ހަބަރު

އެމްޑަބްލިއުއެސްސީއާއެކު ފެނުގެ ދުވަސް

Mar 22, 2017

މިއަދަކީ ކޮންމެ އަހަރަކުވެސް އެމް.ޑަބްލިޔު.އެސް.ސީ.އިން ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ދުވަހެކެވެ. މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤުވާމީ ފެނުގެ ދުވަހެވެ.

އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ 1995ގެ ތެރޭގައި މާލެއަށް ދިމާވި ބޯފެނުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަޤްސަދުގައެވެ. އެހިސާބުން ފެށިގެން، އެމް.ޑަބްލިޔު.އެސް.ސީ.އިން ފަސްނުޖެހި ރައްޔިތުންނާ ހަމައަށް ސާފުބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ފެނުގެ ވަސީލަތްތައް މަދު ޤައުމަކަށް ވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މަސައްކަތް ފުޅާކޮށް ޚިދުމަތް ތަރައްޤީކުރުމުގައި މެދުނުކެނޑުމެއްނެތި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ތަރައްޤީގެ ގިނަ އޮޅިތަކެއް ގިރާކުރަމުންއައިސް، މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ މާލެ ހިމެނޭގޮތުން ރާއްޖޭގެ 8 ރަށެއްގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ ތިންއަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމްގެ 46 މަޝްރޫއެއްގެ ތެރެއިން %80 މަސައްކަތް ކޮންޓްރެކް އުސޫލުން އެމް.ޑަބްލިޔު.އެސްސީ އިން ދަނީ ކުރަމުންނެވެ.

އަދި އެހެންމެ ސަރުކާރުގެ ހަރުދަނާ ސިޔާސަތާ އެއްގޮތަށް އެމް.ޑަބްލިޔު.އެސްސީ އިން އެކުލާވާލާފައިވާ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ މައި ފެން ޕްލާންޓުގެ އިތުރުން މާލޭގެ އިތުރު ދެސަރަހައްދެއްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ފެން ޕްލާންޓްތަކުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ދަނީ ކުރެވެމުންނެވެ. މިގޮތުން ބޮޑުތަކުރުފާނުމަގުގައި ޤާއިމްކުރާ 5000 ކޮޑިމީޓަރުގެ ފެން ޕްލާންޓު ކޮމިޝަންކުރުމުގެ މަސައްކަތް ކުރެވިފައިވާއިރު، ހަވީރީ ހިނގުމުގައި ބެހެއްޓޭަ 2000 ކޮޑިމީޓަރގެ ފެން ޕްލާންޓުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމި އެޕްލާންޓްވެސް ބޭނުންކުރެވެން ފެށިގެންދާނެއެވެ. މީގެ އިތުރުން، މާލޭއާއި ހުޅުމާލޭގެ ނެޓްވޯކް ގުޅުވާލުމަށްޓަކައި ބުރިޖު މެދުވެރިކޮށް އެޅުމަށް ހަމަޖެހިފައިވާ ހޮޅިލައިން ޑިޒަިންކުރުމުގެ މަސައްކަތް ޗައިނާ ސީ ސީ ސީ ސެކަންޑް ހާބަރ އެންޖިނިއަރިން އާ ގުޅިގެން ދަނީ ކުރެވެމުނެނެވެ.

މިއަހަރު ފެނުގެ ދުވަހާ ގުޅުވައިގެން އެމް.ޑަބްލިޔު.އެސްސީ އިން "ސޭވް ވޯޓަރ" ގެ ނަމުގައި ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ކެމްޕޭންގެ މަޤްސަދަކީ ރައްޔިތުން ފެން އިސްރާފް ނުކުރުމަށް ހޭލުންތރިކަން އިތުރު ކުރުމުގެ ގޮތްން މުޅި އަހަރަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ.

ފެނުގެ ދުވަހުގެ ޚާއްސަ އިންސްޓްގްރާމް މުބާރާތް

ވޭތުވެ ދިއަ ދެހަރު ދުވަހުގައި، އެމް.ޑަބްލިޔު.އެސްސީ އިން ފެނުގެ ދުވަހާ ގުޅުވައިގެން ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން އިންސްޓާގްރާމް ފޮޓޯ މުބާރާތެއް ދަނީ ކުރިއައް ގެންދަމުންނެވެ. ހަމަ އެފަދައިން މިއަހަރުވެސް މި ފޮޓޯ މުބާރާތް ކުރިއައް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މައިގަނޑު މަޤްސަދަކީ ފެން އިސްރާފް ނުކުރުމަށް ބާރު އަޅުވާ މިކަންކަމަށް ރައްޔިތުންގެ ލޯ ހުޅުވުމެވެ. ވުމާއެކު، މި ފޮޓޯ މުބާރާތަކީ ފެން އިސްރާފް ނުކުރުމަށް ރައްޔިތުން ހޭލުންތެރިކަން އިތުކޮށްދޭނެ ނުވަތަ މިފަދަ ކަންކަމާ ދޭތެރޭގައި ރައްޔިތުންގެ ވިސްނުން ފުޅާކޮށްދޭނެކަމެއްކަމުގައި ދެކެމެވެ.

ސްކޫލް ކުދިންނަށް ޙާއްސަ ކުރެވިގެން ބާއްވާ ކުރެހުމުގެ މުބާރާތް

ދަރިވަރުންނަށް ފެން އިސްރާފް ނުކުރުމާއި މެދު އަހުލުވެރި ކުރުވުމުގެ މަޤްސަދުގައި އެމް.ޑަބްލިޔު.އެސްސީ އިން ވަނީ "ސޭވް ވޯޓަރ" ގެ ނަމުގައި، ސްކޫލް ތަކަށް ހާއްސަ ކުރެވިގެން ކުރެހުމުގެ މުބާރާތެއް ހުޅުވާލެވިފައެވެ.

ރައްކާތެރި ފެން އެންމެންނަށް، އަބަދުވެސް

"ރައްކާތެރި ފެން އެންމެންނަށް، އަބަދުވެސް"، މިޝިއާރުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ.އިން 1995 އިން ފެށިގެން ދަނީ ރައްކާތެރި ސާފު ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އަދި ރައްކާތެރި ސާފު ފެން ބޭނުންކުރުމުގެ މުޙިއްމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވައި، ނުސާފު ފެން ބޭނުންކުރުމުގެ ނުރައްކަލާއި ނުސާފުފެން ބޭނުން ނުކުރުމަށް އިލްތިމާސްކުރުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް ކުންފުނިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދެވެއެވެ.

އެމް.ޑަބްލޔު.އެސް.ސީ.އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ، އަދި ކުންފުނީގެ މިޝަންއަކީ ވެސް، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްސާކޮށް ދިވެހި ރައްޔިތުންގެ ދިރިއުޅުން އަދަށްވުރެ ފާގަތިކޮށްދިނުމެވެ.