އާސެން ވެންގާ

ޕީއެސްޖީގެ ހުށަހެޅުމެއް ނުލިބޭ: ވެންގާ

ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަން އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނި ނަމަވެސް، އެ ވާހަކަތައް ވެންގާ ދޮގު ކޮށްފި އެވެ.

އިންގްލެންޑްގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ދަ ސަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީއެސްޖީން ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެ ޓީމާ ހަވާލުވުމަށް ވެންގާ އަށް ހުށަހަޅައިފަ އެވެ.

އާސެނަލްއާއެކު ވެންގާ ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ކޮންޓްރެކްޓް އާ ކުރުމާ ގުޅޭގޮތުން ވެންގާ އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުބުނެ އެވެ.

ބެއިން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ވެންގާ ބުނީ ޕީއެސްޖީގެ ހުށަހެޅުމަށް ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

"ތި ވާހަކަތަކަކީ ހަމަ ކަނޑައެޅިގެން ދޮގެއް. ޕީއެސްޖީގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ. ތިއީ ހަމަ ފޭކް ހަބަރެއް،" ވެންގާ ބުންޏެވެ.

އާސެނަލް އިން ފަހަކަށް އައިސް ނެރިފައިވާ ނަތީޖާތަކުގެ ސަަބަބުން ވެންގާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބަޔާން މިއުނިކް އަތުން އެ ޓީމު ބަލިވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އާސެނަލް މި ވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ.