ބޭރު ކުޅިވަރު

ބާސެލޯނާ މާމޮޅު، ކައުންޓައެޓޭކްގައި ގޯސް ޕާހެއް ނުދޭނެ: ވެންގާ

އޭނާގެ ޓީމަށްވުރެ ބާސެލޯނާ މާމޮޅު ކަމަށާއި ނަމަވެސް ރޭގެ މެޗު ގެއްލިގެންދިޔައީ އަމިއްލަ މިސްޓޭކުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް 2-0އިން ބަލިވި މެޗަށް ފަހު އެވެ.

"ބާސެލޯނާ އަކީ ވަރަށް މޮޅު ޓީމެއް. އަހަރުމެން ވަރަށް މަސައްކަތް ކުރިން މެޗު ކާމިޔާބު ކުރަން. ޓެކްނިކަލީ އަހަރުމެން ވަރަށް އެއްވަރު. އެމީހުން މޮޅު،" ވެންގާ ބުންޏެވެ.

ނަމަވެސް ލިބުނު ގިނަ ފުރުސަތުތައް އާސެނަލްގެ ކުޅުންތެރިން ނަގާލާފައިވާތީވެ މެޗު ގެއްލުނީ އަމިއްލަ މިސްޓޭކުން ކަމަށް ވެސް ވެންގާ ބުންޏެވެ.

"އަހަރެން ދެރަވަނީ އަހަރުމެން ޑޮމިނޭޓްކޮށްފައި އިދިކޮޅު ޓީމު ގޯލު ޖަހަން ދިނީމަ. މިއީ މިދިޔަ ސީޒަނުގައި މޮނާކޯއާ ދެކޮޅަށް ވެސް ވީގޮތް. މިއީ ހަމައެކަނި މާޔޫސްވާ ކަމަކީ. އަހަރުމެން ދިން ފުރުސަތަކުން އެމީހުން މޮޅުވީ. އަހަރުމެން އެމީހުންނަށް ކައުންޓަ އެޓޭކް ކުރަން ފުރުސަތު ނުދިނުން މެޗުގައި ވަރަށް މުހިންމު. އެއީ އެމީހުންގެ ބިލްޑްއަޕްގައި އެމީހުން ގޯސް ޕާހެއް ނުދޭނެ. އެކަން ނުކުރެވިގެން އަހަރުމެން ބަލިވީ،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ދެ ވަނަ ލެގު ކުޅެން ޖެހޭނީ ބާސެލޯނާގެ ދަނޑުގައި ކަމަށްވުމުން ހަގީގަތަކީ ބާސެލޯނާ ބަލިކުރަން ވަރަށް އުނދަގޫވުން ކަމަށެވެ.
"އެހީ ހަގީގަތަކީ. ވަރަށް އުނދަގުވާނެ. އެކަމަކު ނުވާނެއޭ ނުބުނާނަން. އަހަރުމެން ޖެހޭނީ އެ ދަނޑުގައި ވެސް މަސައްކަތް ކުރަން. މި މެޗުގައި ވެސް އަހަރުމެންނަށް ފުރުސަތު ލިބުނު. ގޯލު ނުޖެހުނީ،" ވެންގާ ބުންޏެވެ.

މެޗުގައި ބާސެލޯނާގެ ދެ ގޯލު ވެސް ޖެހީ ފަހު ހާފުގައި ލަޔޮނަލް މެސީ އެވެ. އޭނާގެ ފުރަތަމަ ލަނޑަކީ އާސެނަލްގެ ކުޅުންތެރިން ބާސެލޯނާގެ ހާފުގައި ގިނަ ވަގުތު ކުޅެ ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދަނިކޮށް ކައުންޓައެޓޭކްގައި ނޭމާ ހުސްކޮށްފައި ދިނުމުން ޖެހި ގޯލެވެ. ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ މެތިއު ފްލެމިނީ ކުޅެން ނުކުތް މިނިޓްގައި ޕެނަލްޓީ އޭރިޔާ ތެރެއިން މެސީ ވައްޓާލުމުން ލިބުނު ޕެނަލްޓީއެކެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ ހުރިހާ ކަމަކާމެދު ވެސް އޭނާ ހިތްހަމަޖެހޭ ކަމަށެވެ.
މެޗަށް ފަހު އާސެނަލްގެ ކުޅުންތެރިން ވެސް ބުނީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމަކީ ބަލިވުމުގެ އެންމެ މުހިންމު ސަބަބު ކަމަށެވެ.