މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް މުއައްޒަފުން ސައިޓީސްއަށް ހޭލަވައްވައިފި

ކަސްޓަމްސްގެ މުއައްޒަފުންނަށް އަމާޒުކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން "ސައިޓީސް" ވޯކްޝޮޕެއް ބާއްވައިފި އެވެ.

ވޯކްޝްޕް ނިންމާލުމުގެ ރަސްމިއްޔާތުގައި އެނާޖީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ސައިޓީސްގެ މުއާހަދާގެ ދަށުން ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބާވަތްތައް ހިމާޔަތްކޮށްފައިވާ ކަމަށާއި އެ ތަކެތި އެއްގައުމުން އަނެއް ގައުމަށް އެތެރެ ކުރުމާއި ބޭރުކުރުމުގެ ކަން ކަން ބަލަހައްޓާ ބަޔަކީ ކަސްޓަމްސް ކަމަށްވާތީ މުއާހަދާގެ ފުރިހަމަ މައުލޫމާތު އިނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ ވަހީދު ވިދާޅުވީ ކަސްޓަމްސްގެ މުއައްޒަފުން ވާން ޖެހޭނީ މިފަދަ މުއާހަދާ ތަކަށް އަހުލުވެރިވެފައިވާ އަދި ތަންފީޒް ކުރާ ބަޔަކަށް ކަމަށެވެ.

ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ (ސައިޓީސް) އަކީ ދިރޭތަކެތީގެ ނަސްލުގެ ތެރޭން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ހިމާޔަތް ކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ މުއާހަދާއެކެވެ. ސައިޓީސްއަކީ ޖުލައި 19، 1975 ގައި އިފްތިތާހުކޮށް 183 ގައުމެއް ބައިވެރިވެފައިވާ ކޮންވެންޝަނެވެ.

މި ތަމްރީނު ޕްރޮގުރާމްގެ ދަށުން މިހާތަނަށް ފަސް ބުރަކަށް ބަހާލެވިގެން ކަސްޓަމްސްގެ 115 މުއައްޒަފުންނަށް ވަނީ މި ތަމްރީން ދީފައެވެ.