ކުޅިވަރު

ގައުމީ ޓީމުގައި ޕީކޭ އާއި ރާމޯސް: ދެ އެކުވެރިން

Mar 21, 2017

ސްޕެއިންގެ ރެއާލް މެޑްރިޑާއި، ބާސެލޯނާގެ ވާދަވެރި ކަމުގެ ވާހަކަ އަކީ، ޔޫރަޕް ހުރަސްކޮށް، ދުނިޔޭގެ ހުރިހާ ބިތަކަށް ފޯރާފައިވާ އަޑުގަދަ ވާހަކަ އެކެވެ. މި ވާދަވެރިކަމުގެ ތެރެއިން ދެ ޓީމުގެ ކުޅުންތެރިން އެއް ޓީމު އަނެއް ޓީމަށް ހޫނު ހަމަލާތައް ފޮނުވާލުމަކީ، ސްޕެއިންގެ ކުޅިވަރު ނޫސް ތަކުން، ކޮންމެ ދުވަހަކު ހެން ޖާގަ ހޯދާ ސްރުހީ ތަކެވެ. މިކަމުގައި ދެ ޓީމުންވެސް އަރާ ތިބޭ ދެ ކުޅުންތެރިންނަކީ، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. މި ދެ ކުޅުންތެރިން އެކަކު އަނެކަކަށް އެއްލާ ގާބުރިން ޒަހަމް ވަނީ، އެ ދެކުޅުންތެރިން އެކަންޏެއް ނޫނެވެ. ދެ ޓީމުގެ ސަޕޯޓަރުންގެ ދެ މެދުގައިވެސް ވަރުގަދަ ކުރިމަތިލުންތައް ހިނގާފައި އެބަ ހުއްޓެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް އެ ދެކުޅުންތެރިންގެ ބަހުގެ ހަމަލާތައް މީޑިއާގައި ކެކިކެކި ހުއްޓެވެ. ނަމަވެސް، ކުލަބު ފުޓްބޯޅައިގެ ވާދަވެރިކަން އެއްފަރާތް ކުރުމަށް ފަހު، މުޅި ދުނިޔޭގެ ފުޓްބޯޅަ ފަރިކޮށްފައިވަނީ، ފީފާގެ އިންޓަނޭޝަނަލް ބްރޭކަށެވެ. ގައުމީ ޓީމުތަކަށް ހުއްސްކުރާ އެބްރޭކާއެކު، ރެއާލް އާއި ބާސާގެ ވާދަވެރިކަން ވެސް ހިނދިއްޖެ އެވެ. ގައުމީ ރޫހްގައި ރާމޯސް އާއި ޕީކޭވެސް ތިބީ ފިނި ހަނގުރާމަ ހުއްޓަލައި ސުލްހައިގެ ދަނޑަށް ނިކުމެ އެވެ.

އެ ދެ ކުޅުންތެރިންނަކީ ވެސް، ސްޕެއިންގެ ދިފާއި ލައިނުގެ އެންމެ މައި ދެ ތަނބެވެ. ރާމޯސްވެސް ބުނީ ގައުމީ ޓީމުގައި ދެ ކުޅުންތެރިންގެ ދެމެދުގައި އެއްވެސް ވަދަވެރިކަމެއް ނޯންނާނެ ކަމަށެވެ.

"ޕީކޭ އާއި އަހަރެން ވާނީ، ގިނަ ގާ ބުރިތަކެއް އެކަކު އަނެކަކަށް އުކާފައި، ނަމަވެސް މިހާރު އަހަންނާ އޭނާ ބައްދަލު ވެއްޖެއްޔާ އޭނާގެ ގައިގައި އަހަރެން ބައްދާލާނަން،" ސްޕެއިންގެ ގައުމީ ޓީމުގެ ޕްރެކްޓިހަށް ނިކުތުމުގެ ކުރިން، ރާމޯސް ބުންޏެވެ.

ރާމޯސް ގަބޫލު ކުރާ ގޮތުގައި، އެއީ ރެއާލް އާއި ބާސާގެ ދެމެދުގައި އޮންނަ ވާދަވެރި ކަމުގެ ތެރެއިން ތޮބީއީ ގޮތުން، ކުޅުންތެރިންގެ މެދުގައިވެސް ފާޅުވާ ކަމަކެވެ. ނަމަވެސް އޭނާ ޔަގީން ކޮށްދޭ ގޮތުގައި އެ ވާދަވެރިކަން ސްޕެއިންގެ ގައުމީ ޓީމަކަށް ނާންނާނެ އެވެ.

މީގެ އަހަރުތަކެއް ކުރިން، ސްޕެއިންގެ ކޯޗަކަށް އަންނަ މީހަކުވެސް އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ އެއް ކަމަކަށް ވެފައި ވަނީ، ރެއާލް އާއި ބާސާގެ ވާދަވެރިކަން ޓީމުގެ އެތެރެއަށް ވަނަ ނުދިނުމަށެވެ. ނަމަވެސް، އެކަން ބަދަލު ކޮށްލި ކޯޗަކީ 2008 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން އަށް ހޯދައިދިން، ލުއިސް އަރަގޯނޭޒް އެވެ.