ވިޔަފާރި

ބިލެއްފަހީގައި ޓޫރިޒަމް ފައްކާ ކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

Mar 21, 2017
3
  • ޓޫރިޒަމް ތަރައްގީ ކުރާނެ ބަަޔަކު ހޯދާނީ ބިޑުން
  • މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ
  • ޓޫރިޒަމް ތަރައްގީއާއެކު މުޅި އަތޮޅަށް ކުރިއެރުން ލިބޭނެ

ށ. ބިލެއްފަހީގައި ޓޫރިޒަމް ފައްކާ ކުރަން ބިލެއްފަހީ ކައުންސިލަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދީ، އެމްއޯޔޫގައި މިއަދު ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި ބިލެއްފަހީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު އެވެ. މި ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށްފަހު މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ސަރަހައްދަށް ޓޫރިޒަމް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. މިގޮތުން އެ ސަރަހައްދުގައި ޓޫރިޒަމް ފައްކާ ކުރުމަށް ދޫކުރުމުގައި ސަރުކާރުން އިކުޒިޝަންކޮސްޓް ކުޑަކޮށްފައިވާ ކަމަށެވެ.

"ސަރުކާރުން އިތުރު އެއާޕޯޓްތަކެއް ވެސް އެބަ ތަރައްގީ ކުރޭ ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރެވޭ. ހާއްސަކޮށް ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ކައުންސިލްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާ،" ޒަމީރު ވިދާޅުވި އެވެ.

ބިލެއްފަހީ ކައުންސިލްގެ ރައީސް ޒިޔާދު ވިދާޅުވީ ބިލެއްފަހި ތުނޑީގައި ފައްކާ ކުރަން ޓޫރިޒަމް ޒޯންގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. ޓޫރިޒަމުން ހުއްދަ ލިބުމާއެކު އެތަނުގައި ޓޫރިޒަމް ފައްކާ ކޮށްދޭނެ ފަރާތެއް ހޯދަން ކައުންސިލުން އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށަށް ވަރަށް ގިނަ ފައިދާތަކެއް މި އެއްބަސްވުމުން ކުރާނެ. ހާއްސަކޮށް ރަށަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް މި ޒޯންގެ ސަބަބުން މަންފާ ލިބޭނެ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިތަނުގައި މޫދު ވިލާގެ އިތުރުން ޓޫރިޒަމަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ގާއިމް ކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މެންބަރު މުހައްމަދު ހުސެއިން ވިދާޅުވީ ބިލެއްފަހީގެ ތުނޑިއަކީ ވަރަށް ރީތި ތަނެއް ކަމަށާއި އެތަނުގައި ޓޫރިޒަމް ތައާރަފު ވުމުން މުޅި އެ ހިސާބަށް ވެސް މަންފާ ކުރާނެ ކަމަށެވެ. އަދި މިއާއެކު އެ ސަރަހައްދުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށްވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ.

"މީގެން ހަމައެކަނި މަންފާ ލިބޭނީ ބިލެއްފަހިއަށް އެކަންޏެއް ނޫން. މުޅި ހިސާބަށް ފައިދާ ކުރާނެ. މިމަސައްކަތް ކުރަމުންދާތާ ވަރަށް ދުވަސްވެއްޖެ. ރާއްޖޭގެ ޓޫރިޒަމް އައިތާ މިހާ ދުވަސްވީއިރުވެސް މި ސަރަހައްދަށް ޓޫރިޒަމް އައިސްފައެއް ނުވޭ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ،" މުހައްމަދު ހުސެއިން ވިދާޅުވި އެވެ.