ހަބަރު

އިމްރާން މަސައްކަތް ކުރައްވަނީ އެ ޕާޓީގެ އިލްމުވެރިންނާއި މެމްބަރުންގެ ބަހެއް ނެތި: ޕީޕީއެމް

Mar 25, 2015

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޕާޓީގެ އާންމު މެމްބަރުންނާއި އިލްމުވެރިންގެ ބަހެއް ނެތި ހުދު މުޚުތާރު ކަމާ އެކު ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މިހާރު ހިންގާ ހަރަކާތުގައި އިމްރާން ބައިވެރިވެ، ސަރުކާރަށް ފާޑު ކިޔަމުންދާތީ ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އިމްރާން މިހާރު މަސައްކަތް ކުރަމުން ދަނީ އަދާލަތު ޕާޓީ އުފައްދާފައިވާ މަގްސަދާ ޚިލާފަށް އެ ޕާޓީގެ އާންމު މެމްބަރުންނާއި އިލްމުވެރިންގެ ބަހެއް ނެތި ސަރުކާރު ބަދުނާމު ކުރުމަށް ކަމަށެވެ. އަދި އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ އެ ޕާޓީގެ ހުރިހާ ބާރުތަކެއް އަމިއްލަ މުށުތެރެއަށް ލައިގެން ކަމަށް އެ ޕާޓީގެ މެމްބަރުންނާއި އިލްމުވެރިން ބުނަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ސަރުކާރުން ގާނޫނާއި ޚިލާފަށް ކަންކަން ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވަމުންދާ ނަމަވެސް ގާނޫނާއި ޚިލާފަށް ސަރުކާރުން ކުރި އެއްވެސް ކަމެއް އޭނާއަށް ހާމަ ކުރެވިފައިނުވާ ކަމަށެވެ. އަދި އިސްލާމް ދީނުގެ ހައްގުގައި އިމްރާން ވާހަކަ ދައްކަވާއިރު ކީރިިތި ރަސޫލާއަށް ހަޖޫ ޖަހައި، ތަގްރީރު ކުރި މީހެއްގެ ހައްގުގައި އިމްރާން ނިކުމެވަޑައިގެންފައިވާތީ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އިމްރާން މިހާރު މަސައްކަތް ކުރައްވަމުން ދަނީ ރާއްޖޭގެ ހަމަޖެހުން ނަގާލައި، ޒާތީ ތައައްސުބު އިސްކޮށްގެނެވެ. އެއީ ޕާޓީއެއްގެ ރައީސަކު އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށާއި އެހެންވެ އެކަމާ މެދު ފިޔަވަޅު އެޅުމަކީ ޕާޓީގެ އިލްމުވެރިންނާއި އާންމު މެމްބަރުންގެ ޒިންމާއެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ހިންގާ ހަރަކާތުގައި އިމްރާން މިހާރު ވަނީ ބައިވެރިން ފަށައިފަ އެވެ. ކޮންމެ ރެއަކު މާލޭގައި ބާއްވަމުންދާ މުޒާހަރާތަކުގައި ވެސް އޭނާ މިހާރު ބައިވެރިވެ ވަޑައިގަންނަވަ އެވެ.