ކިތަންމެ ވަރަކަށް ހަަމަލާތައް ދިނަސް އެއްވެސް ޖެހިލުމެއް ނެތްކަމަށާއި ފަހަތައް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސެން ވަހީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރުމުން، އެކަމާ ރުޅިގަދަވެ ހިނގި ހަމަނުޖެހުންތަކުގައި ކޮމިޝަނަރު ހުސެން ވަހީދުގެ ގެކޮޅު، ހ. ހޭޅީގެ ގްރައުންޑް ފްލޯގެ ފިހާރައިގެ ބިއްލޫރި ގަނޑު ބަޔަކު ވަނީ ތަޅާލައިފަ އެވެ. އަދި އެ ގޭގެ ދޮރުގައި ފައިން ޖަހައި ގޭތެރެއަށް ވަދެ ގަންނަން ވެސް ގްރޫޕަކުން މަސައްކަތް ކުރި އެވެ.
އެ އަމަލުތަކާ ގުޅިގެން ކޮމިޝަނަރު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވިދާޅުވީ، ރޭގެ ހަމަލާއަކީ ވަރަށް ފިޑި އަމަލެއް ކަމަށާއި އޭނާ އާއި އާއިލާ ނޫނަސް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން އައި އެ ގެޔަށް ހަމަލާދިނުމުގެ ސަބަބުން އެ މީހުންނަށް ނަފްސާނީ ގޮތުން އުނދަގޫތަކާއި ބިރު އިހުސާސްވާނެ ކަމަށެވެ. އަދި ފުލުހުންގެ ކަންކަމާ ހަވާލުވެ ހުރި އެންމެ އިސް މީހެއްގެ ހައިސިއްޔަތުން، ގައުމުގައި އަމަން އަމާންކަން ގާއިމް ކުރުމުގެ މަސައްކަތުގައި އިހުލާސްތެރިކަމާއި ހިތްވަރާ އެކު ދެމި ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ފިޑި އަމަލުތަކުގެ ސަބަބުން އެއްވެސް ޖެހިލުމެއް ނުވާނެ. އަދި އަޅުގަނޑުގެ ޒިންމާ އަދާކުރުމުގައި ސާބިތުކަން މަތީ ދެމި ހުންނާނަން،" ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވެސް ވިދާޅުވީ މީގެ ކުރިން ވެސް ފުލުހުން ދެކެ ރުޅި އައިސްގެން އެކި ފަހަރުމަތިން ފުލުހުންނަށް ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންނަކީ ވަރުބަލިވާނެ ބައެއް ނޫން ކަމަށާއި ގާނޫނުން ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފުލުހުންގެ ސަފުތައް ތިބީ ސާބިތުކަން މަތީގައި ކަމަށެވެ. އަދި ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ގާނޫނީ ތަރަހައިގެ ތެރެއިން އަޅުއްވަމުން ގެންދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮމިޝަނަރުގެ އާއިލާގެ ބޭފުޅުން ހިންގާ އެ ފިހާރަޔަށް ހަމަލާދީ ބިއްލޫރިތައް ތަޅާލީ ގާބުރިއެއް އެއްލައިގެންނެވެ. މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ދުވަހު ވެސް ހަމަ އެ ފިހާރައިގެ ބިއްލޫރިތައް ބަޔަކު މީހުން ތަޅާލި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި ކޮމިޝަނަރު ހުސެންއާ ދިމާލަށް ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ނާޒިމް ފްރޭމް ކުރީ ކަމަށް އޭނާގެ އާއިލާ އާއި ދިކޮޅު ފަރާތްތަކުން ބުނާ އިރު، އެކަން ކުރުމުގައި ބައިވެރިވުމުގެ ތުހުމަތު އަޅުވަނީ އޭނާގެ ބޮލުގަ އެވެ. އެސްޓީއޯގެ އެމްޑީކަމުން ދާދިފަހުން ވަކިކުރި، ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމް ވަނީ ކޮމިޝަަނަރު ހުސެން އަށް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ. މިހާރު ކޮންމެ ރެއަކު ބާއްވަމުން އަންނަ މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވެފައި ވަނީ، ނާޒިމްއަށް ހަދާލިކޮށް ލަހެއް ނުވެ، ހުސެން ވަހީދަށް ވެސް ހަދާލާނެ ކަމަށެވެ. އަދި އެ ދުވަސް އަންނާނެކަން ވިސްނައިގެން އަމަލުތައް ބެހެއްޓުމަށް ވެސް އާޒިމް ވަނީ ހުސެން އަށް ގޮވާލައިފަ އެވެ.