އާސެން ވެންގާ

ފީފާގެ ޑިވެލޮޕްމެންޓް އިސްވެރިޔަކަށް ވެންގާ

ފީފާގެ ގުލޯބަލް ފުޓްބޯޅަ ޑިވްލަޕްމެންޓްގެ އިސްވެރިޔަކަށް، އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގާ ހަމަޖައްސައިފި އެވެ.

އާސެނަލްގެ ކޯޗްގެ މަގާމުގައި 22 އަހަރު ހޭދަ ކުރުމަށް ފަހު އެ ކުލަބުން ވެންގާ އިސްތިއުފާ ދިނީ މިދިޔަ އަހަރު ޖޫން މަހަށް ފަހު އެވެ. ފީފާގެ ވަޒީފާއަކީ އޭގެ ފަހުން ފުޓްބޯޅައިގެ ޓެކްނިކަލް މަގާމެއްގައި ވެންގާ މަސައްކަތް ކުރާނެ ފުރަތަމަ މަގާމެވެ. އާސެނަލްގެ ކޯޗް ކަމުން ވަކިވި ފަހުން ވެންގާ އެންމެ ގިނައިން ފެނުނީ ބީއިން ޓީވީގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. ފީފާއިން ބުނީ ފީފާގެ ޓެކްނިކަލް މަސައްކަތްތަކުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރާނީ ވެސް ވެންގާ ކަމަށެވެ.

ބަޔާން މިޔުނިކްގެ ކޯޗް ކަން ވެންގާ އާ ގުޅުވިގެން ދިޔަިއރު، އެ ކުލަބުގެ މަގާމާ މިދަނޑިވަޅުގައި ހަވާލުވުމުގެ ވިސްނުމެއް ވެންގާ ނުގެންގުޅެ އެވެ. ފީފާގެ މަގާމު ހަވާލުވުމަށް ފަހު ވެންގާ ބުނީ ފީފާގެ މަގާމަކީ އާ ޗެލެންޖެއް ކަމަށާއި އަދި އޭނާ އަކީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ފުޓްބޯޅަ އެނަލައިސް ކުރަން ބޭނުންވާ މީހެއް ކަމަށްވުމުން އެކަމަށް ފީފާގެ މަގާމަކީ އާ ޗެލެންޖަކަށް ވާނެ ކަމަށް ފްރާންސަށް ނިސްބަތްވާ ތަޖުރިބާކާރު ބުންޏެވެ.

ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ ވިދާޅުވީ ފީފާގެ މަގާމަށް އަންނަން ވެންގާ އެއްބަސްވުމަކީ ފީފާއަށް ލިބިގެންދާ ބޮޑު ފަހްރެއް ކަމަށެވެ. އެއީ ވެންގާ އަކީ ފުޓްބޯޅައިގެ ނޮލެޖުގައި ދުނިޔޭގެ އެއް ތަޖުރިބާކާރު ފަރާތް ކަމަށް ވުމުން ކަމަށް އިންފެންޓިނޯ ވިދާޅުވި އެވެ.