(19 މާރިޗު 2017 އާ ގުޅޭ)
"މި ބުރުގާ ދެން ބާލަމާ" އައިރާ އަޅައިގެން އިން ދެމޭފޮތީގެ ކުޑަ ވަށްބުރުގާގައި އަތްޖައްސާލަމުން ނިޔާނު ބުންޏެވެ. އެހިނދު އައިރާ ޖެހިލުންވާގޮތްވިއެވެ. ނިޔާނާ ހަތަރުކަޅި ބައްދަލުވެފައި ހުރެ މަޑުމަޑުން އައިރާ ބޯޖަހާލިއެވެ. އަދި ބުރުގާ ނަގަން އައިރާ އުޅުނު ވަގުތު ނިޔާނު ހިފެހެއްޓިއެވެ. އައިރާގެ އަތް ދުރުކޮށްލުމާއެކު ނިޔާނު ބުރުގާގައި ހިފާލިއެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭގައި އައިރާ އަޅައިގެން އިން ބުރުގާ އޮތީ ނިޔާނުގެ އަތުގައެވެ. އައިރާގެ ފަން އިސްތަށިގަނޑުން ޖަހާލާފައިވާ ބޮޑު ހުޅިއާއި ދޮން ކަނދުރާ ހާމަވެގެންދިޔައެވެ.
ހޫނުކަމެއް އެކުލެވިފައިވި ނިޔާނުގެ ނޭވާ އައިރާގެ ދޮން ކަނދުރާއަށް އިހުސާސް ކުރެވެމުންދިޔައެވެ. އަދި ނިޔާނު ކޮށްލި ކުޑަ ހަރަކާތަކާއެކު އައިރާގެ ހުޅި ނެއްޓި ދިގު އިސްތަށިގަނޑު މިނިވަންކަމާއެކު ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ދެއަތުގެ ތެރޭ އައިރާ ހައްޔަރު ކޮށްލާ ފަދައަކުން ނިޔާނުގެ މޭގައި އައިރާ ގެނެސް ޖައްސާ ބާރުކޮށްލިއެވެ. މަސްތުކަމުގެ ބަލާލުމަކުން ލޯބިވާ އަނބިމީހާއަށް ނިޔާނު ބަލާލުމާއެކު އައިރާގެ ހިކިފައިވާ ދެތުންފަތުގައި ބޮސްދީފިއެވެ. ބޭއިޚްތިޔާރުގައި އައިރާގެ ދެ ލޯ މެރި ފިރިމީހާގެ ބީހުންތަކަށް މަރުޚަބާ ކިޔުނެވެ. ނިޔާނުގެ އޯގާތެރިކަމާއި ކެތްތެރިކަން އޭނާގެ ކޮންމެ ހަރަކާތަކުން އައިރާއަށް އިހުސާސްވަމުންދިޔައެވެ. ޖަޒުބާތުތައް ދެމެދުގައި ފުންވަމުންދިޔައިރު މާމުއިގެ އާރަކަށް ދެ ޖިސްމު ޣަރަގުވެއްޖެއެވެ.
ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައި އޭސީގެ ފިނިކަން ހިފާފައި ހުއްޓެއްކަމަކު ނޭވާ ފުންވެފައި އޮތް ނިޔާނުގެ ނިތްކުރީގައި ދާތިކިތައް ވިދަމުންދިޔައެވެ. އޭނާގެ ކަނާތްމަތީ ބޯއަޅާލައިގެން އައިރާ އޮތެވެ. ލޯބީގެ ލައްޒަތުގެ ރަހަ އެންމެ ފުރިހަމަ ގޮތުގައި އިހުސާސްވެގެން ހިނގައްޖެއެވެ. އެ ބީހުންތައް އައިރާގެ ހަށިގަނޑަށް ބަދަލުތައް ގެނައެވެ. މުޅި މީހާ އެހެން މީހަކަށް ބަދަލުވެގެންދިޔަ ކަހަލައެވެ. އެއީ މީގެ ކުރިން އައިރާއަށް އެނގިފައިނުވާ އެހެންނަމަވެސް އެ ހަށިގަނޑުގައި ދިރިހުރި ނަފްސެކެވެ. ނިޔާނު ފަދަ ފިރިހެނަކަށް ޓަކައި އިންތިޒާރު ކުރަމުންދިޔަ ނަފްސެކެވެ. ލަދުގެންފައި އޮތްވަރުން ނިޔާނަށް ބަލާލަން ވެސް އައިރާއަށް ނުކެރުނެވެ. އޭނާގެ މޭގައި މޫނު ޖައްސާލައިގެން ދެ ލޯ މަރާލައިގެން އައިރާ އޮތެވެ.
"އައި ލަވް ޔޫ" މަޑުމަޑުން ނިޔާނު ބުނެލިއެވެ.
"ނިދީތަ! މާބޮޑަށް ވަރުބަލިވީ ދޯ" އައިރާ ހަރަކާތެއް ވެސް ކޮށްނުލާ އޮންނަން ފެށުމުން އޭނާގެ ކޯތާފަތުގައި ފިރުމާލާފައި ދަތްދޮޅީ ހިފާ ނިޔާނާ ދިމާއަށް އުފުލާލިއެވެ. އެހިނދު އެ ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ.
"ކީއްވެ އެއްޗެއް ނުބުނެ ތި އޮންނަނީ؟ އައިރާ ހިތްހަމަނުޖެހުނީތަ؟ " އައިރާ ބަހެއް ނުބުނުމުން ނިޔާނު ހިސާބަކަށް ކަންބޮޑުވިއެވެ. އައިރާއާ ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ހަމަ އެހިނދު ނިޔާނުގެ އުނަގަނޑުގައި ކަނާތް އަޅުވާލަމުން ގާތަށް ދަމާލާ ފަދަ ހަރަކާތެއް އައިރާކޮށްލިއެވެ.
"އައި ލަވް ޔޫ ޓޫ... އަހަންނާ މެދު ނިޔާނު ހިތްހަމަޖެހޭތަ؟" ނަޒަރު ސީދާކޮށްލަން ނުކެރިފައި އޮވެ އައިރާ އަހާލިއެވެ.
"އާނ! ވަރަށް ބޮޑަށް... " ލާނެތް ހުނުމަކާއެކު ނިޔާނު ސަމާސާކޮށްލިއެވެ. ނިޔާނުގެ ސަމާސާތަކުން އޭނާގެ ގަސްދަކީ ކޮބައިކަން މިފަހަރު އައިރާއަށް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އައިރާގެ ހުނުންތަކުން ނިޔާނުގެ ވިންދު އަވަސްކުރުވިއެވެ.
ފުންނިންޖަކުން ނިދިފައި އޮތް އައިރާއަށް ބަލަހައްޓައިގެން ކުރުއަތްމައްޗަށް ނިޔާނު އޮތެވެ. އެ ތުންފަތުގައިވާ ހިނިތުންވުން އޭނާގެ ހިތުގެ ހާލު ބަޔާންކޮށްދޭ ކަހަލައެވެ. ލިބިފައި ހުރި ވަރުބަލިކަމަށްވުރެ ނިޔާނު އޮތީ ބަނޑުހައިވެއެވެ. މުޅިހަށިގަނޑުގެ ހަކަތަ ހުސްވެ ކަރުހިއްކައިގަނެފައެވެ. އެނދުގައި އުއްޑުން އޮށޯވެލާ ހަށިފުރާ ނޭވައެއް ލިއެވެ. އަދި އައިރާއަށް ހިލަމެއްނުވާނޭހެން ރަޖާގަނޑުގެ ދަށުން ނުކުތެވެ. ފާޚާނާއަށް ވަދެލާފައި ނިޔާނު ނުކުމެ ނިދަންލާން ގެންގުޅޭ ސޯޓުތަކުން ސޯޓެއް ލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.
ހިމޭންވެފައި އޮތް ގޭތެރޭގައި ވަނީ ފަނޑު އޮރެންޖުކުލައިގެ އައްޔެވެ. ނިޔާނު އައިގޮތަށް އައިސް ބަދިގެއަށް ވަދެ ރުބީނާ ޕާން ބަހައްޓާފައި ހުންނަ ތަން ހޯދާލިއެވެ. އަދި ޕާނާއި ޕީނަޓްބަޓާ ސޭންޑްވިޗްއެއް ހަދާލާ ޖޫސްތަށްޓަކާއެކު ކާމޭޒުދޮށުގައި ނިޔާނު އިށީނދެ ކާންފެށިއެވެ.
* * * *
ފަތިސްނަމާދުގެ ބަންގީގެ އަޑު ކޮޓަރީގެ ހަތަރުފާރުގެ ތެރޭ ގުގުމާލީ ނިޔާނުގެ ފޯނުންނެވެ. އެ އަޑަށް އައިރާ ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ނިޔާނު ފުރޮޅިލާފައި ބަންގީގެ އަޑު ނިއްވާލިއެވެ. އޭނާ އަދިވެސް އޮތީ ނިދީގައިކަން އައިރާއަށް އެނގުނެވެ. އެހެންނަމަވެސް ނިޔާނަށް ނުގޮވާ އޭނާ ތެދުވިއެވެ. ތަފާތު ތާޒާކަމެއް ސިކުނޑިއަށާއި މުޅި ހަށިގަނޑަށް ލިބިފައިވެއެވެ. އެނބުރި ނިޔާނުގެ ގާތުގައި އޮށޯވެ ނިދާލަން ހިތް އެދުނު ނަމަވެސް އެ ޝައިތާނީ ކަންނެތްކަމަށް އައިރާ އިޖާބަ ނުދިނެވެ. ފާޚާނާއަށް ވަދެ ހޫނު ފެނުން ފެންވަރާލައިގެން ނުކުމެ ނަމާދުކޮށްލިއެވެ. އަދި ނިދާފައި އޮތް ނިޔާނު ހޭލައްވާ އެނދުން ނެގިއެވެ. އަނބިމީހާ ގޮވާލަނީ ރަނގަޅުކަމަކަން އެނގޭއިރު އެކަމަށް ފުރަގަސްދޭކަށް ނިޔާނަކަށް ނުކެރުނެވެ. ކަންނެތްކަމާއެކު އޭނާ ވެސް ފާޚާނާއަށް ގޮސްވަނެވެ. އެހެންނަމަވެސް ފާޚާނާއިން ނުކުން އިރު ނިޔާނު ވެސް ހުރީ މީހާ ތާޒާވެލާފައި ހުރި ހެންނެވެ.
"އަހަރެން ވަރަށް ބަނޑުހައި" ކޮޓަރީގައި ނަމާދުކޮށްލައިގެން ފޭބި ނިޔާނުގެ ގާތުގައި އައިރާ ބުނެލިއެވެ. އޭނާ އެނދުގައި އިށީނދެގެން އެ އިނީ ނިޔާނުގެ އިންތިޒާރުގައި ކަހަލައެވެ.
"ބަނޑުހައިވީމަ އަވަހަށް ކާނީނު" ނިޔާނު ބުނެލިއެވެ.
"ވަރަށް ހޫނު ކޮފީތަށްޓެއް ބޯލަން ބޭނުންވަނީ"
"ކޮފީ ވެސް ހުންނާނެ... ހިނގާބަލަ... މިވެސް އައިރާގެ ގެއޭ... ސޯ ޑޯންޓް ބީ އަ ސްޓްރޭންޖަރ"
"ނިޔާނު ތިހެން ބުންޏަސް އަހަންނަށް ދުވަސްކޮޅެއް ނަގާނެ ދޯ ގޭތެރޭގައި އުޅެން ދަސްކުރަން، އަނެއްކާ ނިޔާނު މަންމަ ނުރުހިފައި ހުންނާތީ އަހަރެން ވަރަށް ބިރުގަނޭ... ގޯސްކޮށް ކަމެއް ކުރެވިދާނެތީ... ރަށުގައި ހާދަ ބޮޑުތަން އޮވެޔޭ... އެކަމަކު މާލޭގައި މިހުންނަނީ ހުރިހާ ތަނެއް އެއްކޮށް ދޯ... ބަދިގޭގައި ހުންނައިރު ކާމޭޒު ވެސް އެތަނުގައި ހަމައެއާއެކު ސިޓިންރޫމުކޮޅުގައި ތިބޭ މީހުން ވެސް ފެންނަ ގޮތަށް"
"މީ އަހަރެން ބައްޕައަށް ލިބުނު ތަންކޮޅު... ތިންހަތަރު ބަޔަށް ގެ ބަހަންވީމާ ވެސް އެހާ ބޮޑުތަނެއް ނުލިބޭނެއެއްނު... މާލޭގައި ގިނައިން ހުންނާނީ މިކަހަލަ ތަންތަންކޮޅު... އެހެންވިޔަސް އަހަރުމެންނަށް އުނދަގުލަކާ ނުލާ މިތާ އުޅެވޭހާ ވެއެއްނު... އައިރާ ވެސް އެޖަސްޓުވެލަންވާނެ... ރަށުގައި ހެނެއް މާލެއަކު ނުވާނެ... މިއަދު ދާންވާނެ ޝޮޕިންކޮށްލަން ދޯ"
"އެ ކީއްކުރަން ޝޮޕިންނަށް ދަނީ" އައިރާއާއި ނިޔާނު އައިސް ބަދިގެ ފަރާތަށް ވަނެވެ. ކަބަޑުސެޓުން ދޮރުފަތެއް ހުޅުވާލާފައި ނެސްކެފޭ ކޮފީ ފުޅި އައިރާއަށް ނިޔާނު ދައްކާލިއެވެ. ޕެކެޓު ކޮފީ ބޯން އާދެވެފައި ހުރި އައިރާއަށް ފުޅީގައި ހުރި ކޮފީ ބުއިންވީ މުޅިން އައު ތަޖުރިބާއަކަށެވެ. އާދައިގެ މަތިން ނިޔާނު ބުނީ ކަޅު ކޮފީތަށްޓެވެ. ދެމަފިރިން ކޮފީ ހަދައިގެން ކާމޭޒުދޮށުގައި ވާހަކައިގައި ތިއްބެވެ.
"އައިރާއަށް ހެދުންކޮޅެއް ހޯދަން... މައުއަށް އައިރާ ލާފައި ތިހުންނަ ހެދުންތައް ފެނިއްޖެއްޔާ ވަރަށް ޖޯކު ޖަހާނެ... މިހާރު އައިރާއަކީ އަހަރެންގެ މީހެއް... ތިލާ ޓޮޕުތައް އުކާލަން މަށަށް ފެންނަނީ... ގޭގައި ލާން ޓީޝާޓުކޮޅުތަކެއް އަހަރެން ގަނެދޭނަން"
"އޯކޭ! އޯކޭ! ނިޔާނު ބުނިގޮތަށް އުޅެން އަހަރެން މިހުރީ ތައްޔާރަށް... ދެން ބުނެބަލަ! މިއަދު ހެނދު ސަޔަށް ކޯއްޗެއްތަ ހަދާނީ" އައިރާ ހީނލާފައި ވާހަކަދެއްކިއެވެ.
ރުބީނާ ކޮޓަރިން ނުކުމެގެން އައިސް ބަދިގެއަށް ވަންއިރު ކާއެއްޗެހި ހަދާފައި ހުރި ވަސް ގޭތެރޭގައި ހިފާލާފައި ހުއްޓެވެ. އެހެންނަމަވެސް ބަދިގެ ފަރާތުގައި މީހަކު ފެންނާކަށް ނެތެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އަށެއްޖެހީއެވެ. އެހާ ހެނދުނާ ބަދިގެއަށް ވަންނަން އެ ގޭގައި ހުންނާނީ ކާކުބާއޭ ހިތަށް އެރި ވަގުތު ކުއްލިއަކަށް މޭނުބައި ކޮށްގަތެވެ. އައިރާގެ މަތިން ހަނދާންވުމުންނެވެ. ފޫހިކަމާއެކު ތުންއަނބުރާލާފައި ބަދިގެއަށް ނަޒަރު ހިންގާލިއެވެ. މޭޒުމަތީގައި މިއިން ޒަމާނަކު ނުފެންނަ ރޮށިތަށި ހުރިތަން ފެނި ރުބީނާ އަވަސް އަވަހަށް އައިސް އޭގެ މަތި ނެގިއެވެ. އެހިނދު ތާޒާ ހޫނު ރޮށިން އާވި އަރައިގަތެވެ. ރޮށިފިހުމަކީ ރުބީނާ ކުރާ ކަމެއްނޫނެވެ. އޭނާއަށް މާ މަސައްކަތް ބުރަކަމަކަށް ވަނީއެވެ. އެހެންވެ އެގެއަކީ ހެނދުނުގެ ސައި ޕާނާއި ސީރިއަލް ފަދަ އެއްޗެހިން ފުއްދާލާ ގެއެކެވެ. ނަމަވެސް ހޫނު ރޮށި ފެނުމުން ރުބީނާ ކުއްލިއަކަށް ކާހިތްވެއްޖެއެވެ. އޭނާ އަވަހަށް ދެން ބަލާލީ އުނދުންމަތީ މަތިޖަހާފައި ހުރި ތަވާގައި ހުރި އެއްޗެކެވެ. ތަވާގެ މަތި ނަގާލުމާއެކު ނޭފަތުގައި ޖެހުނު ވަހުން ބަނޑުފުރި އެރި ކަހަލައެވެ. ހައިކަމުންގެ އިންތިހާ އިހުސާސް ކުރެވިފައިވާ މީހަކު ފަދައިން ތުންފަތް ލޮވެލިއެވެ. ތަވާގައި ހުރީ ކުޅިމަހެވެ. އަމިއްލަ ގޭގައި ވަގަކު އުޅޭހެން ރުބީނާ ދެ ކޮޅު ހޯދާ ބަލާ އުސޫލުން އެތަނަށް މީހަކު އައުމުގެ ކުރިން ސިއްރުން ތަށްޓަކަށް ކުޅިމަސްކޮޅަކާއި ދެތިން ރޮށި ލައިގެން ކާމޭޒުދޮށުގައި ނީނދެ ހަލުވިކޮށް އައިސް ކޮޓަރިއަށް ވަނެވެ. ރޮށްޓާ ސައިބުއިމަކީ ގެއިން ބޭރުން ނޫނީ ރުބީނާއަށް ނުލިބޭ އުފަލެކެވެ.
އެހެން ދުވަސްދުވަހަށްވުރެ މައުރީންގެ ހާލު ރަނގަޅެވެ. އެހެންވެ އޭނާ ތެދުވެ އުޅުނެވެ. ނިޔާނު އައިސް އުޅޭކަމެއް އޭނާ ނުދެނަ ހުއްޓެވެ. ރުބީނާ ތަށިތައް ހިފައިގެން ބަދިގެ ފަރާތަށް އައި ވަގުތު ސިއްސައިގެން ދިޔައީ ސޯފާގައި ރިމޯޓު ހިފައިގެން ޓީވީ ބަލަން މައުރީން އޮތްތަން ފެނިފައެވެ. އަތުގައި ހުރި ތަށިތަކުގައި ރުބީނާ ބާރަށް ހިފަހައްޓާ ނުލެވުނުނަމަ ދެންމެ އެ ހުރިހާ ތަށްޓެއް އޮތީހީ ޓައިލްސްތަކުގެ މަތި އެތިއެތިކޮޅުތަކަށް ބުރައިގެން ގޮސްފައެވެ.
"މައުރީން..." ސިހުނު ވަރުން ރުބީނާ އޭނާގެ ދަރިފުޅުގެ ފުރިހަމަ ނަމުން ގޮވާލިއެވެ.
"މިހާރު ކުޑަކޮށް ރަނގަޅޭ މަންމާ... އެނދުގައި އޮވެއޮވެ ފޫހިވެއްޖެ... ތީ ކޮންތަށިތަކެއް؟ މައު ވެސް ވަރަށް ބަނޑުހައި ވެއްޖެ"
"ބަނޑުހައިވެއްޖެއްޔާ އާދެބަލަ ކާން... ކައިގެން ބޭސްކާން ހަނދާންކުރާތި" ރުބީނާ މާބޮޑުކަމެއް ނުވާކަމަށް ހެދުނެވެ. އަތުގައި އޮތް ތަށިތައް ގެނެސް ސިންކަށް ލުމަށްފަހު މައުރީންއަށް ކާމޭޒުމައްޗަށް ސައިނެގިއެވެ. އެކުއްޖާ ސޯފާއިން ތެދުވެގެން އައިސް ކާމޭޒުދޮށުގައި އިށީންނަމުން ކާން ހުރި އެއްޗިއްސާ ނަޒަރު ހިންގާލިއެވެ.
"މަންމާ! މީ ކޮންތަނަކުން ގެނައި އެއްޗިއްސެއް" ރޮއްޓާއި ކުޅިމަސް ހުރިތަން ފެނުމުން މައުރީން ހައިރާންވިއެވެ. ރުބީނާ އެހާ ހެނދުނާ ތެދުވެގެން އެފަދަ ކާއެއްޗެއް ތައްޔާރުނުކުރާނޭކަން މައުރީނަށް ޔަގީންވެއެވެ. އެހެންވެ އޭނާއަށް ހީވީ އެއީ ތަނަކަށް އޯޑަރު ދީގެން ގެނެސްފައި ހުރި ކާއެއްޗެހި ކަމަށެވެ. ރުބީނާ ވެސް މައުރީންއަށް އަރާފައިވާ އޮޅުން ރަނގަޅުކޮށްދޭކަށް ބޭނުމެއްނުވިއެވެ.
މައުރީން ނުކުމެ އުޅޭހެން ހީވެ ނިޔާނު ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އައެވެ. ސޯފާގައި އޮރެންޖެއް ކާން މައުރީން އިންތަން ފެނުމުން ނިޔާނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
"ދޮންބޭ! ކޮންއިރަކު އައީ"
"އައިއިރު މައު ތި އުޅުނީ ބަލިގަނޑު ލައްވާލައިގެންނު... މިހާރު ރަނގަޅުތަ؟"
"އާން! ނަސީބަކުން ފީވާއެއްނެތް... ކުލާސްކުދިން ފީލްޑްޓްރިޕް ދާން ހަމަޖައްސާފައި އޮއްވާ މައު މި ބަލިވީ... ވަރަށް ފޫހިވޭ... ދޮންބޭ! މައުގެ ފޯނުގެ ހެޑްސެޓު ހަލާކުވެގެން މިއުޅެނީ... ހެޑްސެޓެއް ހޯދަ ދީބާ" މައުރީންގެ ވާހަކަދެއްކުން ހުރި ގޮތުން އޭނާ ވަރަށް ބޮޑަށް ވެސް ރަނގަޅުކަން ނިޔާނަށް އެނގުނެވެ.
"އާދެބަލަ ދޮންބެއާއެކީ... މައުއާ މީޓުކޮށްދޭންވެފަ ހުރި ކުއްޖަކު އެބަހުރި" ހިނިއައިސްފައި ހުރެ ނިޔާނު ބުންޏެވެ.
"ދޮންބެގެ ކޮޓަރީގަތަ؟" ނިޔާނުގެ ކޮޓަރިއާ ދިމާއަށް ދާން ފެށުމުން ހައިރާންވެފައި މައުރީން އަހާލިއެވެ. އެއްވެސް އިރެއްގައި ނިޔާނުގެ ރައްޓެހިން ވެސް އެގެއަށް ގެނެސް ނަހަދައެވެ. ވީއިރު އެހާ ހެނދުނާ ނިޔާނުގެ ކޮޓަރީގައި މީހަކު ހުރީތީ މައުރީން ވަރަށް ބޮޑަށް އަޖައިބުވިއެވެ. އެއީ ކާކުތޯ އަމިއްލަ ސިކުނޑިއާ ސުވާލުކުރަމުން ނިޔާނުގެ ފަހަތުން އައިސް އޭނާގެ ކޮޓަރިއަށް މައުރީން ވަނެވެ. ކޮޓަރި ތެރޭ ހުރި އައިރާ ފެނިފައި މައުރީން ހުރީ އާގަމައަރާފައި ހުރި ހެންނެވެ. ދެ ލޯ ބޮޑުކޮށްލާފައި ނިޔާނާ ދިމާއަށް އޭނާ ބަލާލިއެވެ.
"ޝީޒް މައި ވައިފް... އައިރާ... މީ އަހަރެންގެ ކުޑަކުޑަ ކޮއްކޮ މައުރީން" މައުރީންގެ ފަހަތަށް ޖެހިލާ އޭނާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ނިޔާނު ބުނެލިއެވެ. އައިރާ ހިނިތުންވެލަމުން މައުރީންގެ ކުރިމައްޗަށް އައިސް އޭނާއާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އެ އަތުގައި މައުރީން ހިފާ ހިނިތުންވެލަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް އަދިވެސް ހުރީ ޤަބޫލުނުކުރެވިފައި ހުރި ހެންނެވެ. އައިރާއާ ދިމާއަށް އެސްފިޔަ ޖަހާނުލާ ބަލަމުންދިޔައެވެ
"މައު! މައު!... މި ކޮޓަރިއަށް ކީއްކުރަންވަނީ... ހަމަ މިހާރު އާދޭ" މައުރީން ހޯދަމުން ދިޔަ ރުބީނާއަށް ނިޔާނުގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރިތަން ފެނި ބަލާލިއެވެ. އެއާއެކު އެ ކޮޓަރިތެރޭ ހުރި މައުރީން ފެނުމުން އަވަސް އަވަހަށް ދަރިފުޅުގެ އަތަށް ދަމާލާ ނިޔާނާ ދުރުކޮށްލިއެވެ. މަންމަގެ ނުރުހުން ފެނިފައި އިތުރަށް މައުރިން ޙައިރާންވިއެވެ. އަނގައިން ބުނުމެއްނެތި ރުބީނާ އެދުނު ފަދައިން ނިޔާނުގެ ކޮޓަރިން މައުރީން ނުކުތެވެ. އޭނާގެ ފަހަތުން ރުބީނާ ނުކުންނަމުން އެ ކޮޓަރީގެ ދޮރު "ބަން"ލާފައި ޖެހިއެވެ.
"މަންމާ! އެއީ ކާކުތަ؟ ސީރިއަސްކޮށް ވެސް ދޮންބެ މެރީ ކުރީތަ؟"
"ނޭނގެ މަށަކަށް" ފޫހި ރާގެއްގައި ރުބީނާ ބުންޏެވެ.
"ކޮންއިރަކު ދޮންބެގެ ވެޑިން އޮތީ؟ ދޮންބެ ކީއްވެ މައު ކައިރީ ނުބުނީ"
"މައުގެ ދޮންބެ އެހުރީ ދުނިޔެއިން މޮޔަވެފަ... މީހުންނާ އިންނައިރު ޢާއިލާއަށް އަންގާލުމެއް ވެސް ނޯވޭ... އެންމެ ކުޑަމިނުން މައިމީހާގެ ރުހުން ހޯދާލި ނަމައެއްނު... ތަނަކުން އަންހެނަކު ފެންނައިރަށް އެ ވަރިހަމަ ކޮންމެ މީހަކަށް ވިޔަސް" ރުބީނާގެ ވާހަކަތައް އިވިފައި މައުރީންއަށް ކަންތައްވެގެން އުޅޭ ގޮތް ރެއަކާލިއެވެ. މަންމަގެ ނުރުހުމުގައި ނިޔާނު ކައިވެނި ކުރީކަމެވެ.
"ލާފަ ހުރި ހެދުން" އައިރާއާ މެދު ވިސްނަން އިނދެފައި މައުރީންއަށް ހިތަށް އެރި އެއްޗެއް ދުލުން ބޭރުކޮށްލެވުނު ކަމެއް ނޭނގެއެވެ.
"ރާއްޖެރޭ ކޮންހިސާބަކުންކަމެއް ނޭނގެ އައިސްފައި އެ ހުރީ... ތަހުޒީބުގެ ކަންފުޅެއް ވެސް ނެތީ... މިހާރު ރަށްފުށުގައި ވެސް އުޅެނީ އެހާ ތަންދޮރު އޮޅުން ނުފިލާ މީހުނެއްނޫން... މި ނޭނގެ ކޮން ދުނިޔެއަކުން އައިސްގެން އުޅޭ ބުރާންޗެއްކަމެއް" ރުޅި އައިސްފައި ހުރި ރުބީނާ ސޯފާގައި އިށީނެވެ. އޭނާއަށް ވިސްނުމުގެ ނަޒަރަކުން ބަލަން މައުރީން އިނެވެ.
"ނުކިޔަވާ ހުރި ކުއްޖެއްތަ އައިރާއަކީ... ދޮންބެ އެކަހަލަ ކުއްޖަކާ މެރީ ކުރީ ކީއްވެބާ؟" މައުރީން ސިކުނޑީގައި ނިޔާނާއި އައިރާގެ ޚިޔާލުތައް އެނބުރެން ފެށިއެވެ. ރުބީނާ ބުނާ ފަދަ ތަންދޮރު ވަކިނުވާ އަންހެންކުއްޖަކާ ނިޔާނު ގުޅި ދާނެކަމާ މެދު މައުރީން ސުވާލު އުފެދެއެވެ. އަނެއްކޮޅުން އައިރާ ލާފައި ހުރި ހެދުމުން އެ އަންހެންކުއްޖާއަކީ މައުރީންގެ ވިސްނުން ބަލައިގަންނަ ފަދަ ކުއްޖަކަށް ނުވެއެވެ.
"މުޅި ގެއަށް ވެރިވެގަންނަން ވެގެން އެ އުޅެނީ" ރުބީނާ އިނދެފައި ބުނެލި ބަސްތަކުން މައުރީނަށް ދެލޯ ބޮޑުކޮށްލެވުނެވެ.
"އެއީ ކީއްވެ؟" މައުރީން ވަގުތުން ސުވާލުކުރިއެވެ.
"ނިޔާނަކީ މާލޭ މީހަކަށް ލިބިފައި ހުރި ދަރިއެއްވީމަ. ދެފައިދެގޯޅިވަރުގެ ތަންކޮޅެއް އޮތަސް ވަރިހަމަވާނެ އެކަހަލަ އަންހެނުންނަށް. ބަލަން ހުންނާތި. ނިޔާނަށް ލިބޭ ލާރިކޮޅު ވެސް ބައްކޮށްގެން ހުންނާނީ އޭނާ... އަހަރުމެންނަށް ޚަރަދެއް ކުރިޔަކަށް ނުދޭނެ" މައުރީންގެ ހިތް އައިރާއާ މެދު ނުބައިވާނޭ ފަދަ ޚިޔާލުތައް ރުބީނާގެ ވާހަކަތަކުން އުފެދެމެދުން ދިޔައެވެ. ފަހަރެއްގައި އެއީ ރުބީނާ އެދޭގޮތް ކަންނޭނގެ އެވެ. (ނުނިމޭ)