ކުޅިވަރު

ބާސާގެ ރީތި ސްޓައިލް ގެއްލިއްޖެ: ވެންގާ

ބާސެލޯނާއިން ކުރިން ދެމެހެއްޓި ރީތި ސްޓައިލްގެ ފުޓްބޯޅަ ގެއްލިއްޖެ ކަމަށް ލެޖެންޑަރީ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

ވެންގާ ބުނީ، ބާސެލޯނާއިން ކުރިން ދެމެހެއްޓި އެ ސްޓައިލަކީ އިދިކޮޅު ޓީމުތަކުން ޖެހިލުންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް މިހާރު އެ ޓީމުގެ ކިބައިން އެކަން ގެއްލިއްޖެ ކަމަށެވެ. ޗެމްޕިއަންސް ލީގްގައި ރޭ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ބާސާއަށް ނަތީޖާ ނުނެރެވުނެވެ.

ވެންގާ ބުނީ، ބާސާއިން މެސީއަށް ބަރޯސާވުން މާ ބޮޑުވެފައިވާ ކަމަށާއި އެ ޓީމުގެ އެހެން ކުޅުންތެރިން ތިބެނީ މެސީ ރަނގަޅު ކަމެއް ކޮށްފާނެ ކަމަށް ބަލައިގެން ކަމަށެވެ.

"ފުޓްބޯޅައިގެ ނަޒަރަކުން މިއީ ވަރަށް ޝައުގުވެރި ކޭސްއެއް، ބާސާގެ އެބައޮތް ތާރީހެއް ޓީމެއްގެ ގޮތުގައި މޮޅު ފުޓްބޯޅައެއް ކުޅުން، އެ ސިސްޓަމުގައި އެންމެ ކުރީގައި ވަނީ މެސީ، މުޅި ޓީމު އެކުގައި ބޮޑު ތަފާތެއް ދައްކާ،" ޗެމްޕިއަންސް ލީގްގައި ބީއިން ސްޕޯޓްސް ޗެނަލްގައި އެނަލިސްޓެއްގެ ގޮތުގައި އިނދެ ވެންގާ ރޭ ބުނެފައި ވެއެވެ.

"އެހެންނަމަވެސް މިހާރު އެ ޓީމު އޮންނަނީ މެސީ ވަކި ގޮތެއް ހަދާނެ ކަމަށް ބަލަހައްޓައިގެން، މުޅި ޓީމެއްގެ ގޮތައި ކުރިން ކުރި މަސައްކަތް ކުރާ ތަނެއް ނުފެނޭ، އެ ޓީމަކީ މޮޅު ޓީމެއް އެހެން ނަމަވެސް އެ ޓީމުގެ ކިބައިގެން އެ ރީތި ސްޓައިލް ގެއްލިއްޖެ، ޗެމްޕިއަންސް ލީގްގައި އެ ޓީމުގެ ފެއިލްޔާގެ ސަބަބުން ކިހާ ވަރަކަށް އަސަރު ކޮށްފައިވޭތޯ އެ ޓީމުން ޖެހޭނެ ދެނެގަންނަން."