ކުޅިވަރު

ދިވެހި ވޮލީ ޓީމު ތައްޓަށް، ބޭނުމީ ސަޕޯޓަރުންގެ ހިތްވަރު

Mar 21, 2017

މާދަމާ ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓަރަލް ޒޯން ފިރިހެނުންގެ ވޮލީބޯޅަ މުބާރާތުގައި، ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ އަމާޒަކީ ތައްޓެވެ. އަމިއްލަ ފަސްގަނޑުގައި ކުރިއަށްދާ މުބާރާތުން، ވޮލީއިން ރަން ތައްޓެއް ގެންނާކަށް މިއަށްވުރެ ވަކި ރަނގަޅު އެހެން ފުރުސަތެއް ނުލިބޭނެ އެވެ.

ތައިލެންޑްގައި، ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕަށްފަހު، ރާއްޖޭގެ ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރު ވެފަ އެވެ. އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތެއް ކަމުން، ޓީމަށް ބޭނުން ވަނީ، ސަޕޯޓަރުންގެ ތަރުހީބެވެ. ރާއްޖޭގައި ކުޅޭ މުބާރާތަކަށް ވުމުން، މުޅި ޓީމަށް އޮތީ ހިތްވަރާއެކު، ވަރުގަދަ އަޒުމަކާ އެކު އެވެ.

ގައުމީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނީ ރަން މެޑަލާކާ ހަމަޔަށް ދިއުމަށް، ދިވެހިން ކުރާ އުންމިދަށް އިތުރު ފިޔަވަޅެއް އެޅޭނެ ފަހަރަކަށް މިފަހަރު ވެގެންދާނެ ކަަމަށާއި، މުޅި ޓީމުގެ ފަހަތުގައި ސަޕޯޓަރުން ތިބުމަށް އެދޭ ކަމަށެވެ.

ތައިލެންޑްގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގައި ރައްޖެއިން ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފަ އެވެ. ޓީމުން ފާހަގަ ކުރާ ގޮތުގައި، އެ މެޗުތަކުން، ޓީމަށް ބޮޑެތި ކުރިއެރުންތަކެއް އަތުވެއްޖެ އެވެ.

ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ ރާއްޖޭގައި މުބާރާތް އޮތުމާއެކު، މުޅި ޓީމު އޮތީ ކާމިޔާބު ހޯދުމުގެ އަމާޒުގައި ކަމަށެވެ.

މުބާރާތުގައި ދެން ވާދަ ކުރަނީ، ތުރުކްމުނިސްތާން އާއި ކިރިގިސްތާންގެ އިތުރުން ނޭޕާލެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބިގެން ދާނީ، ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ ދެމެދުގައި ކުޅޭ ސެމީ ފައިނަލު މެޗުން ނެވެ.

މާދަމާ ހަވީރު 4:00 ގައި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކުރަނީ ރާއްޖެ އާއި ކިރިގިސްތާން އެވެ. ދެ ވަނަ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ. އެމެޗުގައި ބައްދަލު ކުރާނީ ނޭޕާލާއި ތުރުކްމްނިސްތާނެވެ.

ހުކުރު ދުވަހު ހަވީރުޔ ރާއްޖެ ނިކުންނާނީ ނޭޕަލާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ކިރިގިސްތާނާއި ތުރުކްމްނިސްތާނެވެ. އަންނަ އާދިއްތަ ދުވަހު ރާއްޖެ ނިކުންނާނީ ތުރުކްމުނިސްތާނާ ދެކޮޅަށެވެ. އަދި އަންނަ ހޯމަ ދުވަހު ކިރިގިސްތާން ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.