނޭ

ޖުލައި މަހު އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި ރާއްޖޭގައި ބާއްވާ ފުރަތަމަ "ހޮޓެލިއާ ސަމިޓު-މޯލްޑިވްސް" އޮންނާނެ އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ ޖުލައި މަހުގެ 12 ވަނަ ދުވަހު ދަރުބާރުގޭގައި އޮންނަ "ހޮޓެލިއާ ސަމިޓު" ގައި ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އަންގައިދޭނެ ކަމަށެވެ. މި ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި ރިސޯޓު/ ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވާނެ ކަމަށެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ހޮޓެލިއާ ސަމިޓުގައި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި 150 ބައިވެރިން ބައިވެރިވެ އެވެ. މި ސަމިޓުގައި މި ދާއިރާގެ އެކި ފަރާތްތައް އެއް ތަނަކުން ބައްދަލުވެ މީޓިންތައް އެރޭންޖު ކުރާނެ އެވެ.

ޓީޓއެމް ފެއާ އިންތިޒާމުކުރާ ފަރާތުން ވަނީ މި ހާއްސަ ބައްދަލުވުންތައް ރޭވުމަށް "ކަނެކްޓް" ގެ ނަމުގައި ހާއްސަ ސޮފްޓްވެއާ ތަރައްގީކޮށްފަ އެވެ. މި ސޮފްޓްވެއާ މެދުވެރިކޮށް އެއް ފަހަރާ 5،000 ބައްދަލުވުން ރާވާލެވޭނެ އެވެ. އަދި މި ނިޒާމު މެދުވެރިކޮށް ރިސޯޓުތަކުގެ ޕްރޮފައިލްތަކާއި ފޮޓޯ އަދި ވީޑިއޯ ތަކުގެ އިތުރުން ނޫސް ބަޔާންތައް ވެސް ފެންނާނެ އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.