ކުޅިވަރު

ޔޫވީގެ ކޯޗް ކަމުން އާތީ އިސްތިއުފާ ދީފި

Mar 21, 2017

ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗް ކަމުން، މުހައްމަދު އާތިފް (އާތީ) އިސްތިއުފާ ދީފި އެވެ.

މިދިޔަ ސީޒަންގައި، އެންމެން ހައިރާން ކޮށްލުމަށްފަހު ގަދަ ހަތަރަކަށް، ޔޫވީ ގެންގޮސްދިން، އާތީ އެ ޓީމުން އިސްތިއުފާ ދިން ސަބަބާ ބެހޭގޮތުން މިއަދު އެފްއޭއެމްގައި ބޭއްވި މިޑިއާ ބްރީފިންގައި ބުނީ ޔޫވީގައި ކޯޗެއްގެ ހައިސިއްޔަތުން، މަސައްކަތް ކުރެވޭނެ މާހައުލެއް މިހާރު ފެންނާން ނެތުމުން އިސްތިއުފާ ދިނީ ކަމަށެވެ.

އޭނާ ބުނީ ޓީމުގައި ޓާގެޓެއް ނެތް ކަމަށާއި މިފަހަރު ސީޒަންގައި ވާދަ ކުރަނީ ބައިވެރިވެލުމުގެ ގޮތުން ކަމަށެވެ.

"މުބާރާތުގައި ޓީމެއް ބައިވެރިވެލުމުގެ ނަމުގައި ބައިވެރިވެލީ، އެއްގޮތަކަށް ވެސް ނުފެނޭ ޔުނައިޓަޑް ވިކްޓަރީން މި ފަހަރު މި މަސައްކަތް ކުރަނީ ޓާގެޓްތަކެއް އޮވެގެން އެއްޗެއް އެޗީވް ކަރަން ހެނެއް،" އާތީ ބުންޏެވެ.

އާތީ ބުނީ ޔޫވީގައި ކޮންމެވެސް ޑިޕާޓްމެންޓެއްގެ މައްސަލައެއް އުޅޭ ކަމަށެވެ. އިތުރު ތަފްސީލަކަށް ނުދެ އެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައިވެސް ކޯޗިންގެ ދާއިރާއިން ފެންނާނެ ކަމަށާއި ނަމަވެސް، އަދި ވަކިގޮތެއް ނުނިމާ ކަމަށެވެ. ނަމަވެސް މަސައްކަތެއް ފެށުމުގެ ކުރިން އިތުރަށް ވިސްނާ ލުމަށް ދެހަފުތާއެއް ހޭދަ ވާނެ ކަމަށެވެ.